05 ޖޫން 2016 - 09:34

ލޯފަން ކުއްޖެއްގެ ރޯލު "ދޯ ލަފްޒޯންކީ ކަހާނީ"ގައި ކުޅެން ޖެހުން ވީ ފިލްމީ ބަތަލާ ކާޖަލް އަގަރްވާލަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިއީ ކާޖަލްގެ ފިލްމީ ކެރިއަރުގައި އޭނާއަށް މިހާތަނަށް ކުޅެން ޖެހުނު އެންމެ އުނދަގޫ ރޯލުކަމަށް އޭނާ ބުނެ އެވެ.
މި ރޯލަށް ތައްޔާރުވުމަށްޓަކައި ކާޖަލް ވަނީ ލޯފަން ކިޔަވާކުދިންތަކަކާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އަދި މި ކުދިންނާ އެކު ހޭދަކުރި ދުވަސްތަކުގައި އިންސާނިއްޔަތަށް އޭނާގެ ދެ ލޯ ހަދިޔާކުރަން ވެސް ކާޖަލް ވަނީ ނިންމާފަ އެވެ.
ކާޖަލްގެ މި ހިތްވަރުގަދަ ނިންމުން އެނގިގެން، އޭނާއާ އެކު މި ފިލްމުގައި ބަތަލުގެ ބައި އަދާކުރާ ރަންދީޕް ހޫޑާ ވެސް މިހާރު ވަނީ ލޯ ހަދިޔާކުރަން ނިންމާފަ އެވެ.
މި ފިލްމުގެ ޝޫޓީން ކުރިއަށް ދިޔައިރު ރަންދީޕް އަށް ވިސްނުނީ ލޮލުގެ ފެނުމުން މަހްރޫމް ވެފައިވާ މީހުން ކިތަންމެ ކުޑަކުޑަ ކަމެއް ކުރަން ވެސް އުފުލަން ޖެހޭ ތަކުލީފު ބޮޑުކަމެވެ. އެހެންކަމުން ރަންދީޕަށް ގަބޫލުކުރެވުނީ ލޯ ހަދިޔާކޮށްދީގެން މުޖުތަމައަށް ޚިދުމަތެއް ކޮށްދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
ކާޖަލް ބުނި ގޮތުގައި ރަންދީޕު އާއި އޭނާއަށް ލޯ ހަދިޔާކުރުމުގެ މުހިއްމުކަން މި ފިލްމުގެ ޝޫޓިން ތެރޭގައި ވަރަށް ބޮޑަށް އިހްސާސް ކުރެވުނު ކަމަށެވެ. ލޮލަކީ އިންސާނަކަށް އެންމެ މުހިއްމު އެއް ގުނަވަނަށް ވާއިރު ލޯ ހަދިޔާކުރުމުގެ ހޭލުންތެރިކަން މިހާރަށް ވުރެ ބޮޑަށް މީހުންނަށް ލިބެން ޖެހޭ ކަމަށް ވެސް މި ދެ އެކްޓަރުން ގަބޫލުކުރެ އެވެ.
މެލޭޝިޔާގެ ކުއާލާލަމްޕޫރާއި އިންޑިޔާގައި ޝޫޓްކޮށްފައިވާ "ދޯ ލަފްޒޯންކީ ކަހާނީ" އަކީ ކުރިން ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ ދީޕިކް ތިޖޯރީ ޑައިރެކްޓްކޮށްފައިވާ ލޯބީގެ ފިލްމެކެވެ. މިއީ 2011 ގައި ނުކުތް ކޮރެއާ ފިލްމެއް ކަމަށްވާ "އޯލްވޭޒް"ގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.
އަޖޭ ދޭވްގަން އާ އެކު "ސިންގަމް"ގެ ބަތަލާގެ ރޯލު ކުޅެފައިވާ ކާޖަލް މި ފިލްމުގައި އަދާކުރަނީ ލޯފަން އަންހެންކުއްޖެއްގެ ބައެވެ. ހިންދީ ފިލްމުތަކުން ކާޖަލް ފެންނަލެއް މަދަސް ތަމަޅަ އަދި ތެލުގޫ ގިނަ ފިލްމުތަކެއް ކާޖަލް މިހާތަނަށް ކުޅެފައިވެ އެވެ.