ލ.ގަމުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ލ.ގަމުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ.ގަމު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރި މި މަޝްރޫއުގެ ދަށުން އެ ރަށު ބަނދަރު 25،791 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5 މީޓަރު) ފުން ކުރާނެ އެވެ. އަދި ބަނދަރަށް ވަންނަ ނެރު ފުން ކުރުމަށް 4،317 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4 މީޓަރު) ނެރު ފުން ކުރާނެ އެވެ.

މީގެ އިތުރުން އެ ރަށުގެ އެއްގަމު ތޮށި 313 މީޓަރަށް ޖެހުމާ އެކު 155 އަކަމީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ.

އެމްޓީސީސީއާ ހަވާލުކުރި 24 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ. އަދި މި މަޝްރޫއުގައި އެ ރަށުގެ އެއްގަމު ތޮށިން ބޭރު ތޮއްޓާ ދެމެދު ބްރިޖެއް އެޅުމަށް އެމްޓީސީސީން ވަނީ ހަމަޖައްސައިފަ އެވެ.

މި މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމާއި، 17 މީޓަރުގެ ސަބްމާޖް ބްރޭކް ވޯޓާ ޖެހުމާއި، 62 މެރިން ރިންގު ހަރުކުރުމާއި އަދި 20 މޫރިން ބޮއެ ހަރުކުރުން ހިމެނެ އެވެ. އަދި ގަމުގެ ބޭރުތޮށީގައި 128 މީޓަރުގެ ބޮޑު ހިލަ ޖެހުން މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.