26 އޯގަސްޓް 2021 - 18:47

މިސްރާއި ފަލަސްތީނުގެ ގާޒާ ގުޅޭ ސަރަހައްދީ އިމުގައިވާ ރަފަހް ދޮރޯށި މިއަދު ހުޅުވާލައި، މިސްރުގައި ތިބި ގާޒާގެ ރައްޔިތުން ގާޒާ އަށް އެނބުރި ދިއުމުގެ ފުރުސަތު ދީފި އެވެ.
މިސްރު ސަރުކާރުން ބުނި ގޮތުގައި ގާޒާގެ ދޮރޯށި ހުޅުވައިލީ އެއް ކޮޅަށެވެ. އެއީ މިސްރުގައި ތިބި ގާޒާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގާޒާ އަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށެވެ. ނަމަވެސް ގާޒާގެ ތެރެއިން މިސްރަށް އެއްވެސް މީހަކު އެތެރެވުމަށް ހުއްދަ ނުދޭނެ ކަމަށް މިސްރު ސަރުކާރުން ބުނެ އެވެ.
އޭގެ އިތުރުން މިސްރުން ގާޒާ އަށް ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި، މިސްރުން ގާޒާ އަށް ގެންދާ ވިޔަފާރި މުދާ ވެސް ގާޒާ އަށް ގެންދިއުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފަ އެވެ.
ގާޒާގެ ދާހިލީ ވުޒާރާ އިން ބުނި ގޮތުގައި، ރަފަހްގެ ސަރަހައްދީ ދޮރޯށިން އެއްކޮޅަށް ދަތުރުކުރެވޭ ގޮތަށް މިއަދު ހުޅުވައިލިޔަސް، މިއަންނަ އާދީއްތަ ދުވަހުން ފެށިގެން، އާންމު އުސޫލުން ގާޒާ އާއި މިސްރާ ދެމެދު ދަތުރުތައް ކުރެވޭނެ އެވެ.
މިސްރުން ގާޒާގެ ރަފަހް ދޮރޯށި ބަންދުކުރީ ވަރަށް ކުއްލި ގޮތަކަށް، މިމަހުގެ 22 ވަނަ ދުވަހު އެވެ. ކުރިން އެންގުމަކާ ނުލައި ރަފަހްގެ ދޮރޯށި ބަންދުކުރުމުން، ގާޒާގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވި އެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ވިޔަފާރީގެ ކަންކަމުގައި އާންމު ގޮތެއްގައި ގޮސް އުޅެނީ މިސްރަށެވެ.
ބެލެވޭ ގޮތުގައި މިސްރުން ރަފަހް ދޮރޯށި ބަންދުކުރީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މަސްރަހު ގޯސްވެ، އިޒްރޭލުން ގާޒާ އަށް ވައިގެ މަގުން ހަމަލާތަކެއް ދޭން ފެށުމުންނެވެ. އާދީއްތަ ދުވަހުން ރަފަހް ދޮރޯށި ހުޅުވާނެ ކަމަށް ގާޒާއިން ބުނި ނަމަވެސް، މިސްރު ސަރުކާރުން އެކަމާ ގުޅޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މަސްރަހު ގޯސްވާ ދުވަސްވަރަށް މި ދޮރޯށި ބަންދުކުރުމަކީ މިސްރު ސަރުކާރުން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ނަމަވެސް އެތައް މަސްދުވަހަކަށް ފަހު އެ ދޮރޯށި ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގި ހަނގުރާމައިގެ ދުވަސްވަރު ވެސް، މި ދޮރޯށި ހުރީ ހުޅުވައިފަ އެވެ. އެހެންކަމުން އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދުމަށް، އެއްގަމު މަގުން މިސްރަށް ދަތުރުކުރި އެވެ.
ފަލަސްތީނުގެ އާންމު އިންތިހާބުގައި ހަމާސް ޖަމާއަތުން 2006 ވަނަ އަހަރު ކާމިޔާބު ހޯދި ފަހުން، އިޒްރޭލުން ވަނީ ގާޒާ ހިސޯރު ކޮށްފަ އެވެ. މިއަދާ ހަމައަށް ވެސް ގާޒާގެ ހިސޯރު އުވާލާފައިނުވާ އިރު، ބޭރު ދުނިޔެއާ ގާޒާ ގުޅުވައިދޭ ހަމައެކަނި ތަނަކީ، ރަފަހްގެ ދޮރޯއްޓެވެ.