ޔޫކޭ ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް މެޕްސް ކޮލެޖުގައި ފަށަނީ
ޔޫކޭ ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް މެޕްސް ކޮލެޖުގައި ފަށަނީ

އިނގިރޭސިވިލާތުގެ ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް މެޕްސް ކޮލެޖުގައި ތައާރަފްކޮށް އަންނަ ފެބްރުއަރީ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރު އަބްދުލް އަޒީޒް އިބްރާހިމް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ބެޑްފަޑްޝާ ޔުނިވާސިޓީގެ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އެކައުންޓިންގެ ބެޗްލާސް ކޯސްތައް ފަށާނެ ކަމަށެވެ. އެ ކޯސްތަކަށް މިހާރު ހުށަހެޅޭނެ ކަމަށް އަޒީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ މެދު ތެރޭގައި ބެޑްފަޑްޝާ ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓްގެ މާސްޓާސް އަދި މާސްޓާސް ލެވެލްގެ އިތުރު ކޯހެއް ހިންގަން ވަނީ ނިންމައިފަ އެވެ.

މެޕްސް ކޮލެޖުގައި މިހާރު ވެސް ޔޫކޭ ޔުނިވާސިޓީގެ ކޯސްތައް ހިންގަމުން އަންނަކަމަށާއި އެ ކޮލެޖުން މަސައްކަތް ކުރަމުން އަންނަނީ، ރާއްޖޭގައި ތިބެގެން ދުނިޔޭގެ ފެންވަރުގެ ކޯސްތައް ހެދޭނެ ގޮތް ފަހިކޮށްދޭން ކަމަށް އަޒީޒް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރު މެތިއު ސްޓްރީޓް ވިދާޅުވީ ބެޑްފަޑްޝާ ޔުނިވާސިޓީގެ ކޯސްތައް ފަށަން ނިންމީ، އެއީ ވަޒީފާގެ މާހައުލަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޯސްތަކަކަށް ވާތީ ކަމަށެވެ. އަދި ޔޫކޭގެ ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް، ސީދާ އެ ޔުނިވާސިޓީގެ ބޭފުޅުން ވަޑައިގެން ތަމްރީނުތައް ދޭން ހަމަޖައްސާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ފެންވަރު މަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮލެޖުގެ ވައިސް ރެކްޓާ ފާތިމަތު ރަޝީދާ ވިދާޅުވީ މެޕްސް ކޮލެޖުން ހިންގާ ކޯސްތަކަކީ ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހައިން ބައިިވެރިވެވޭނެ ކޯސްތަަކަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ކޯހުގެ ފީއަކީ 49،000 ރުފިޔާ ކަމަށާއި އެ ފީ އިންސްޓޯލްމަންޓް އުސޫލުން ވެސް ދެއްކިދާނެ ކަމަށެވެ.

މީގެ 15 އަހަރުުކުރިން ފެށި މެޕްސް ކޮލެޖުގައި މިހާރު 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.