ހުޅުމާލޭގައި ޕޫލް ކްލަބެއް އަޅާނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި ޕޫލް ކްލަބެއް އަޅާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގެ "ރުއްގަނޑު 2" ސަރަހައްދުގައި ޕޫލް ކްލަބެއް އަޅައި ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން ހުޅުވާލައިފި އެވެ.

އެކަމަށް ޝައުގުވާރިވާ މީހުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

"ރުއްގަނޑު 2" ގެ 6،027 އަކަފޫޓުގެ ސަރަހައްދެއްގައި ޕޫލް ކްލަބް އަޅައިދޭން ޝައުގުވެރިވާ މީހުން ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީ ވެސް ހުށަހަޅަން ޖެހޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އޮންނަ ބައްދަލުވުމާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާނެ ގޮތް އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިއުލާނުގައިވެ އެވެ.

އެޗްޑީސީން ބުނިގޮތުގައި، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެރެވޭ ގޮތަށް ހަދާ މި ޕޫލުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ޖާގަ ލިބޭނެ އެވެ.

ހުޅުމާލޭ ގޮނޑުދޮށް ތަރައްގީކުރުމުގެ ދަށުން 4.5 ކިލޯމީޓަރުގެ ދުވާ ޓްރެކެއް ވެސް ހަދާނެ އެވެ. ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް އެ ޓްރެކުގައި ދުއްވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ޕޫލް ކްލަބެއް އަޅަން ނިންމާފައި މިވަނީ އެ ރަށުގެ ގޮނޑުދޮށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުންނެވެ. އެ ތަނުގެ ގޮނޑުދޮށް ތަރައްގީ ކުރަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.

ކުރިން ކެފޭތަކުން ހުޅުމާލޭގެ ގޮނޑުދޮށް ބޭނުންކުރަމުން އައި ނަމަވެސް މި ސަރުކާރުން ވަނީ ގޮނޑޮދޮށުގައި ކެފޭ ހިންގުން މަނާކޮށްފަ އެވެ.