އެކްސްބޮކްސް ސީރީޒް އެކްސްގެ ކަސްޓަމައިޒްކޮށްފައިވާ ތަފާތު ކޮންސޯލެއް
އެކްސްބޮކްސް ސީރީޒް އެކްސްގެ ކަސްޓަމައިޒްކޮށްފައިވާ ތަފާތު ކޮންސޯލެއް

މައިކްރޮސޮފްޓްގެ އެކްސް ބޮކްސްގެ ސީރީޒް އެކްސް ދަށުން ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ހާލޯ ތީމަށް ގޭމް ކޮންސޯލެއް ނެރެން ނިންމައި އެ ދައްކާލައިފި އެވެ.

ޑިސެމްބަރު މަހުގެ 8 ގައި "އެކްސްބޮކްސް ސީރީޒް އެކްސް: ހާލޯ އިންފިނިޓް ލިމިޓެޑް އެޑިޝަން ބަންޑްލް" ގެ ނަމުގައި ނެރޭ ކޮންސޯލްގެ އަގަކީ 549.99 ޑޮލަރު (8,508ރ.) އެވެ. މައިކްރޮސޮފްޓްގެ ވެބްސައިޓުން މިހާރު ވަނީ މި ކަސްޓަމައިޒްޑް ހާލޯ ތީމް ކޮންސޯލްގެ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ.

ޖައްވުގެ މަންޒަރުތަކެއް ސިފަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ކޮންސޯލްގެ ކުލަތަކަކީ ކަޅާއި ރަން ކުލަ އާއި ގަދަ ފެއްސެވެ. އަދި ކޮންސޯ ބަންޑްލްގައި ހަމަ އެ ކުލަތައް ހިމެނޭ އެލީޓް 2 ކޮންޓްރޯލަރެއް އިންނާނެ އެވެ.

ހާލޯ ތީމްގެ މި ކޮންސޯލަކީ ފުރަތަމަ ފަހަރަށް މައިކްރޮސޮފްޓުން ކަސްޓަމައިޒްކޮށްގެން ނެރޭ އެކްސް ބޮކްސް ސީރީޒް އެކްސް ގެ ފުރަތަމަ ކޮންސޯލެވެ. އަދި މިއީ ހާލޯ އަށް 20 އަހަރު ފުރުން ފާހަގަކުރަން ނެރޭ ކޮންސޯލެކެވެ.

މީގެ ކުރިން ވެސް މިގޮތަށް ކޮންސޯލްތައް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ޓާކޯ ބެލް އެކްސްބޮކްސް ފާހަގަކޮށްލެވެ އެވެ.