25 އޯގަސްޓް 2021 - 13:11

ޔުނިޓަރީ ދައުލަތެއްގައި އޮންނަން ޖެހޭ ސިފަތަކާ ފުށުއަރާ ކަމަށް ވިދާޅުވެ، ބިންތައް ދޫކުރުމާއި އެއިން ވިޔަފާރި ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމާމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ބިމާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި ހިނގާނީ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، ސަރުކާރުގެ ދަށުގައި ކަންކަން ހުރުމާއި އޭގެ ތެރެއިން ނިޒާމް ހިނގުމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފައެއް ކަމަށެވެ.
ކައުންސިލްތަކަށް ބިންތައް ދޫކުރުމާއި އެ ހުރިހާ ބާރެއް ދޫކޮށްލުމަކީ ފެޑަރަލް ސިސްޓެމެއްގައި އަމަލުކުރާ ގޮތް ކަމަށާއި އެ ހުރިހާ ބާރެއް ކައުންސިލްތަކަށް ދޫކޮށްލުމަކީ ބޮޑު ރިސްކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި ހުރިހާ ކައުންސިލްތަކުގައި ތިއްބެވި ބޭފުޅުންގެ ކެޕޭސިޓީއަށް ބަލާއިރު 99 އަހަރަށް ސަރުކާާރުގެ ކަމާބެހޭ މިނިސްޓްރީން ހުއްދައެއް ނުލިބި އެކަން ކުރެވޭ ގޮތަށް އޮތުމަކީ އަޅުގަނޑުމެންނަށް އޮތް ރިސްކެއް ކަމަށް ގަބޫލު ކުރެވޭ،" ގާސިމް ވިދާޅުވި އެވެ.
ގާނޫނުއަސާސީއާ ހިލާފަށް، ފެޑަރަލް ސިސްޓަމެއްގައި އޮންނަ ގޮތަށް ރާއްޖޭގެ ކަންކަން ހިންގަން ފަށައިފި ނަމަ ކަންކަން ބޮއްސުންލައިގެން ދަނެ ކަމުގެ ބިރު އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ބިމާ ބެހޭ ބިލު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރާއިރު އެކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށާއި ގައުމުގެ މިނިވަަންކަމާއި އިސްތިގުލާލުގެ ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން ގެންނަ މި އިސްލާހުގައި ކައުންސިލްތަކުގެ މިލްކުވެރިކަމުގައި އޮންނަ ބިންތަކުން ވިޔަފާރިކޮށްގެން މާލީ މަންފާ ހޯދުމުގެ އިހްތިޔާރު އެ ކައުންސިލްތަކަށް ލިބެ އެވެ.