ސިޔާސީ ނުފޫޒު
ސިޔާސީ ނުފޫޒު

މަޝްހޫރު "އޮޑީ" މަރުކާގެ އީޓްރޯން ޖީޓީ ކްއާޓްރޯއަކީ، އޮޑީ ކުންފުނިން އުފެއްދި އެންމެ ފަހުގެ ކާރެވެ. ރާއްޖެއަށް އެތެރެކޮށްފައިވަނީ އޭގެ އެންމެ ކާރެކެވެ. މާލޭގެ ހަލިމަގުން، މެދުމިނުގެ ދުވެއްޔެއްގައި އެ ކާރު ދަތުރުކުރަމުންދިޔަ އިރު، ކާރުގެ ވައަތްފަރާތުގައި ހުރި ރަސްމީ ދިދައިގެ ސަބަބުން ކާރުގެ ހައިބަތު ފެންނަނީ ވަަރަށް ބޮޑުކޮށެވެ. ޑުރައިވަރުގެ އިތުރުން ކާރުގައި އިނީ އެންމެ މީހެކެވެ. ފޯނުގެ ވަޓްސްއެޕުން މީހަކާ ވާހަކަދައްކަމުން ގެންދިޔަ އިރު، ވައިބަރއިން ވެސް މީހެއްގެ ސުވާލުތަކަށް އޭނަ ދިޔައީ ޖަވާބު ދެމުންނެވެ. އެކުއެކުގައި، އީމޭލުތައް ބަލަމުން އަދި ޑުރައިވަރަށް ވެސް އިރުޝާދުތަކެއް ދެމުން ގެންދިޔައެވެ.

އޮފީހުގެ މައި ދޮރޯށިން ކާރު ވަދެގެން އައިސް ނިވަތް ދަށަށް މަޑުކޮށްލުމާއެކު، ޑުރައިވަރު އަވަސްއަވަހަށް ފައިބައި ނަޖާތަށް ދޮރު ހުޅުވައިދޭން އުޅުނެވެ. އޭގެ ކުރިން ނަޖާތު ކާރުގެ ދޮރު ހުޅުވައިލިއެވެ. ދޮރު ހުޅުވުމުގެ ފުރުސަތު ކޮންމެ ފަހަރަކު ޑުރައިވަރަށް ދޭކަށް ނަޖާތު ބޭނުމެއް ނޫނެވެ. ފިރިހެނަކަށް ކާރުގެ ދޮރު ހުޅުވެންޏާ އަންހެނަކަށް ވެސް ހުޅުވޭނެއެވެ. އުމުރުން ތިރީސް ހަތް އަހަރުގެ ނަޖާތު ދެކޭ ގޮތަކީ އެއީއެވެ. އޭނައަކީ، އަންހެނުން ބާރުވެރިކުރަވަން ވަކާލާތުކުރާ އެންމެ ނުފޫޒު ގަދަ އަޑެވެ. ކިބުރުވެރިކަމަށް ވުރެ މަދަދުވެރިކަން އިސްކުރާ ވަޒީރެކެވެ. ރޫފަ ހެޔޮ، މެދުމިން އިސްކޮޅެއްގެ އަންހެނެކެވެ. ދިގު، ފަން އިސްތަށިގަނޑަކާއި، ކުލަ އަލި ހަށިގަނޑެއްގެ ވެރިޔެކެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިޔާ ދިމާއަށް ދިޔަ އިރު، ނަޖާތުގެ އިންތިޒާރުގައި މަޖިލީސް މެންބަރަކާއި، އާންމުންގެ މީހަކު އިނެވެ. ނަޖާތު ކޮޓަރިއަށް ވަދެފައި ގޮނޑީގައި އިށީނެވެ. ދުވަހުގެ ތާވަލު ރޭވިފައިވާ ގޮތް ނާޒު ކިޔައިދިނެވެ. އެއީ، ކެބިނެޓު ބައްދަލުވުމަކާއި، އޮފީހުގައި އޮތް ދެ ބައްދަލުވުމެކެވެ. ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ނަޖާތު ބައިވެރިވާންޖެހޭ ރަސްމީ ޖަލްސާއެއް ވެސް އޮތެވެ.

"ޒާމިރު ކިޔާ މީހަކާ ރާޝިދު ވެސް އެބަ އިންނެވި އިންތިޒާރުގަ،" ފިނި ކޮޓަރީގެ އޭސީ ފަންސަވީހަށް ބަދަލުކޮށްލަމުން ނާޒު ބުންޏެވެ. "ރާޝިދު ވިދާޅުވި ވަރަށް އާޖެންޓޭ!"

"ކާކު ކުރިން އައީ؟" ނަޖާތު ސުވާލުކުރިއެވެ.

"ރާޝިދު ވަޑައިގަތްތާ އަދި ނުވާނެ މާ ގިނަ އިރެއް. ޒާމިރު އިންނަތާ ގަޑިއެއްހާ އިރު ވެއްޖެ!" ނާޒު ބުންޏެވެ.

"ޒާމިރު ވައްދާ!" ލެޕްޓޮޕް ހުޅުވައިލަމުން ނަޖާތު ބުންޏެވެ.

"އެމްޕީ ވިދާޅުވި އިރުކޮޅަކުން ކޮމެޓީއަކަށް ވަޑައިގަންނަވަންޖެހޭ ވާހަކަ." ނާޒު ބުންޏެވެ.

"އެއީ އަހަންނާ ބެހޭ ކަމެއް ނޫން!" ނާޒަށް ނުވެސް ބަލާ ނަޖާތު ޖަވާބުދިނެވެ. "މީ މަޖިލީހެއް ނޫން، ޕާޓީ އޮފީހެއް ވެސް ނޫން. މީ ސަރުކާރު އޮފީހެއް. ޒާމިރު ވައްދާ! ރާޝިދަށް ދަންނަވާ މަޑުކުރައްވާށޭ!"

އައިމިނަތު ނަޖާތަކީ، ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ހީވާގި، އެންމެ ހިންގުންތެރި އަދި އެންމެ ބިރުކުޑަ އަންހެން ވަޒީރެވެ. ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީގެ ގިނަ މެންބަރުން ވެސް އެ ކަމަށް ހެކިވެއެވެ. އޭނައަކީ، ފިރިހެން މުވައްޒަފުން އިންތިހާއަށް ގިނަ ވުޒާރާއެއްގެ ފުރަތަމަ އަންހެން ވަޒީރު ވެސް މެއެވެ. އަންބެކެވެ. ދެ ކުދިންގެ މަންމައެކެވެ. މުރާލި އަންބެކެވެ. ނަޖާތު ގެންގުޅޭ ހަރުކަށި އުސޫލުތަކެއްގެ ސަބަބުން، އަމިއްލަ ޕާޓީގައި ވެސް ނަޖާތު ދެކެ ރުޅިއަންނަ މީހުން ތިބެއެވެ. ނަޖާތުގެ ކަންކަމަށް ހުރަސްއަޅަން ބޭނުންވާ މީހުން ވެސް ތިބެއެވެ. އެހެނަސް، އެކަކަށް ވެސް ފާޅުގައި ކަމެއް ކުރާކަށް ނުކެރެއެވެ. މަތިއޮމާންކޮށްގެން، ހިތާދެކޮޅަށް ނަޖާތަށް ހުޝާމަދުކޮށްކޮށް ތިބެނީއެވެ. ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައެވެ.

ނަޖާތުގެ ފިރިމީހާ މުންސިރަކީ އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ، ކާމިޔާބު ޑަކުޓަރެކެވެ. ބަލިމީހުންގެ ލޯތްބާއި އިހުތިރާމު ހޯދައިފައިވާ މީހެކެވެ. ނަޖާތާއި މުންސިރަކީ، ބާއްޖަވެރި ކައިވެންޏެއްގެ ލާމަސީލު މިސާލެކެވެ. ރެޔާދުވާލު އަވަދިނެތިކޮށް އުޅެމުން ވެސް، ދެމަފިރިން ވެސް އާއިލާއަށް ވަގުތު ހޯދައެވެ. އެފްބީ ޕޭޖާއި، އިންސްޓަގްރާމް ޕޭޖު އެ ކަމަށް ހެކިދެއެވެ. ނަޖާތަކީ މުސާރަޔަށް ޓަކައި ވަޒީފާއަދާކުރާ މީހެއް ނޫނެވެ. ބައްޕަ މަހުޖަނަކަށް ވުމުގެ އިތުރަށް، ނަޖާތަކީ ވެސް ވިޔަފާރިވެރިޔެކެވެ. ނަޖާތު ބޭނުންވަނީ ގައުމަށް ހިދުމަތްކުރާށެވެ. މީހުންގެ ލޯބިހޯދާށެވެ. ދެކޮޅުވެރިން ތުހުމަތުކުރާ ގޮތުގައި، އޭގެ ފަހަތުގައި ވެސް ނަޖާތުގެ އަމިއްލައެދުމެއް އެބަ އޮތެވެ.

ޕާޓީގެ ބައްދަލުވުމެއް އޮތް ރެޔެކެވެ. ފެށެން އެއް މިނެޓަށް ވީ އިރު އެންމެން ހަމަވެއްޖެއެވެ. ނަޖާތު ފިޔަވައެވެ. ރާޝިދު އެ ކަން ފާހަގަކުރިއެވެ. ރާޝިދު އިނީ އެންމެ ކުރީ ގޮނޑިބަރީގައި، ގަޑިއަށް ނަޒަރުހުއްޓައިލައިގެންނެވެ.

"ކުރީ ރޭ އަހަންނަށް ގަޑިއަށް ނާދެވުނީމަ މަޑެއް ނުކުރި،" ގާތުގައި އިން ރާޝިދަށް އެކަނި އިވޭ ވަރަށް މަޑުމަޑުން ނަސީމު ބުންޏެވެ. "މަ ބަލާނަން މި ރޭ ފަށާތޯ! އެންމެނަށް ހަމަހަމަވާން ޖެހޭނެ!"

"ނުފަށާނެ! މަ ބުނީތީ ވެސް ބަލާތި! ކޮންމެވެސް ތަކޫވަކެކޭ ކިޔައިގެން ލަސްކުރާނެ،" ހަމަ އެހާ މަޑުމަޑުން ރާޝިދު ބުންޏެވެ. "މެޖޯރިޓީ ލީޑަރު ނަޖާތު ދަށުވެފަ އަބަދުވެސް.."

"އަދި ފަސް ވަރަކަށް މިނެޓު ބަލާފަ ފަށާނީ،" ރިޔާސަތުން އިއުލާނުކުރިއެވެ. "ބައެއް މެންބަރުން ޓުރެފިކުގަ..."

"ކޮން ބައެއް މެންބަރުންނެއް، ޓުރެފިކެއް؟" ރާޝިދު މަޑުމަޑުން ބުނެލިއެވެ. "ނަޖާތޭ ކިޔާބަލަ! ކިހާ ބޮޑު.."

ކުއްލިއަކަށް ފެނުނީ ރައީސުލް ޖުމްހޫރިއްޔާ ޖަލްސާއަށް ހާޒިރުވެވަޑައިގަތް ތަނެވެ. އެއީ ޔަގީނުން ވެސް ރާޝިދަށް ކުރިން އެނގިފައިވާ ކަމެއް ނޫނެވެ. ރައީސްގެ ފަހަތްޕުޅުން ނަޖާތު ވެސް ވަނެވެ. އެ ހިސާބުން ރާޝިދު ވަކީން ރުޅިއައެވެ. ކުރިން އިދިކޮޅު ޕާޓީއެއް ގޮތަށް އޮތް އިރު، ރާޝިދު ވީ ފަދަ ގުރުބާނީއެއް ވީ މަދު މީހެކެވެ. އެ ލިސްޓުގައި ޔަގީނުން ވެސް ނަޖާތެއް ނުހިމެނޭނެއެވެ. އެކަމަކު އަންހެނަކަށް ވެފައި ކުލަ އަލިކަމުން، ނަޖާތު ހުންނަ ތަނެއްގައި އެހެން މެންބަރުން ތިބެނީ ފަނޑުވެފައެވެ. ރާޝިދަށް އެ ކަން ވަރަށް ފާހަގަކުރެވެއެވެ.

"މީ ދޯ މި ވީ ގޮތަކީ؟" އެންމެނާ އެކުގައި ތެދުވަމުން ނަސީމު ބުންޏެވެ. "އަހަރުމެން މީ ގުއިބުރަނދައެއްނު! ވާއެއް ނުވާއެއް ނޭނގެ."

ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަތް ސަބަބު ފަހުން ހާމަކުރިއެވެ. ހާއްސަ އިއުލާނެއް ކުރުމަށް ޓަކައެވެ. އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ނެރޭނެ ނައިބު ރައީސަކާ މެދު މަޝްވަރާކުރުމަށް ޓަކައެވެ. އެއީ ވެސް ރާޝިދު ފައިނަގަމުންދާ މަގާމެކެވެ. ވަރަށް ދުރުދުރުން، ސިއްރުސިއްރުންނެވެ. ރައީސް ބޭނުންފުޅުވަނީ، ގައުމަށް ތެދުވެރިވާނެކަން މުޖައްރިބުވާ މީހަކު ނެރޭށެވެ. އެ މީހެއްގެ ނުފޫޒުން ޕާޓީއަށް އިންތިހާބު ކާމިޔާބުކުރެވޭ ވަރުގެ ސަހުސިއްޔަތެއް ރައްޔިތުންނަށް ދައްކާށެވެ.

ވަރަށް ހޫނުކޮށް ބަހުސުކުރެވުނެވެ. ތަފާތު ހިޔާލުތަކާއި ނަންތައް ހުށައެޅުނެވެ. ނަޖާތުގެ ނަން ހުށައެޅީ ރާޝިދެވެ. މީހުންގެ ލޮލުގައި އަނދުންއެޅުވުމަށް ޓަކައެވެ. ކަންތައް ވެގެންދާ ގޮތުން، ފަހަރެއްގައި ވެސް ރާޝިދާ ދިމާއަށް މީހަކު އިނގިލި ދިއްކުރާކަށް ރާޝިދު ބޭނުމެއް ނޫނެވެ. އެހެނަސް ރާޝިދުގެ ހުރިހާ ގުނަވަނެއް، މަޑުމަޑުން ހަޅޭއްލެވިއެވެ. ގެއަށް ދާން ސައިކަލު ކައިރިއަށް ގޮސް، އެ ހުރިހާ ވާހަކައެއް ނަސީމާ ހިއްސާކުރިއެވެ. ނަސީމަކީ ރާޝިދު އެންމެ އިތުބާރުކުރާ މީހާއެވެ.

"ކަލޭ ކީއްވެ ނަޖާތުގެ ނަން ދިނީ؟" ނަސީމު ސުވާލުކުރިއެވެ.

"ޕޮލިޓިކްސްއަކީ ވަރަށް މުޑުދާރު އެއްޗެއް،" ވިސްނައިދޭ ރާގެއްގައި ރާޝިދު ބުންޏެވެ. "މަ ނަން ނުދިނިއްޔާ ކޮންމެވެސް އެހެން މީހަކު ދޭނެ. އަސްލު މިހާރު އޮންނާނީ ނަޖާތު ނެރޭ ގޮތަށް ހަމަޖެހި ނިމިފަ. މި ފަހަރު ގާނޫނުތައް ވެސް ބަދަލުކުރާނެ. ގެރެންޓީ! އެކަމަކު މިހާރު ވެސް އެއްޗެއްގަ ލިޔެ ސޮއިކޮށްދީފާނަން، ނައިބު ރައީސަކަށް ނަޖާތު ނެރެފިއްޔާ ޕާޓީގެ ނޭވާހޮޅި އެ ބުރިވީ. ހީވޭތަ މި އުޅޭ ބައިގަނޑު މަޑުން ތިބޭނެހެން؟ އައުރަ ނިވާ ނުކުރާ އަންހެނަކަށް ނައިބު ރައީސްކަން ދޭން ދިވެހިން ބޭނުންވާނެ؟ ނުވާނެ!"

"އެކަމަކު އަހަރުމެންނަކަށް ނެތްތާ ކުރެވޭނެ ކަމެއް." ސައިކަލަށް އަރަމުން ނަސީމު ބުންޏެވެ.

"ތީ ހަމަ ހީވާ ގޮތް!" ރާޝިދު ބުނީ އެ ހިސާބަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ނައިބު ރައީސެއްގެ ހައިސިއްޔަތުން ސަރުކާރުން ނެރޭނީ ނަޖާތުހެން ވަރަށް ގިނަ މީހުންނަށް ހީވެފައި ވަނިކޮށް، އެ މަގު ފަހިކުރުމަށް ޓަކައި، ސަރުކާރުން މަޖިލީހަށް ބިލެއް ހުށައެޅިއެވެ. ބަހުސު ފެށިއެވެ. މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތް އިދިކޮޅު ޕާޓީން ދެކޮޅަށް ތެދުވިއެވެ. ދީނީ ދިދަ ހިފައިގެންނެވެ. ސަރުކާރުން އިޝާރާތްކުރީ މާޒީއަށެވެ. ދިވެހި ތާރީހަށެވެ. ރާއްޖޭގައި އަންހެނުން ވެރިކަން ވެސް ކޮށްފިއެވެ. މައްސަލައަކީ ދީނީ މައްސަލައެއް ނޫނެވެ. ނަޖާތުގެ މަގުބޫލުކަމުގެ ސަބަބުން ސަރުކާރަށް އިންތިހާބު ކާމިޔާބުވެދާނެތީ އިދިކޮޅުން ބިރުގަންނަނީއެވެ. ހަގީގަތަކީ އެއީއެވެ. އެއް ބަޔެއްގެ ބިރަކީ ވެސް އެއީއެވެ. އެ ބަޔަކު ނަޖާތު ހޮވުނަކަ ނުދޭނެއެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ނަޖާތުގެ އަޑު ކަނޑުވައިލާނެއެވެ. އެ ވަރު ދަނެގެން ދުރާލައި، ނަޖާތުގެ ރައްކާތެރިކަން އެތައް ފަށަލައަކަށް ސަރުކާރުން ފުޅާކުރިއެވެ. ބަސްދީގަތުންތަކުގައި، ނުސީދާކޮށް ނަޖާތު އެ ވާހަކަދެއްކި ވެސް މެއެވެ. އެހެނަސް، ނަޖާތު ފަހަތަކަށް ނުޖެހެއެވެ. ބިރެއްނުގަތެވެ.

މާރިޗު މަހެއްގެ ހޫނު ގަދަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ގަޑިން ރޭގަނޑު ދިހަގަޑި ބައިވުމަށް ތައްޔާރުވެފައިވާ ވަގުތެވެ. ނަޖާތުގެ ފިރިމީހާ ގެޔަކު ނެތެވެ. ދެ ކުދިން ތިބީ ނިދައިފައެވެ. ކުއްލިއަކަށް މުޅި ގެ އަނދިރިވިއެވެ. ނަޖާތަށް ބަލައިލެވުނީ ކުޑަދޮރަށެވެ. ބޭރުން އެއްވެސް އައްޔެއް ވަދެފައި ނެތުމުން ނަޖާތު ނިންމީ މުޅި މާލެއިން ނުވަތަ މާލޭގެ ބޮޑު ހިސާބަކުން ކަރަންޓުދިޔައީކަމަށެވެ. ފޯނުން އަލިކޮށްގެން ގޮސް ކުދިން ނިދާ ކޮޓަރީގައި އުއްބައްތި ޖަހައިފައި އެ ކޮޓަރިން ނުކުންނާކަށް ނަޖާތު ބޭނުމެއް ނުވިއެވެ. ވީމާ، ދޮށީ ދަރިފުޅު އެނދުގެ ފައިލާކޮޅުގައި ނަޖާތު އިށީނދެލިއެވެ. އެ ވަގުތު އެޕާޓުމަންޓަށް މީހަކު ވަން އަޑު އިވުނެވެ. ދޮރު ލެއްޕި އަޑު ވެސް އިވުނެވެ. ފިޔަވަޅުގެ އަޑު އައީ ނަޖާތު އިން ކޮޓަރިޔާ ދިމާއަށެވެ. ނިކަން ބާރަށް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ މުންސިރެވެ. ހައިރާންވެ ދެ ލޯ ބޮޑުވެފައެވެ.

"ކިހިނެއްވީ؟" ނަޖާތު ސުވާލުކުރިއެވެ.

ނުނިމޭ