އަފްގާނިސްތާނުގެ ބޭންކުތައް ހުޅުވަން ފަށައިފި
އަފްގާނިސްތާނުގެ ބޭންކުތައް ހުޅުވަން ފަށައިފި

ދިހަ ދުވަސް ވަންދެން ބަންދުކޮށްފައި ހުރުމަށް ފަހު، އަފްގާނިސްތާނުގެ ބޭންކުތަކާއި މާލީ އިދާރާތައް އިއްޔެ ހުޅުވަން ފަށައިފި އެވެ.

އިއްޔެ މެންދުރެއްހާ އިރު ބައެއް ބޭންކުތައް ހުޅުވުމުން ގިނަ އަދަދެއްގެ ބަޔަކު ބޭންކަށް ގޮސް، ނަގުދު ފައިސާ ނެގި އެވެ. އަފްގާނިސްތާނުގެ ބޭންކުތައް ބަންދުކުރީ، އޮގަސްޓް 14 ވަނަ ދުވަހުގެ ރޭ، ތާލިބާންގެ ހަނގުރާމަވެރިން ވެރިރަށް ކާބުލް ހިސޯރުކުރުމުން، އޮގަސްޓް 15 ވަނަ ދުވަހު، ގައުމުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމާ އެކު، ތާލިބާނުން ކާބުލް އަށް ވަނުމުންނެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ އިތުރުން، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ގިނަ އޮފީސްތައް ވެސް، އެ ދުވަހުން ފެށިގެން ހުރީ ބަންދުކޮށްފަ އެވެ. އެއީ ތާލިބާނުން ކާބުލް ހިފުމަށް ފަހު، ގިނަ ބަޔަކު ހައްޔަރުކޮށް ބޮޑު ލޭއޮހޮރުވުމެއް ހިންގަފާނެ ކަމުގެ ބިރަށެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެމެރިކާގެ މަރުކަޒީ ބޭންކުގައި ހުރި، އަފްގާނިސްތާނު ސަރުކާރުގެ ހަތް ބިލިއަން ޑޮލަރުގެ ރަނާއި ނަގުދު ފައިސާ، އެ ބޭންކުން ހިފެހެއްޓުމުގެ ސަބަބުން، އަފްގާނިސްތާނުގެ ބޭންކުތައް ހުޅުވައިގެން ހިންގުމުގެ މާބޮޑު ފުރުސަތެއް ވެސް ނެތެވެ. އޭގެ އިތުރުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން، މި ހަފުތާގައި އަފްގާނިސްތާނަށް ދޫކުރަން ކަނޑައަޅާފައި ހުރި 460 މިލިއަން ޑޮލަރު ވެސް އެ ފަންޑުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

އޭގެ އިތުރުން ވޯލްޑް ބޭންކުން ވެސް ވަނީ، ތާލިބާނުންގެ ސަރުކާރާ އެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް ނިންމައި އެކަން އިއްޔެ އިއުލާން ކޮށްފަ އެވެ. ބައިނަލްއަގުވާމީ މިފަދަ މާލީ އިދާރާތަކުގެ އެހީތެރިކަން ނުލިބޭ ނަމަ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި ތާލިބާން ޖަމާއަތަށް ވަރަށް ދަތިވާނެ އެވެ.

އަފްގާނިސްތާނުގައި މިހާރު ވެސް އޮތީ ނަގުދު ފައިސާ އިން މުއާމަލާތު ކުރުމުގެ އުސޫލުތައް ކަމަށްވާތީ، ބޭންކުތަކުން ނަގުދު ފައިސާ މާރުކުރެވޭނެ ގޮތެއް ނެތުމުން، އާންމު ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިންގެ ހިދުމަތް ނެތުމުން، ބޭންކުތައް ބަންދުކޮށްފައި ހުރި ދުވަސްވަރު ވިޔަފާރީގެ މުއާމަލާތައް ހުއްޓިގެން ދިޔަ އެވެ.

އިއްޔެ ބޭންކުތައް ހުޅުވުމާ އެކު، ބޭންކުތައް ދޮށުގައި ދަމާލި ކިޔޫ އެތައް ސަތޭކަ ފޫޓަކަށް ދެމިގެން ދިޔަ އެވެ. އަލްޖަޒީރާ އިން ބުނާ ގޮތުގައި، ކިޔޫގައި ހަތަރު ގަޑިއިރު ހުރެގެން ވެސް، ބޭންކު ބަންދުކުރާ ގަޑިޖެހުނު އިރު ވެސް ބޭންކުގެ އެތެރެއަށް ވަދެވޭ ވަރު ނުވެގެން، ކިތަންމެ ބަޔަކު ރުޅިގަދަވެގެން އެނބުރި ދާންޖެހުނެވެ.

ވެރިރަށް ކާބުލްގެ ވަރަށް ގިނަ މީހުންނަކީ ދުވަހު މުސާރައިން އާމްދަނީ ހޯދާ މީހުން ކަމަށްވާތީ، ބޭންކުތައް ނުހުޅުވައި ހުރުމުގެ ސަބަބުން ގިނަ ފިހާރަތަކާއި ކާރުހާނާތަކާއި ކުންފުނިތައް ވެސް ނުހުޅުވާތީ، އާންމުންގެ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ އަތްމަތި ވަރަށް ބޮޑަށް ދަތިވެފަ އެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ އާންމު ދަތުރުތައް ވެސް މެދުކަނޑާލާފައިވާތީ، ބޭރުން މުދާ އިމްޕޯޓް ކުރެވޭނެ ގޮތެއް ވެސް މިވަގުތު ނެތެވެ.

އަފްގާނިސްތާނުގައި ތާލިބާނުން އުފައްދާ އާ ސަރުކާރު އެކުލަވައިލުމުގެ މަޝްވަރާތައް އަދިވެސް ނުނިމޭތީ، ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ގައުމު ހިންގަން ފެށޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް މިމަހުގެ މުސާރަ ވެސް، ފިނޭންސް މިނިސްޓްރީން ހަމައަށް ދޭނެ ކަމަށް، ތާލިބާނުން މިދިޔަ ހަފުތާގައި ބުންޏެވެ. ނަމަވެސް އެވާހަކަ އަށް އާންމުން އިތުބާރެއް ނުކުރެ އެވެ.

އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމަށް، ތާލިބާނުން މިދިޔަ ހޯމަ ދުވަހު ވަނީ، މުހައްމަދު އިދުރީސް ކިޔާ މީހަކު އައްޔަން ކޮށްފަ އެވެ. ނަމަވެސް ތާލިބާނުންނާ މެދު އުފެދިފައި އޮންނަ ނުބައި ތަސައްވުރުގެ ސަބަބުން، މަރުކަޒީ ބޭންކާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ.

އޭގެ އިތުރުން، އާންމު ރައްޔިތުންގެ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ސަރުކާރު ވަޒީފާތަކުގައި ތިބި މީހުންނަށް އަލުން އެ ވަޒީފާތައް ލިބޭނެކަމުގެ ޔަގީންކަން ނެތުމެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ކުރީގެ ސަރުކާރުގައި ވަޒީފާތަކުގައި ތިބި މީހުން ވަކިކޮށް، އެ ވަޒީފާތަކަށް ހަމަޖައްސާނީ ތާލިބާނުން ރުހޭ ބައެކެވެ.