25 އޯގަސްޓް 2021 - 11:43

މާލޭގައި ހިންގާ އަތޮޅު ފިހާރަތައް ލޯކަލް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރުމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުން މަޖިލީހުގައި މިއަދު ގޮވާލައިއްފި އެވެ.

ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، އަތޮޅު ފިހާރަތަކަކީ މާލެ ފިޔަވައި އެހެން އަތޮޅުތަކުގެ މީހުންގެ ވަރަށް ބުރަ މަސައްކަތުން އުފައްދާފައިވާ އިންވެސްޓުމަންޓުތަކެއް ކަމަށާއި ނަމަވެސް އެ ތަންތަން ރަޖިސްޓަރީ ކޮށްފައި ހުންނަނީ ފިނޭންސް މިނިސްޓްރީގެ ދަށުގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އަތޮޅު ފިހާރަތަކުން އަހަރެއްގެ މައްޗަށް ވިއްސަކަށް މިލިއަން ރުފިޔާ ދައުލަތަށް ލިބޭއިރު، އެ ތަންތަނުގެ މިލްކުވެރިކަން ކައުންސިލްތަކަށް ބަދަލުކުރަން ޖެހެ އެވެ.
"އަޅުގަނޑު އެދެން ސަރުކާރުގެ މިލްކުވެރިކަން އަތޮޅުތަކަށް ބަދަލުކުރުން އަދި އަތޮޅު ކައުންސިލްތަކުގެ ދަށުން އެ ތަންތަން ހިންގާ ނުވަތަ އިންވެސްޓު ކުރެވޭނެ މަގު ތަނަވަސްވެގެން ދިޔުން،" ސަލީމް ވިދާޅުވި އެވެ.
އަތޮޅު ފިހާރަތަކުން 2016 އިން ފެށިގެން ކައުންސިލްތަކަށް 50 ޕަސަންޓު އާމްދަނީއެއް ލިބޭ ކަން ސަލީމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެ ތަންތަނުގެ ފުރިހަމަ މިލްކުވެރިކަން ކައުންސިލްތަކަށް ދީފި ނަމަ ކައުންސިލްތަކަށް ދިމާވާ ފައިސާގެ މައްސަލަ ވެސް ވަރަށް ބޮޑަށް ހައްލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ކިތަންމެ ކަންތައްތަކެއް މި ސަރުކާރުން ކޮށްދެއްވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ސަލީމް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމްގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާއެކު ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓު ވަނީ ކައުންސިލްތަކަށް ހާއްސަ ކޮށްފަ އެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ބިމު ކުއްޔާއި ކައުންސިލްތަކުން ނަގައި ފީތަކުގެ އާމްދަނީ އެއްކޮށް ކައުންސިލަށް ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.