25 އޯގަސްޓް 2021 - 16:07

އުމްރާނީ ގޮތުން މި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބިޔަ އެއް މަޝްރޫއުއަކީ މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވާލާ ބްރިޖެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ހަމަޖެހިފައިވާއިރު މި ބްރިޖަކީ ސިނަމާލޭ ބްރިޖަށް ވުރެ ފުރިހަމަ ބްރިޖަކަށް ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ އެކު ހަދާ އެއްބަސްވުމުގެ ދަށުން އަޅާ މި ބްރިޖްގެ ކުރެހުންތަކުން ފެންނަ ގޮތުގައި ބްރިޖުގައި ހަތަރު ލޭނެއް އޮންނާނެ އެވެ. ބްރިޖުގައި ހަތަރު ރަށަށް ދާނެ މަގު އަންގައި ދިނުމަށް ބޯޑު ހަރުކޮށްފައި ހުރެ އެވެ.

ބްރިޖުން އަރައިގެން ގޮސް ތިލަފުށި، ވިލިމާލެ އަދި ގުޅީފަޅަށް ދާން އޮންނަ މަގު ގުޅޭ ސަރަހައްދުގައި ވަށް ބުރެއް ހަދާފައި ވާއިރު އެ ބުރުގެ މެދުގައި ހަނދު ފަޅިއެއް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ވެސް ހުރެ އެވެ.
ދުވާލާއި ރޭގަނޑު މި ބްރިޖު އޮންނާނެ ގޮތް ކުރެހުންތަކުގައި ހިމެނޭއިރު ބްރިޖުގެ ރީތިކަން ބޮޑަށް ފެންނާނީ އެކި ކުލަ ކުލައިގެ ބޮކިތަކުން ބްރިޖް ރޭގަނޑު ދިއްލާލުމުން ކަމަށް ކުރެހުންތަކުން ފެނެ އެވެ.
މި ބްރިޖު އަޅަނީ އިންޑިއާގެ މާލީ އެހީގަ އެވެ. އެހެންވެ މަޝްރޫއުއަށް ކުރިމަތިލެވެނީ ވެސް އިންޑިއާގެ ކުންފުނިތަކަށް އެކަންޏެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައިވާ ކުންފުނިތަކަށް ހުޅުވާލި އެ މަޝްރޫއު ކާމިޔާބުކުރީ އެފްކޮން އިންނެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.
މި ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމައި 2023 ގައި ހުޅުވިދާނެ ކަމަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެކަމަކު ބްރިޖްގެ ބައިތަކުގެ ތެރެއިން މާލެ-ވިލިމާލެ ގުޅުވައިދޭ ބައި، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެ އެވެ. ބްރިޖްގެ މަސަައްކަތް ކުރިއަށް ގެންދާނީ ނިމޭ ވަރަކުން ނިމޭ އެކި ބައިތައް ހުޅުވާ ގޮތަށެވެ.