އަމީތާބުގެ އެންމެ މޮޅު 5 ތްރިލާ
އަމީތާބުގެ އެންމެ މޮޅު 5 ތްރިލާ

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން އަކީ ކޮންމެ ޖޯންރާއެއްގެ ފިލްމެއް ވެސް އަދި ކޮންމެ ވައްތަރެއްގެ ރޯލެއް ވެސް ފަސޭހައިން ކުޅެލާ އެކްޓަރެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ އިރު، މީގެ ތެރޭގައި ގާތްގަނޑަކަށް ހަމަ ހުރިހާ ޖޯންރާއެއްގެ ފިލްމުތަކެއް އެބަހުއްޓެވެ.

މި މަހުގެ 27 ގައި ރިލީޒްކުރަން އުޅޭ، ޑައިރެކްޓަރު ރޫމީ ޖެފްރީގެ މިސްޓްރީ ތުރިލާ "ޗެހެރޭ" އަކީ ޔަގީނުން ވެސް އަމީތާބްގެ މޮޅު އެކްޓިންއެއް ފެންނާނެ ވަރަށް އުންމީދީ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުން ކުޑަތަންވަމުން އަންނަ އިރު، ބޮލީވުޑް ހަންގާމާ އިން ވަނީ 78 އަހަރުގެ އެކްޓަރުގެ އެންމެ މޮޅު ފަސް ތުރިލާގެ ލިސްޓެއް ގެނެސްދީފަ އެވެ.

މި އާޓިކަލްގައި ހިމެނެނީ މަޝްހޫރު ފިލްމު ކްރިޓިކް ސުބާޝް ކޭ ޖާގެ ނަޒަރުގައި އަމީތާބްގެ އެންމެ މޮޅު ފަސް ތުރިލާ އެވެ. "ޗެހެރޭ" ރިލީޒްކުރަން އުޅޭ މި ދަނޑިވަޅާ ދިމާކޮށް އަމީތާބްގެ ތުރިލާތަކުގެ ވާހަކަ ދެއްކުމަކީ ހަމަ ވަރަށް މުނާސަބު ކަމަކަށް ވާނެ އެވެ.

ޖިއޮތީ ސްވަރޫޕް ޑައިރެޓްކޮށް ގެނެސިން ސައިކޮލޮޖިކަލް ތުރިލާ "ޕަރުވާނާ" އަކީ ލޯބީގައި ދީވާނާވެފައިވާ މީހެއްގެ ރޯލު އަމީތާބް ކުޅުނު ފިލްމެކެވެ.

މީގައި އަމީތާބް ކުޅުނު ކުމާރުގެ ކެރެކްޓާ އަކީ ލޯބިވާ މީހާ، އާޝާ (ޔޮގީތާ ބާލީ) އެހެން މީހަކަށް ހާސިލުވިޔަ ނުދިނުމަށްޓަކައި އޭނާގެ ލޯބިވެރިޔާ ރާޖޭޝްވަރް (ނަވީން ނިސްކޯލް) މަރައިލަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ އެތައް ހާދިސާއެއް ފެންނަ ފިލްމެކެވެ.

އަމީތާބްގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ކާމިޔާބު ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުނު ސާލިމް-ޖާވިދުގެ ސްކްރިޕްޓަކަށް ހެދި "މަޖުބޫރު" އަކީ ކްރައިމް ތުރިލާއެކެވެ. މި ފިލްމުގައި އަމީތާބް ކުޅުނީ ސިކުނޑީގެ ޓިއުމަރަކާ ހެދި އަމިއްލަ ހާލަތާއި އާއިލާއަށްޓަކައި ފައިސާގެ ބޭނުމުގައި މަރެއްގެ ތުހުމަތު ބޮލުގައި އަޅައި އަދި ދުނިޔޭގައި ހުންނާނީ އެންމެ ހައެއްކަ މަހަށް ކަމަށް ޑޮކްޓަރުން ބުނެފައިވާ ރަވީ ކަންނާ ކިޔާ ކެރެކްޓާއެކެވެ.

ބަތަލާ ރަވީނާ ޓަންޑަންގެ ބައްޕަ ރަވީ ޓަންޑަން ޑައިރެކްޓްކުރި "މަޖުބޫރު" ގެ ބަތަލާ އަކީ ޕަރުވިން ބާބީ އެވެ.

މި ފިލްމަކީ ޗާލްސް ބްރޮންސަންގެ ތުރިލާ "ކޯލްޑް ސްވެޓް" އަސްލަކަށް ބަލައިގެން ސަލީމް-ޖާވިދު ލިޔުނު ފިލްމެކެވެ.

ނަރެންދުރަ ބޭދީ ޑައިރެކްޓްކުރި "ބޭނާމް" އަކީ އަލްފްރެޑް ހިޗްކޮކްގެ "ދަ މޭން ހޫ ނިއު ޓޫ މަޗް" އަށް ބިނާކޮށް ގެނެސްދިން ތުރިލާއެކެވެ.

ގަތުލެއްގެ މަންޒަރު ފެނުމުން އެ މީހުންގެ ދަރިފުޅު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއް ފެނިގެން ދިޔަ ފިލްމުގައި އަމީތާބާ އެކު ބަތަލާގެ ރޯލު ކުޅުނީ މައުޝަމީ ޗެޓަޖީ އެވެ. "ބޭނާމް" އަކީ މި ފިލްމަށް އާރްޑީ ބަރްމަން ތައްޔާރުކޮށް ދިން ތީމް ލަވައިގެ ސަބަބުން ވެސް ފިލްމުގައި ޖާދޫގައި ބެލުންތެރިން ޖެހުނު ފިލްމެކެވެ.

ދެހާސް ސޯޅައިގައި ރިލީޒްކުރި "ވަޒީރު" އަކީ ބިޖޯއި ނަމްބިއާ ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ. ފަރުހާން އަޚްތަރު ވެސް މުހިއްމު ރޯލެއް ކުޅުނު ފިލްމުގައި އަމީތާބް ކުޅުނީ ނުކުޅުންތެރިކަމަކާ ހެދި ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ޗެސް މާސްޓަރެއްގެ ރޯލެވެ.

"ވަޒީރު" އަކީ ވިދޫ ވިނޯދް ޗޯޕްޅާ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސްކުރި ފިލްމެކެވެ.

ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ގެނެސްދިން "ބަދުލާ" ގައި އަމީތާބް ކުޅުނީ ހަވާލުވާ އެއްވެސް ކޭހެއް ނާކާމިޔާބު ނުވާ ވަކީލެއްގެ ރޯލެވެ. މީގައި އޭނާ ކުޅުނު ކެރެކްޓާ އަކީ ލޯބިވެރިޔާ މަރައިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަންހެނެއް (ތާޕްސީ ޕައްނޫ) ގެ ދިފާއުފައި މަސައްކަތްކޮށްދޭ ވަކީލެއްގެ ރޯލެވެ.

ސްޕެއިންގެ 2016 ގެ ފިލްމު "ދި އިންވިސިބަލް ގެސްޓް" އަސްލަކަށް ބަލައިގެން ގެނެސްދިން "ބަދުލާ" ގެ ޑައިރެކްޓަރަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2012 ގެ ތުރިލާ "ކަހާނީ" ގެނެސްދިން ސުޖޯއި ގޯޝް އެވެ.