މެސީ އާއި ރާމޯސް ކުޅޭ މެޗުތައް ސްޕޭނުގައި ދައްކަން ޕީކޭ އެހީވަނީ
މެސީ އާއި ރާމޯސް ކުޅޭ މެޗުތައް ސްޕޭނުގައި ދައްކަން ޕީކޭ އެހީވަނީ

ބާސެލޯނާ (އޮގަސްޓް 26) - ފްރާންސް ލީގުގެ މެޗުތައް ސްޕެއިންގައި ދައްކަން ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ ކުންފުނިން ބްރޯޑްކާސްޓިން ރައިޓްސް ގަނެފި އެވެ.

ޕީކޭގެ ކުންފުނި، "ކޮސްމޯސް ހޯލްޑިން" އިން ވަނީ ކުރިއަށް އޮތް ތިން އަހަރަށް ފްރެންޗު ލީގު ސްޕެއިންގައި ދައްކަން މީޑީއާ ރައިޓްސް ގެނެފަ އެވެ. ޕީކޭގެ ކުންފުނިން، ލީގުގެ މިޑީއާ ރައިޓްސް ގަތުމުން ސްޕެއިންގެ މީޑީއާތަކުގައި އެކަން ސިފަކޮށްފައި ވަނީ ރެއާލް މެޑްރިޑް އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަނުން ކަމަށްވާ ސާޖިއޯ ރާމޯސް އާއި ލިއޮނެލް މެސީ ކުޅޭ މެޗުތައް ދައްކަން ޕީކޭ މީޑިއާ ރައީޓްސް ގަތުން ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ޕީއެސްޖީ ނުކުންނާނީ ރީމްސްއާ ދެކޮޅަށެވެ. އެ މެޗު ސްޕެއިންގެ ޓީވީ ޗެނަލް "އީބައި ލިއޯނޯސް" އިން ހިލޭ ދައްކާނެ އެވެ. އެ މެޗުގައި މެސީ ކުޅޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ރާމޯސް އެ މެޗުގައި ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ. އީއެސްޕީން އިން ބުނީ މެސީ ކުޅޭ ފުރަތަމަ މެޗު ދެއްކުމުގެ ރައިޓްސް ސްޕެއިންގެ "ޓެލެޗިންކޯ" ޓީވީ ޗެނަލަށް ވެސް ދީފައިވާ ކަމަށެވެ.

ފްރެންޗު ލީގު ސްޕެއިން އަށް ދެއްކުމުގެ ރައިޓްސް ކުރިން އޮންނަނީ މޯވިސްޓާ ޓީވީ ޗެނަލް އަށެވެ. ޕީކޭ ކުންފުނިން ވިސްނަނީ ސަބް ލައިސަންސް ޓީވީ ޗެނަލްތަކަށް ދޫކުރުމަށެވެ.

ބާސެލޯނާގައި 17 އަހަރު ހޭދަ ކުރުމަށް ފަހު މެސީ ޕީއެސްޖީ އަށް ބަދަލުވީ އޭނާ އަށް ބާސާގައި މަޑު ކުރެވެން ނެތުމުންނެވެ. އޭނާ އެ ކްލަބުގައި މަޑުކޮށްފި ނަމަ 100 ޕަސެންޓަށް ވުރެ މައްޗަށް ބާސާގެ މުސާރަ އުފުލެ އެވެ. މެސީ ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެ ކްލަބާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ ވަނީ ސޮއިކޮށްފަ އެވެ. ކްލަބުން ބޭނުން ނަމަ އިތުރު އެއް އަހަރަށް ކްލަބުގައި ބެހެއްޓުމުގެ އިހުތިޔާރު ލިބެ އެވެ.

ރާމޯސް ވެސް ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.