ތާލިބާނުންގެ ސަރުކާރަށް ވަޒީރުން އައްޔަން ކުރަން ފަށައިފި
ތާލިބާނުންގެ ސަރުކާރަށް ވަޒީރުން އައްޔަން ކުރަން ފަށައިފި

އަފްގާނިސްތާނުގައި ތާލިބާނުންގެ ވެރިކަމެއް ގާއިމުކުރުމުގެ ގޮތުން، ސަރުކާރުގައި ހިމެނޭނެ ވަޒީރުންގެ މަގާމުތަކަށް މީހުން އައްޔަންކުރަން ފަށައިފި އެވެ.

ވަޒީރުންގެ މަގާމަށް އެކި މީހުން އައްޔަން ކުރަމުން އަންނަ އިރު، ތާލިބާނުންގެ ވެރިކަން ހިންގަމުންދާނީ 12 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ، ވެރިކަމުގެ މަޖިލީހަކުން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ. އެހެންކަމުން، އެ މަޖިލީހުގައި ހިމަނާނެ މީހުން ކަނޑައެޅުމުގެ މަޝްވަރާތައް، އަފްގާނިސްތާނުގެ ސިޔާސީ ލީޑަރުންނާއި ގަބީލާތަކުގެ އިސް ވެރިންނާ އެކު ތާލިބާނުން މިހާރުވެސް ކުރިއަށް އެބަ ގެންދެ އެވެ.

ތާލިބާނުންގެ މަސްދަރުތަކަކާ ހަވާލާދީ އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާ އިން ބުނާ ގޮތުގައި ވެރިކަމުގެ މަޖިލީހުގައި ހިމެނޭނެ އެންމެ އިސް މީހުންނަކީ، ތާލިބާން ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރާދަރު، އަސްކަރީ ގޮފީގެ ވެރިޔާ އަދި ތާލިބާން ޖަމާއަތުގެ ބާނީ މުއްލާ އުމަރުގެ ދަރި މުއްލާ މުހައްމަދު ޔައުގޫބު، ހައްގާނީ ވިއުގައިގެ ވެރިޔާ ޚަލީލު ހައްގާނީ އެވެ.

މީގެ ތެރެއިން ބަރާދަރު އާއި މުއްލާ މުހައްމަދު ޔައުގޫބްގެ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި އެ ދެ މީހުން ވެސް ބޭނުންވަނީ، ޕަންޖްޝޭރް ވާދީގެ ވެރިޔާ އަހްމަދު ޝާހް މަސްއޫދު ވެސް، ވެރިކަމުގެ މަޖިލީހުގައި ބައިވެރި ކުރާށެވެ. ޕަންޖްޝޭރް ވާދީއަކީ، އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން މިހާތަނަށް ތާލިބާނުންގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ޕްރޮވިންސެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި ތާލިބާނުން އުފައްދާ ސަރުކާރުގެ ދިފާއީ ވަޒީރުގެ މަގާމަށް، މުއްލާ އަބްދުލްގައްޔޫމް ޒާކިރު މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ބައެއް ޕްރޮވިންސްތަކަށް މިހާރު ވަނީ ގަވަރުނަރުން ވެސް ހަމަޖައްސައިފަ އެވެ. އަދި ދާހިލީ ވަޒީރާއި ތައުލީމާ ބެހޭ ވަޒީރުގެ އިތުރުން ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށްވެސް މިހާރު ވަނީ މީހުން ހަމަޖައްސައިފަ އެވެ.

އަފްގާނިސްތާނުގައި ތިބި ބިދޭސީ ލަޝްކަރުތައް އެ ގައުމުން ފޭބުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާ އިރު، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ވެރިޔާ ވިލިއަމް ޕެރެންސް، މިދިޔަ ހޯމަ ދުވަހު ވަނީ ކާބުލް އަށް ވަޑައިގެން، މުއްލާ އަބްދުލްޣަނީ ބަރާދަރްއާ ސިއްރިޔާތުގައި ބައްދަލު ކުރައްވައިފަ އެވެ. މިއީ ތާލިބާނުން އަފްގާނިސްތާނު ހިފި ފަހުން، އެމެރިކާގެ މިހާ މަތީ ފެންވަރުގެ ވެރިއަކު، ތާލިބާނުންނާ އެކުގައި މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ވިދިގެން، ގައުމު ދޫކޮށްފައި ދާން ބޭނުންވާ އެތައް ހާސް ބަޔަކު، ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެފައިވާ އިރު، އެމެރިކާ އާއި ނޭޓޯ ސިފައިން ބުނަމުން އަންނަނީ، އެ ހުރިހާ އެންމެން ގައުމުން ބޭރަށް ނުގެންދެވޭނެ ކަމަށެވެ. އެއީ، ހުރިހާ ބިދޭސީ ސިފައިން، އޮގަސްޓް 31ގެ ނިޔަލަށް އަފްގާނިސްތާނުން ފައިބަންޖެހޭނެތީ އެވެ.