26 އޯގަސްޓް 2021 - 12:16

ފަޅުވެރިންނާ ނުލައި އަދި އެއްވެސް އިންޖީނެއް ބޭނުންނުކޮށް ދުއްވާ ގޮތަށް ބަނދެފައިވާ ތިމާވެއްޓާ ރަހުމަތްތެރި ފުރަތަމަ އާގުބޯޓު އޭގެ ދަތުރަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ނޯވޭގެ ކުންފުންޏެއް ކަމަށްވާ ޔާރާ އިންޓަނޭޝަނަލް އިން ބަނދެފައިވާ ޔާރާ ބާކްލޭންޑް ނަމަކަށް ކިޔާ މި އާގުބޯޓަކީ، ކަރަންޓުން ބުރަފަތި އަނބުރައިގެން ދުއްވާ ގޮތަށް ދުނިޔޭގައި އުފެއްދި ފުރަތަމަ އާގުބޯޓެވެ. މި އަހަރު ނިމުމުގެ ކުރިން ދަތުރުތައް ފަށާއިރު، އެންމެ ފުރަތަމަ ދަތުރުތައް ކުރާނީ ނޯވޭގެ ދެ ސަހަރު ކަމަށްވާ ހެރޯޔާ އާއި ބްރެވިކްއާ ދެމެދުގަ އެވެ. މިއީ 13 ކިލޯމީޓަރުގެ ރާސްތާއެކެވެ.
އެ ކުންފުނިން ބުނާ ގޮތުގައި މި ބޯޓުގައި އުފުލަން ހަމަޖެހިފައިވަނީ އެކި ބާވަތުގެ ކެމިކަލް އާއި ގަސްކާނާގެ ބާވަތްތަކެވެ. މިއަންނަ އަހަރު މި ބޯޓުގެ ދަތުރުތައް އިތުރު މަންޒިލަކަށް ކުރުމަށް ވަނީ ތާވަލު ކޮށްފަ އެވެ. އެއީ ހެރޯޔާ ސަހަރާއި ލަރްވިކް ސަހަރާ ދެމެދުގަ އެވެ. އެއީ 56 ކިލޯމީޓަރުގެ ރާސްތާއެކެވެ.
މި ބޯޓު ބަނދެފައިވަނީ 103 ކޮންޓެއިނަރު ބަރުކޮށްގެން ގަޑިއަކު 13 މޭލު ބާރުމިނުގައި ދަތުރުކުރެވޭ ގޮތަށެވެ. މި ބޯޓުގެ ބުރަފަތި އެނބުރުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ، ބޯޓުގައިވާ ހަތް މެގަވޮޓް އަވާ ބެޓެރިންނެވެ. އެއީ އެއް ކަރަންޓު ކާރު ދުއްވުމަށް ބޭނުންވާ މިންވަރަށް ވުރެ ގާތްގަނޑަކަށް 1،000 ގުނަ އިތުރު މިންވަރެކެވެ.
ބޯޓު ދަތުރަށް ފެށުމުގެ ކުރިން، ބަނދަރުގެ އައްސޭރީގައި އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައި ބަނދަރުކޮށް، އޭގެ ބެޓެރި ޗާޖް ކުރާނެ އެވެ. އެންމެ ފުރަތަމަ މަރުހަލާގައި ބޯޓަށް މުދާ ބަރުކުރުމާއި މުދާ ބޭލުމުގެ މަސައްކަތް ކުރާނީ، އިންސާނުންނެވެ. ނަމަވެސް ދަތުރުތައް ފަށާތާ ދުވަސްކޮޅެއް ފަހުން، ބޯޓަށް މުދާ އަރުވައި ބޭލުމާއި، ނަގިލި ލައި ނެގުމާއި، ތޮށިގަނޑަށް ކައިރިކޮށް ދުރުކުރުން ފަދަ ހުރިހާ ކަމެއް ކުރާނީ، ރިމޯޓް ކޮންޓްރޯލްގެ އެހީގަ އެވެ.
ބޯޓުގެ ދަތުރުތަކުގައި ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ވެސް އެއްވެސް މީހަކު ބޭނުމެއް ނުކުރާނެ އެވެ. ބޯޓަށް މަރާމާތެއް ބޭނުންވާ ނަމަ، އެކަން ދެނެގަންނާނީ އެކަމަށް ހާއްސަކޮށް ބޯޓުގައި ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ނިޒާމަކުންނެވެ. އެ ނިޒާމުން ދެނެގަތުމަށް ފަހު އެ މައްސަލައަކީ އޮޓަމެޓިކުން ހައްލު ނުކުރެވޭ މައްސަލައެއް ނަމަ، އެފަދަ މަރާމާތެއް ކުރުމަށް ބޯޓަށް މީހުން އަރުވާނެ އެވެ.
މި ބޯޓުގައި ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ގަސްދު ނުކުރަނީ، ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެތީ ކަމަށް، ބޯޓު އުފައްދި ކުންފުނިން ބުނެ އެވެ. ސަބަބަކީ އެ ބޯޓަކީ އެއްވެސް އިންސާނަކާ ނުލައި އޮޓަމެޓިކުން ނުވަތަ ރިމޯޓް ކޮންޓްރޯލްގެ އެހީގައި ދުއްވާ އުޅަނދަކަށް ވުމުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ނުވަތަ އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އިރު އެއްވެސް ހާދިސާއެއް މެދުވެރިވެއްޖެ ނަމަ، އެކަމުގެ ޒިންމާ އުފުލާނެ މީހަކާ މެދުގައި ސުވާލު އުފެދޭތީ އެވެ.
ސަބަބަކީ މިހާރު އަމަލުކުރަމުން އަންނަ ހުރިހާ ގާނޫނުތަކެއް ވެސް އެކުލަވާލާފައި ހުރީ، މީހުން ތިބެގެން ދަތުރުކުރާ ކަނޑު އުޅަނދުތަކަށް ބިނާކޮށްގެންނެވެ. އެއާ ހިލާފަށް މި ބޯޓު ދުއްވަމުން ދާނީ، އެއްގަމުގައި ހުންނަ ކޮންޓްރޯލް ސްޓޭޝަންތަކަކުންނެވެ. ކެޕްޓަނެއް ވެސް އަދި ފަޅުވެރިއަކު ވެސް ބޯޓުގައި ނުހުންނާނެ އެވެ.
ޔާރާ ކުންފުނިން ކުރިން ރާވާފައި އޮތީ، މިދިޔަ އަހަރުގެ ތެރޭގައި މި ބޯޓުގެ ދަތުރުތައް ފެށުމަށެވެ. ނަމަވެސް ކޮވިޑް ވަބާގެ ސަބަބުން ދިމާވި ލޮޖިސްޓިކް ގޮންޖެހުންތަކާ ހެދި އެވަރަށް މަސައްކަތް ނުކުރެވުނީ ކަމަށް އެ ކުންފުނިން ބުނެ އެވެ.