26 އޯގަސްޓް 2021 - 18:39

އަސްހަދު އަލީ (އަޑޭ) ގެ ފިޓްނަސް އާއި ވޯކް ރޭޓް ލެވަލް ހުރި މިންވަރަށް ބަލާއިރު ގައުމީ ޓީމަށް އޭނާ ނެގުމުގައި ޖެހިލުން ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަސްހަދު އަށް މިދުވަސްވަރު ދަނީ ސީޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ. ކޯޓަށް ހާޒިރުވާން ދެކޮޅު ހަދައި ކޯޓުގެ ހުރުމަތް ކެނޑުމުން ދެ މަސް ދުވަހަށް ޖަލަށް ލާން ހުކުމު ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލިއިރު އޭނާ އަށް ޖާމިނުވީ އަސްހަދު އެވެ. އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އެ ގައުމުގެ ފުލުހުން އިއްޔެ ވަނީ އަލީ ވަހީދު ހައްޔަރު ކޮށްފަ އެވެ. އެކަމާ ގުޅިގެން އަސްހަދު އަށް ވެސް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ.
މިހާލަތުގައި ގައުމީ ޓީމަށް އޭނާ ނެގުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ކްލަބު ލެވަލްގައި އަސްހަދުއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސަކަތް ކުރި ސުޒޭން ބުނީ އެކަމާ ބެހޭގޮތުން ވަރަށް ބޮޑަށް ފާޑު ކިޔާނެ ކަމަށް އޭނާ ވެސް ހީކުރި ކަމަށެވެ.
"ނަމަވެސް އަޅުގަނޑަކަށް ނުފެނުނު އެހާ ބޮޑަށް އެކަމާ ފާޑު ކިޔާފައި ހުރި ތަނެއް. އެކަމަކު ކުޑަކުޑަކޮށް ކޮންމެވެސް ވަރަކަށް ހުރި ކަންނޭނގެ ދެތިން ކުއްޖަކު އެކަން ފާހަގަ ކޮށްލާފައި. އެއީ އެ ކުންދިންނަށް އޭގެ އަސްލު ކޮންސާނެއް އޮތީ ކަމަށް ވެދާނެ،" ގައުމީ ފުޓްބޯޅަ ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، ގައުމީ ޓީމަށް އަޑޭ ނެގުމުގައި އެންމެ ފުރަތަމަ އޮތީ ގާތްގަނޑަކަށް 25 ޕަސެންޓް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވީ އޭއެފްސީ ކަޕު ކޮލިފައިންގައި އީގަލްސް ޓީމުގައި އަސްހަދަށް އިރުޝާދު ދިން ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ފާހަގަ ކުރި ކަންތައްތަކުގެ ސަބަބުން ކަމަށް ސުޒޭން ބުންނެވެ.
"އަޑޭ އެންމެ ފަހުން ޕްރެކްޓިސް ކޮށްފަ މެޗު ކުޅެފައި ހުރީ އީގަލްސްގައި. އަޅުގަނޑުމެން އީގަލްސްގެ ކޯޗު [ޝާޒް] އާ ވާހަކަ ދެއްކީ. ޕްރޯ [ލައިސެންސް] ކޯޗެއް. އީގަލްސް އިން އަޅުގަނޑުމެން ކައިރީގައި ބުނި މުޅި ޓީމަށް ބަލާއިރުގައި އެންމެ ފިޓްނަސް ރަނގަޅު، އެންމެ ރަނގަޅަށް ވޯކް ކުރި ކުޅުންތެރިޔަކީ އަޑޭއޭ،" ސުޒޭން ބުންޏެވެ.
"އެހެންވީމަ އަޑޭ ޓީމުގައި ހިމެނުމާމެދު ޖެހިލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގަބޫލު ކުރަނީ. އަދި ކްލަބުތަކުގެ ކޯޗުންގެ މަޝްވަރާއާ އެއްކޮށް އަޅުގަނޑުމެން ސްކޮޑު އެކުލަވާލީ."
މާޗް 2018 ގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި އަސްހަދު ވަނީ ގައުމީ ޓީމުން ފުރުސަތު ލިބުމުން ރިޓަޔާމެންޓް އުވާލިކަން އިއުލާން ކޮށްފަ އެވެ. އޭނާ ރިޓަޔާ ކުރީ އޭރުގެ ކޯޗް ޕީޓާ ޝެގަޓްގެ ކުއްލިި ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުގައި އެ އަހަރު ބޫޓާންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޭރުގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ބޭރު ކުރުމަށް ޝެގަޓް ނިންމި އެވެ. ޓީމުގެ ވައިސް ކެޕްޓަނެއްގެ ހައިސިއްޔަތުން ގައުމީ ޓީމު މެޗުތަކުގައި އެންމެ ގިނައިން ކެޕްޓަން ބޭންޑް އަޅާފައިވާ ކުޅުންތެރިޔަކީ އަސްހަދެވެ. ދަގަނޑޭ ނެތި ކުޅެން ޖެހުނު ގިނަ މެޗުތަކުގައި ކެޕްޓަން ބޭންޑް އެޅި ކުޅުންތެރިޔަކީ ވެސް އަސްހަދެވެ. ދަގަނޑޭ ޓީމުން ވަކި ކުރުމުގެ އިތުރަށް ޝެގަޓް ނިންމީ އަސްހަދުގެ އަތުން ކެޕްޓަން ބޭންޑު ވެސް ނެގުމަށެވެ. އެކަމާ ހިތްހަމަ ނުޖެހި އޭރު ބޫޓާންއާ ދެކޮޅަށް ކުޅެން އޮތް ދުވަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
ސުޒޭން ބުނީ އެއްވެސް އިއްރެއްގައި ގައުމީ ޓީމަށް ނުކުޅޭ ގޮތަށް އަސްހަދު ހުރިކަން އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ. ރިޓަޔާ ކުރިކަން އިއުލާން ކުރި ވާހަކަ ކުރިން އަޑު އިވިފައިވީ ނަމަވެސް އެކަމާ މެދު ސަމާލުކަމެއް ނުދޭ ކަމަށް ސުޒޭން ބުންޏެވެ.
"އޭއެފްސީ ކަޕުގައި އަޑޭ އެންމެ ފަހުން ކުޅުނު ކުޅުމަށް ބަލާފައި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނަން ނިންމީ. އެގޮތަށް ނިންމި އިރުގައި އީގަލްސްގެ ކޯޗް ޝާޒްލީގެ މަޝްވަރާ ވަރަށް ބޮޑަށް ހޯދާފައި އެ ޑެސިޝަން ނެގީ،" ސުޒޭން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑަށް މިއަދު ވަނީ ތިން ކުޅުންތެރިން އިތުރު ކޮށްފަ އެވެ. އެއީ މާޒިޔާގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އާއި އެ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން ޔުނައިޓެޑް ވިކްޓަރީގެ ފޯވަޑް ހައިޝަމް ހަސަން (ޗުމްޕު) އެވެ. މިރޭ ޓީމުގެ ޕްރެކްޓިސް ފަށާނެ އެވެ. އަންނަ މަހު 10 ގައި ގަތަރުގައި ޓްރޭނިން ހެދުމަށް ގައުމީ ޓީމު ފުރާނެ އެވެ.
ރާއްޖޭގައި ކުޅޭ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމު ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ އިން ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހު އޮކްޓޯބަރު 12 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.
ކުރިން އޮކްޓޯބަރު 13 ގައި ނިންމަން އޮތް މުބާރާތް މިހާރު ނިމޭނީ އޮކްޓޯބަރު 16 ގަ އެވެ. މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ގުރޫޕް ސްޓޭޖު ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާނެ އެވެ.