25 އޯގަސްޓް 2021 - 12:45

ކެނަބިސް ޓްރެފިކް ކުރި ކަމަށް އިއުތިރާފުވި މީހަކު އުމުރަށް ޖަލަށް ލައި 100،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ސެޕްޓެމްބަރު 14، 2020 ގައި މާލޭގެ ގެއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސް ކުރި އިރު ގިނަ އަދަދެއްގެ ޑްރަގް އެ ގެއިން ފެނިފައިވެ އެވެ.
އެ އެޕާޓްމެންޓުން ކެނަބިސް އަޅާފައި ހުރި ސެލޯފިން ކޮތަޅާއި ރަބަރު ޕެކެޓުތަކާއި ފިލްމު ހުސްކުރި ދަޅުތައް ފެނިފައިވެ އެވެ. އަދި ޖެހިގެން ހުރި ގެއަށް އެއްލައިލި ޓޭޕް އަޅައި ޑްރަގް ފޮރުވާފައި އޮތް އެސްލޯން ހޮޅިކޮޅެއް ވެސް ފެނިފައިވެ އެވެ. އެ ގެއިން ކެނަބިސް އާއި އެމްޑީއެމްއޭ އަދި ހެރޮއިން ފެނިފައިވެ އެވެ. އަދި އަލަމާރިއެއް ތެރޭގައި އޮތް ފޮށިގަނޑަކުން 16،650ރ. އަދި ކަބަޑަކުން 500ރ. ފެނިފައިވެ އެވެ.
މި މައްސަލައިގައި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކުރީ ހދ. ނޮޅިވަރަން ހިޔާ، އަމްޖަދު އަބްދުއްސައްތާރާއި ގއ. ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު އާއި ގދ. ވާދޫ، ޗިޗަންޑާގޭ، ވިޝާމް މުހައްމަދާއި ގއ. ވިލިނގިލި ނައިންފްލާވާ، އީމާން މުހައްމަދާއި، ކ. މާފުށި، ވާރޭވިލާ، އަހުމަދު އަހުނަފް އަސްފާގުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް މި މައްސަލައިގައި އިތުރު ދައުވާތަކެއް ވެސް ކޮށްފައިވެ އެވެ.
މި މީހުންގެ ތެރެއިން އަމްޖަދު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފަ އެވެ. އޭނާ އިއުތިރާފުވިޔަސް ދެން އެ މައްސަލައިގައި ހިމެނޭ އެހެން މީހުން ވަނީ އިންކާރުކޮށްފަ އެވެ.
މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެ ނަމަ އެއީ ޓްރެފިކް ކުރަން ގެންގުޅޭ ތަކެތި ކަމަށް ބެލޭނެ އެވެ. ޓްރެފިކިންގެ ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ބަލަނީ 25 އަހަރުގެ ހުކުމެވެ.
އަމްޖަދު ބުނެފައި ވަނީ، އޭނާ ކުށް ކުރީތީ ހިތާމަ ކުރާ ކަމަށާއި އިސްލާހުވާން މަސައްކަތްކުރާ ކަމަށެވެ. ކުށް ކުރެވުނީ އޭރު މަގު އޮޅިފައި ހުރުމުން ކަމަށާއި މިހާރު އޭނާ އަކީ ދީނީ ކަންކަމަށް ވެސް ލޯބިކުރާ މީހެއް ކަމަށް ބުނެފައިވެ އެވެ. މިހާރު އޭނާ މަސްތުވާތަކެތި ބޭނުން ވެސް ނުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި އެދުނީ އަދަބަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށެވެ.
އަމްޖަދު ކުށަށް އިއުތިރާފުވެ، ޝަރީއަތުގެ ވަގުތު ސަލާމަތްކޮށް، އިސްލާހުވާން މަސައްކަތް ކުރާ ކަމަށް ބުނެފައިވާތީ ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރެއްވީ އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
އެއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ޓްރެފިކިން އަށް އޮންނަ އެންމެ ކުޑަ ޖޫރިމަނާ އެވެ. ގާޒީ ބޭނުން ނަމަ 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އިއުތިރާފުވިޔަސް މިފަދަ މައްސަލަތަކުގައި ޖަލު އަދަބު ކުޑައެއް ނުވާނެ އެވެ.
ގެއިން ފެނުނު ފައިސާާ އަކީ ޑްރަގް ޓްރެފިކް ކޮށްގެން ހޯދި ފައިސާ ކަމަށް ވެސް އަމްޖަދު ބުނެފައިވެ އެވެ. އެ ފައިސާ ދައުލަތަށް ނަގަން އެދިފައިވުމުން އެ ފައިސާ ނަގަން ވެސް އަންގައިފައިވެ އެވެ.