އާންމުވެގެން އުޅެނީ އަމިއްލަ މީހެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލާ ފޮޓޯއެއް ނޫން: އެޗްޑީސީ
އާންމުވެގެން އުޅެނީ އަމިއްލަ މީހެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލާ ފޮޓޯއެއް ނޫން: އެޗްޑީސީ

ހިޔާގެ ދެ އެޕާޓްމަންޓެއް ވަކިކުރުމަށް ފާރު ތަޅާލައި އެ ދެ އެޕާޓްމަންޓް އެއްކޮށްލާ މަންޒަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރު ކުރަމުން ދިޔަ ނަމަވެސް އެއީ ސުޕަ މާކެޓެއް ހެދުމަށްޓަކައި ހަވާލު ކޮށްފައިވާ ތަނެއް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ، އެ ފޮޓޯގައި ފެންނަނީ ހިޔާގެ ޓަވަރެއްގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ދެ ޔުނިޓު އެއްކޮށްލާ މަންޒަރު ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، ސުޕަމާކެޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ތަނެއް ކަމަށް ވާއިރު، ފާރު ތަޅާލައި ދެ ތަން އެއްކުރުމުގެ މަސައްކަތް ކުރަނީ ވެސް އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ.

"މިހާރު އާންމުވެގެން އެ އުޅޭ ފޮޓޯއިން އެ ފެންނަނީ އަމިއްލަ މީހެއްގެ ފްލެޓެއް ނޫން. އެއީ ކޮމާޝަލް ޔުނިޓްތަކުގެ ތެރެއިން ސުޕަމާކެޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެއް،" އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ލިބުމާ އެކު 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުން މިހާރު އަންނަނީ ފިނިޝިންގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިންމަން ދީފައިވާ ހަތަރު މަހުގެ މުއްދަތަށް ކުލި ނުހިނގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ކަމަށް ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ހިޔާ ފްލެޓްގެ ސްޓްރަކްޗާ އަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައި ދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެ ޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް 1 އިންޗި އަށް ވުރެ ފުންކޮށް ތޮރުފުން ވެސް ވަނީ މަނާކޮށްފަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ ސާވިސް ފީގެ ގޮތުގައި ނަގާ، 1،000ރ. އާ އެކު 8،500ރ. އެވެ.