ސަނާ ޚާން އާއި ގުރްމީތުގެ "ވަޖާ ތުމް ހޯ" ރިލީޒްކުރުން ފަސްކޮށްފި
ސަނާ ޚާން އާއި ގުރްމީތުގެ "ވަޖާ ތުމް ހޯ" ރިލީޒްކުރުން ފަސްކޮށްފި

އިންޑިއާގައި 500 އާއި 1000 ރުޕީޒްގެ ބާ ނޫޓު ބޭނުންކުރުން މަނާކުރުމުން ހިންދީ ފިލްމު އިންޑަސްޓްރީއަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ވަނީ ކޮށްފަ އެވެ. ޚާއްސަކޮށް މި ދުވަސްވަރު ރިލީޒްކުރަމުންދާ ފިލްމުތަކަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

ސަނާ ޚާން އާއި ގުރްމީތުގެ "ވަޖާ ތުމް ހޯ" ރިލީޒްކުރުން ފަސްކޮށްފި
ސަނާ ޚާން އާއި ގުރްމީތުގެ "ވަޖާ ތުމް ހޯ" ރިލީޒްކުރުން ފަސްކޮށްފި

ސަނާ ޚާން އާއި ގުރްމީތު ޗައުދަރީގެ "ވަޖާ ތުމް ހޯ" ރިލީޒްކުރުން ވެސް މިހާރު ވަނީ މި މައްސަލަތަކާ ހެދި ފަސްކޮށްފަ އެވެ. މި ފިލްމު އުފެއްދި ފަރާތުން ގަބޫލުކުރާ ގޮތުގައި މިފަދަ ކުދި ބަޖެޓު ފިލްމުތަކުގެ ބޮޑު އޯޑިއަންސެއް އޮންނަނީ ކުދި އަވަށްތަކުގަ އެވެ. ކުދި އަވަށްތަކުގައި އާ ނޫޓު ލިބުމުގައި އިންތިހާއަށް ދަތިތައް ހުރިކަން ފާހަގަކުރެވިފައިވާތީ ފިލްމު ފަސްކުރަން ގަސްތުކުރީ ކަމަށް އެފަރާތުން ބުނެފައިވެ އެވެ.

ފިލްމު ފަސްކޮށް ޑިސެމްބަރު 16 ގައި ރިލީޒްކުރަން ޓްރޭޑް އެކްސްޕާޓުން ވެސް ވަނީ ފިލްމުގެ ޕްރޮޑިއުސަރުންނަށް ލަފާ ދީފަ އެވެ. ނަސީބަކުން އަލަށް ނޑައަޅާފައިވާ ދުވަހު ވެސް އިތުރު ފިލްމެއް ރިލީޒްކުރާކަށް ނެތެވެ. އެހެންވީމާ ބޮކްސް އޮފީހުގައި ވެސް އެއްވެސް ފިލްމަކާ ކުރިމަތިލާކަށް މި ފިލްމަކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން 15 ވަރަކަށް ދުވަސް އިތުރަށް ދިނުމުން ފިލްމު ބަލާ މީހުންގެ އަތަށް ވެސް އާ ނޫޓު އަރައި ހަމަޖެހިލާނެ ފުރުސަތު ލިބޭނެކަމަށް މި ފިލްމުގެ ޕްރޮޑިއުސަރުން ގަބޫލު ކުރެ އެވެ.

"ވަޖާ ތުމް ހޯ" އަކީ "ހޭޓް ލަވް ސްޓޯރީ 2" އާއި "ހޭޓް ލަވްސްޓޯރީ 3" ގެ ޑައިރެކްޓަރު ވިޝާލް ޕާންޑިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ނަމަވެސް މި ފިލްމަކީ އެރޯޓިކް ތުރިލާ އެއް ކަމަށް މީހުން ދައްކާ ވާހަކަ ވިޝާލް ދޮގުކުރި އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގައި އިންނާނީ ހަމައެކަނި އެންމެ މިނިޓެއްގެ ވަރުގަދަ މަންޒަރެކެވެ. މުޅި ފިލްމަކީ ވެސް ތުރިލާއެއް ކަމަށް އޭނާ ބުންޏެވެ.

ފައިސާގެ މައްސަލަތައް ކުރިމަތިވި ހަފުތާގައި ރިލީޒްކުރި ފަރްހާން އަޚްތަރާއި ޝްރައްދާ ކަޕޫރުގެ "ރޮކް އޮން 2" އަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނި ގޮތުގައި ފައިސާގެ ނޫޓަށް ގެނައި ބަދަލާ އެކު އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓި ފިލްމު ބެލުމުގެ ޝައުގުވެރިކަން އެ ދުވަސްވަރު އެއްވެސް މީހެއްގެ ނެތެވެ. ނަމަވެސް އޭރު "ރޮކް އޮން 2" ރިލީޒްކުރަން އެންމެ ދެ ދުވަހަށް ވެފައިވާތީ ވަރަށް ގިނަ ތަންތަނަށް ފިލްމުގެ ކޮޕީތައް ފޮނުވާފައިވުމާ އެކު ރިލީޒްކުރާ ތާރީޚް ބަދަލުކޮށްފި ނަމަ ޕައިރަސީގެ ޝިކާރައަކަށް ފިލްމު ވާނެކަން ޔަގީންވާތީ ކަނޑައެޅި ތާރީޚުގައި ފިލްމު ރިލީޒްކުރަން މަޖްބޫރުވީ ކަމަށެވެ.

"ރޮކް އޮން 2" ރިލީޒްކުރި ހަފުތާއާ ޖެހިގެން އައި ހަފުތާގައި ރިލިޒްކުރި ޖޯން އެބްރަހަމް އާއި ސޮނާކްޝީ ސިންހާގެ "ފޯސް 2" އަށް ވެސް މީގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ޖޯން ދީފައިވާ އިންޓަވިއުއެއްގައި އެކަން ފާހަގަކޮށްފައިވެ އެވެ. ޖޯން ބުނި ގޮތުގައި ބައެއް ނޫޓުތައް ބޭނުންކުރުން ކުއްލިއަކަށް މަނާކުރުމުން "ފޯސް 2" ހިނގަންވާ ވަރާ ގާތަށް ވެސް ނުހިނގައި ފިލްމުގެ ވިޔަފާރި 50 ޕަސެންޓް ދަށްވި އެވެ.

ނަމަވެސް މިހާރު މި މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެ ފިލްމު ބަލާ މީހުން ސިނަމާތަކަށް ދާން ފަށައިފިކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށައިފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ރިލީޒްކުރި "ޑިއާ ޒިންދަގީ"ގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަން ފާހަގަ ކުރެވިފައިވެ އެވެ. ހަފުތާ ބަންދާއެކު ތިން ދުވަހުގެ ތެރޭގައި އެ ފިލްމު ވަނީ 32 ކްރޯޑު (320 މިލިއަން ރުޕީޒް)ގެ ވިޔަފާރިކޮށް ކާމިޔާބު ފިލްމަކަށްވާނެކަން ޔަގީންކޮށްފަ އެވެ.