އައިއޯއެސްގެ ފަހުގެ އަޕްޑޭޓުން ބެޓެރީގެ މައްސަލައެއް
އައިއޯއެސްގެ ފަހުގެ އަޕްޑޭޓުން ބެޓެރީގެ މައްސަލައެއް

އެޕަލްގެ އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓް ކަމަށްވާ 10.1.1 ގެ ސަބަބުން ޑިވައިސްތަކުގެ ބެޓެރީން އަވަހަށް ޗާޖު ހުސްވާ ކަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ.

ބައެއް ބަގްތައް ފިލުވައި އައިފޯން 7 ޕްލަސް އަށް ޕޯޓްރެއިޓް ކެމެރާގެ ފީޗާ ވެސް ލިބޭ މި އަޕްޑޭޓްގައި ބެޓެރީ ބަގެއް އުޅޭތީ ބެޓެރީ އަވަހަށް ހުސްވާ ކަމަށް ބުނެ އެޕަލްގެ ސަޕޯޓް ސައިޓުގައި ވެސް ދަނީ އެކި މީހުން އެ މީހުންގެ ތަޖުރިބާތައް ހިއްސާކުރަމުންނެވެ. އެގޮތުން، އައިފޯން 6 އާއި 5އެސް ދުވާލަކު ދެ ފަހަރަށް ޗާޖު ނުކޮށް ނުގެންގުޅެވޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނަނީ ބެޓެރީގައި 30-50 ޕަސެންޓް ޗާޖު ހުއްޓާ ޑިވައިސް ނިވެނީ ކަމަށެވެ.

މި މައްސަލަ އުޅޭ ކަމަށް ބައެއް މީހުން ބުނަމުން މި ދަނީ އައިފޯން 6އެސްގެ ބައެއް ފޯނުތައް ކުއްލިއަކަށް ނިވޭ މައްސަލާގައި އޭގެ ފޯނުތައް ބަދަލުކޮށްދޭން އެޕަލް އިން ނިންމާފައި ވަނިކޮށެވެ.

ބެޓެރީގެ ބާރު އަވަހަށް ހުސްވާ މައްސަލާގައި ވާހަކަ ދެއްކި، އެޕަލްގެ ބީޓާ ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ބުނެފައި ވަނީ އެ ވާޝަން އިން މައްސަލަ ހައްލުވާ ކަމަށެވެ. އެކަމަކު ބައެއް މީހުންނަށް މިގޮތުން ވެސް ހައްލެއް ނުލިބޭ ކަމަށް ބުނެ އެވެ.

މައްސަލަ ހައްލުވާނެ ގޮތެއް ނެތުމުން ބައެއް މީހުން ވަނީ އައިއޯއެސްގެ ކުރީގެ ވާޝަން އަށް ބަދަލު ވެސް ކޮށްފަ އެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ބުނެފައި ވަނީ ފޯނު މާބޮޑަށް ހޫނުވުމުންނާއި މެއިލް ބޮކްސް ސިންކްވުން އަދި ޓްވިޓާ އާއި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ބެކްގްރައުންޑް އެކްޓިވިޓީތަކުގެ ސަބަބުން އައިފޯނުގެ ބެޓެރީން އަވަހަށް ބާރު ހުސްވާނެ ކަމަށެވެ. މީގެ އިތުރުން ފޯނުގެ ލައިޓްނިން ޕޯޓްގެ ތެރޭގައި ފޮތީގެ ކުނޑި ފަދަ ތަކެތި ގިނަވުމުން ވެސް ބެޓެރީގެ މައްސަލަ ދިމާވެ އެވެ. އެހެންވެ ބެޓެރީގެ މައްސަލަ ދިމާވަނީ އައިއޯއެސްގެ ސަބަބުން ކަމަށް ނިންމުމުގެ ކުރިން މި ހުރިހާ ކަމަކަށް ބަލަންޖެހޭނެ ކަމަށް ވެބްސައިޓުތަކުގައި ބުނެފައިވެ އެވެ.