ވެނެޒުއޭލާގައި ފެންބޮޑުވެ 20 މަރު
ވެނެޒުއޭލާގައި ފެންބޮޑުވެ 20 މަރު

ވެނެޒުއޭލާގެ ހުޅަނގު ސަރަހައްދަށް މިހާރު ކުރަމުންދާ އާދަޔާ ހިލާފު ވިއްސާރައިގެ ސަބަބުން، އެ ގައުމުގެ މެރީޑާ ސްޓޭޓްގައި ފެންބޮޑުވެ މަދުވެގެން 20 މީހަކު މަރުވެއްޖެ އެވެ.

ވެނެޒުއޭލާގެ ގައުމީ ޓީވީން މިއަދު ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުސް ބައެއް ސަރަހައްދުތަކުން ކިސަޑު ފޭބުމުގެ ހާދިސާތައް ކުރިމަތިވެފައިވެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން ވެސް، ބިންގަނޑު ތިރި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

މެރީޑާ ސްޓޭޓްގެ ގަވަރުނަރު ރަމޯން ގުއެވާރާ ވިދާޅުވި ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 1،200 އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުން ފޯނުގެ ހިދުމަތް ކެނޑިފައިވާ އިރު، ކަރަންޓުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، މެރީޑާ ސްޓޭޓްގެ ބައެއް މަގުތަކުގައި ހެދިފައިވާ ފެންގަނޑުގެ ތެރޭގައި ކާރުތަކާއި ޕިކަޕް ފަދަ ތަކެތި ދަނީ އޮޔާ ދެމެމުންނެވެ. އަދި ބައެއް ފިހާރަތަކާއި ހޮޓާތަކުގައި ފެންބޮޑުވެ ބައެއް ތަންތަނަށް ކިސަޑާއި ކުނިބުނި ވަދެފައިވެ އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި، ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދުތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭ ވަރަށް ދައުލަތުގައި ވެސް އަދި އެ ސްޓޭޓްގެ މުނިސިޕަލް އިދާރާގައި ވެސް ވަސީލަތްތަކެއް ނެތެވެ. އެހެން ނަމަވެސް، ގެއްލުން ލިބުނު އިމާރާތްތައް މަރާމާތުކޮށް މީހުންނަށް އުޅެވޭވަރު ކޮށްދިނުމަށް، ދައުލަތުގެ މުވައްޒަފުންނަށް މިހާރު އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާހިލީ ވަޒީރު ރެމީޖިއޯ ކަބެލޯސް އިއްޔެ ވިދާޅުވި ގޮތުގައި މެރީޑާ ސްޓޭޓްގެ 87 އަވަށަކުން 54،543 މީހަކު ވަނީ، ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުތަކުގެ މަގުތަކާއި ރޭލުވޭތައް ވެސް ހަލާކުވެފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވިއްސާރައިގައި ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް، ސިފައިންނާއި އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުންނާއި މަދަނީ ދިފާއީ އިދާރާގެ މުވައްޒަފުން ވެސް މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ. އަދި އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި، އެހީގެ ސާމާނު ހަދިޔާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.