26 އޯގަސްޓް 2021 - 10:31

މެންޗެސްޓާ (އޮގަސްޓް 26) - ކޯޗު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ދެން ހަވާލުވާނީ ގައުމީ ޓީމަކާ ކަމަށް އޭނާ ބުނެފި އެވެ.
ސިޓީގެ ކޯޗުކަމާ 2016 ގައި ހަވާލުވި ގާޑިއޯލާގެ މިހާރުގެ ކޮންޓްރެކްޓް ހަމަވާނީ 2023 ގަ އެވެ. ގާޑިއޯލާ، 50، ވަނީ ސިިޓީއާ އެކު ޕްރިމިއާ ލީގުގެ ތަށި ތިން ފަހަރު ހޯދައިފަ އެވެ. މިހާރު އޮތް ކޮންޓްރެކްޓް ހަމަވުމުން އަރާމު ކުރަން މުއްދަތެއް އޭނާ ނަގާނެ އެވެ.
އެފްސީ ބާސެލޯނާ އާއި ބަޔާން މިޔުނިކުގެ ކުރީގެ ކޯޗު ބުނީ އެއަށް ފަހު އޭނާގެ އަމާޒަކީ ގައުމީ ޓީމަކާ ހަވާލުވުން ކަމަށެވެ.
"ފުރުސަތު އޮތް ނަމަ ދެން އޮތް ފިޔަވަޅަކީ ގައުމީ ޓީމަކާ ހަވާލުވުން،" އެކްސްޕީ އިންވެސްޓްމެންޓޯސް އިވެންޓްގައި ގާޑިއޯލާ ބުންޏެވެ.
"މި ޓީމު (ސިޓީ) ގައި ހަތް އަހަރު ހޭދަކުރުމަށް ފަހު ކޮންޓްރެކްޓް ހަމަވުމުން އަހަރެން ބްރޭކެއް ނަގަން ޖެހޭނެ. އަހަރެން ޝައުގުވެރިވޭ ދެކުނު އެމެރިކާ ޓީމާ ހަވާލުވާން، ޔޫރަޕްގެ ޓީމަކާ ހަވާލުވާން. ކޮޕާ އެމެރިކާގައި ކޯޗުކޮށް ދިނުމުގެ ތަޖުރިބާ ހޯދަން ބޭނުން."
ބާސެލޯނާގެ ކޯޗު ކަމުން 2012 ގައި ވަކިވުމަށް ފަހު ގާޑިއޯލާ ވަނީ އެއް އަހަރުގެ ބްރޭކެއް ނަގައިފަ އެވެ. އޭގެ ފަހުން 2013 ގައި އޭނާ ހާވަލުވީ ބޔާންއާ އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗު ކޮށްދިނުމުގެ ޝައުގުވެރިކަން ގާޑިއޯލާ ކުރިން ފާޅުކުރިކަމަށް، އޭނާގެ ކޯޗު ކަމުގެ ދަށުން ބާސާ އަށް ކުޅުނު ޑެނީ އަލްވޭސް ކުރިން ވަނީ ބުނެފަ އެވެ.
ގާޑިއޯލާ ވެސް ކުރިން ބުނެފައި ވަނީ އަމިއްލަ ގައުމު ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަން ކުރުމަކީ އޭނާ ކުރާ އުންމީދެއް ކަމަށެވެ.