26 އޯގަސްޓް 2021 - 15:57

ރައީސް އިބްްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދާ ދެމެދު ހުރި ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވި ވާހަކަތަކުގެ އަލީގައި ޕާޓީގެ ރައީސް ނަޝީދާ ވެސް މިހާރު ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ރައީސް ދެއްކެވި ވާހަކަފުޅުތަކާ ބެހޭ ގޮތުން ނަޝީދު ދެކެވަޑައިގަންނަވާ ގޮތް ވެސް ހަސަން ވިދާޅުވި ގޮތުގައި އޭނާ ވަނީ އޮޅުން ފިލުއްވައިފަ އެވެ.
"އެހެންވީީމާ އެ މަސައްކަތުން، އަޅުގަނޑަށް ފެންނަ ގޮތުގައި އިރާދަކުރެއްވިއްޔާ ހައްލުތަކެއް ލިބިގެން ދާނެ. އަޅުގަނޑު ހިތުން މި ޕާޓީން ގަބޫލުކުރާނެ ކަމެއް ނޫން އެއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި ވާހަކަ ނުދެއްކޭނެ ވަރުގެ އަދި އެއްބަސް ނުވެވޭނެ ވަރުގެ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުންނާނެ ކަމަކަށް،" ހަސަން ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ބޮޑެެތި ހިޔާލުތަފާތުވުންތައް ހުރިކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ނަޝީދެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މިދިޔަ މަހު ފޮނުއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ "...ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވަން ޖެހިވަަޑައިގެންފި ނަމަ އެ އެހީތެެރިކަން ހޯއްދަވާނެ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މިހާރު މަސަައްކަތްކުރައްވަމުން ގެންދަވަނީ އެ ނިޒާމަށް ތާއީދު ހޯއްދެވުމަށެވެ. އެ ކަަމަށް މަސައްކަތްކުރައްވަން ގޮވާލައި ރައީސަށް ފޮނުވަން ތައްޔާރުކުރާ ޕެޓިޝަނެއްގައި ވެސްް މިހާރު އަންނަނީ ސޮއިކުރަމުންނެވެ.
ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރުމުގެ ކެމްޕޭން މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި އަތޮޅުތަކުގައިވާ ޖަގަހަތަކުގައި ކުރިއަށް ދިޔަ ނަމަވެސް، ހަސަން ލަތީފު މިއަދު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެންޖީއޯއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.