ބިޒްނަސް ވިސާއަށް ދެން އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ ޕޯޓަލުން
ބިޒްނަސް ވިސާއަށް ދެން އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ ޕޯޓަލުން

އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

އެ މިނިސްޓްރީން ގެޒެޓު ކުރި ގަވާއިދުގައި ބުނެފައިވާގޮތުގައި ބިޒްނަސް ވިސާއަށް އެދި ހުށަހެޅުމުން ވިސާގެ ހުއްދަ ދޭނީ ރަޖިސްޓްރާ އޮފް ބިޒްނަސް އިންނެވެ. އަދި ރަޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިނުމުން އިތުރު ޝަރުތަކާ ނުލައި އިމިގްރޭޝަނުން ވިސާ ދޭން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުރިން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަނަށެވެ. އަދި ވިސާ ދޫކުރާ މީހުން ކަނޑައެޅުމުގެ ބާރު ވެސް އޮންނަނީ ކޮންޓްރޯލާ ޖެނެރަލް އަށެވެ. ނަމަވެސް މިއަދުން ފެށިގެން ބިޒްނަސް ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން އެކަމަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ބިޒްނަސް ޕޯޓަލް http://business.egov.mv މެދުވެރިކޮށެވެ.

މި ގަވާއިދާ އެކު ވެސް ބައެއް ހާލަތްތަކުގައި ރެޖިސްޓްރާ އޮފް ބިޒްނަސް ހުއްދަ ދިން ނަމަވެސް ވިސާ ދޫނުކުރުމުގެ އިހުތިޔާރު ކޮންޓްރޯލާ ޖެނެރަލް އަށް ލިބޭނެ އެވެ. އެއީ އިމިގްރޭޝަނާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައި ހިމެނޭ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު އެވެ.

މީގެ އިތުރުން ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްވެސް ގައުމަކާ އެކު ބިޒްނަސް ވިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅާފައިވާ ނަމަ އެ އުސޫލުގެ ދަށުން އެއްވެސް ހުރަހެއް ނެތި އަމަލު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ބިޒްނަސް ވިސާއަށް އެދި ހުށަހަޅާ މީހުންނަށް ވިސާ ދޫކުރަނީ އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން، 30-90 ދުވަހާ ދެމެދުގެ މުއްދަތަކަށް ވިސާ ދޫކުރާއިރު ވިސާ ފީގެ ގޮތުގައި 750ރ. އަށް ދައްކަން ޖެހޭނެ އެވެ.