26 އޯގަސްޓް 2021 - 12:18

ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އެ ކުންފުންޏަށް ރައްދުވާ ގޮތަށް އޭސީސީ އަށް ވަނީ ވަރަށް ގިނަ މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ތަހުގީގުކުރަން ނިންމީ 22 މައްސަލައެކެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ ފެނަކައިގެ މައްސަލަތަކުގެ ތެރެއިން ފަސް މައްސަލައެއް ނިންމާފައިވަނީ ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. ބާކީ ހުރި މައްސަލަތައް ތަހުގީގު ކުރަމުން އަންނާތީ އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކޮށްފައިވާ ފެނަކައާ ގުޅޭގޮތުން ކަމާގުޅޭ މުއައްސަސާތަކަށް މައްސަލަތައް ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެ އަދި އެ ކުންފުންޏާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަމުން ދާތީ ފެނަކައިން ވަނީ މައްސަލައިގެ ތަހުގީގުތައް އަވަސް ކޮށްދިނުމަށް މިދިޔަ ޖޫން މަހު އެދިފަ އެވެ.
ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރުމުން ޕްރައިޓަވައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ވަނީ 13 ކަމެއް އިސްލާހުކުރަން އަންގައިފަ އެވެ.
އޭގެ ތެރޭގައި، ކުންފުނި ހިނގަމުންދާ ގޮތަށް ބަލައި އާއްމުކޮށް ބޭނުންވާ ތަކެތި އަދި ކޮންމެހެން ހުންނަން ޖެހޭނެ ތަކެތީގެ މިނިމަމް ސްޓޮކެއް ކުންފުނީގެ ބޯޑުން ކޮންމެ ހަ މަހަކުން ބަދަލު ގެންނަ ގޮތަށް ކަނޑައަޅާފައި ބޭއްވުމަށާއި ކުންފުނީގެ މިނިމަމް ސްޓޮކް މެއިންޓެއިން ކުރަން މެނޭޖްމަންޓަށް އަންގައި މިނިމަމް ސްޓޮކް މެއިންޓެއިން ކުރާކަން ބޯޑުން މޮނިޓާ ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ވެންޑާސް ލިސްޓެއް ތައްޔާރުކޮށް ބެލެހެއްޓުމަށާއި އެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް އޯޕަން ބިޑިން މެދުވެރިކޮށް ނޫން ގޮތަކަށް އެއްވެސް މުދަލަކާއި ހިދުމަތެއް ނުހޯދަން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ހިމަނައި ވެންޑާސް ލިސްޓުގައި ފުރިހަމަ މައުލޫމާތުތައް އަޕްޑޭޓުކުރަމުން ގެންދިއުމަށް ވެސް އެދިފައި ވެ އެވެ.