އިސްލާމްދީނާއި މިނިވަންކަން ރައްކާތެރިކުރުމަށްވުރެ އިސްކަންދޭކަމެއް ސިފައިންގެ ހިތުގައި އޮވެގެން ނުވާނެ: ރައީސް
އިސްލާމްދީނާއި މިނިވަންކަން ރައްކާތެރިކުރުމަށްވުރެ އިސްކަންދޭކަމެއް ސިފައިންގެ ހިތުގައި އޮވެގެން ނުވާނެ: ރައީސް

އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ވުރެ ސިފައިންގެ ހިތުގައި އިސްކަންދޭ އިތުރު ކަމެއް އޮވެގެން ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުން ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ހިމާޔަތްކުރުމަކީ ސިފައިންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަލަށް ސިފައިންގެއާ ގުޅުނު ޒުވާނުން ގުޅިފައިވާ މި ދަނޑިވަޅަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށެވެ. އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުރިމަތިލާން ޖެހިފައިވާ މި ދުވަސްވަރު ކުރިމަތިވާ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ އެކަންކަމާ ކުރިމަތިލުމަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގޮންޖެހުންތަކާ ކުރިމަތިލާން އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ހިދުމަތްތައް ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން،" ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް ހަރުދަނާވުމުން ޓެރަރިޒަމްގެ ނުރައްކާތެރިކަން މިހާރަށް ވުރެ ރަނގަޅަށް ވަޒަންކުރެވި އެކަމާ ކުރިމަތިލުމުގެ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އަސްކަރިއްޔާގެ ހިދުމަތަކީ ހަމައެކަނި ވަޒީފާއެއްގެ އަދާކުރުން ނޫން ކަމަށާއި އެއީ ގައުމީ ހިދުމަތުގައި ވެވޭ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.