25 އޯގަސްޓް 2021 - 09:03

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމަކީ މި ވަގުތު ރައްޔިތުންނަށް މައްސަލައަކަށް ނުވިޔަސް، އެއީ ބާރު ހޯދުމުގެ ވާދަވެރިކަމެއް ކަން، ސިޔާސީ މީހަކަށް ނުވިޔަސް އެންމެ އާދައިގެ މީހާ އަށް ވެސް ސާފެވެ. ހަގީގަތަކީ މިއީ އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންގެ މެދުގައި އޮތް ހަނގުރާމައެއް ކަމެވެ. އެ ވާހަކަތައް ފާޅުގައި ބައެއް މީހުންނަށް ދައްކަން ނުކެރުނަސް، ހިމޭންކަމުގެ ތެރޭގައި އެ ކުޅިގަނޑު މި ދަނީ ގަދަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެމެދު އޮތް ސިޔާސީ ގުޅުން ކެނޑެން ދިމާވި އެއް ސަބަބަކީ އަދި އެމްޑީޕީގައި ރެނދުލައި، ދެބައިވެ އަދި ކުރިޔަށް އޮތް ތަނުގައި މައްސަލަތައް އިތުރަށް ގޯސް ވާނީ ވެސް ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްގެ ބަހުސާ ހެދި ކަން ސިޔާސީ އޮއެވަރު ދަމާ ގޮތުން އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭގައި ނަޝީދުގެ ބާރެއް ނުހިނގާ ކަމަށް ބަހާއި އަމަލުން ރައީސް ދައްކަވާފައިވާ އިރު، "ބަރުލަމާނީ ކެމްޕެއިނެއް" ގޮތުގައި ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ފައްޓަވައި، އެމްޑީީޕީގެ އާންމު މެންބަރުންގެ "ހިތާއި ހިތުގެ ގުޅުން" އޮތީ ނަޝީދާ އެކުގައި ކަން އެމަނިކުފާނު ވެސް އަންނަނީ ދައްކަވަމުންނެވެ.

ހިސާބު ޖަހައިލަން ފަސޭހަ ނުވާނެ އެއް ކަމަކީ އެމްޑީޕީގެ ހުރިހާ ގުނަވަނެއްގެ ބާރު ލިބިގެން ރައީސަށް ކާމިޔާބު ހޯދޭނެތޯ ނުވަތަ ލޯޔަލް މެންބަރުންގެ އެހީގައި ނަޝީދަށް ކުރި ހޯދޭނެތޯ އުފެދޭ ސުވާލެވެ. އަދި މީގެ "ހަނގުރާމަ"އިގައި އެމްޑީޕީ އަށް ވާނީ ކިހިނެއް ކަމާއި ޕާޓީގެ މުސްތަގުބަލު އޮތީ ކިހިނެއް ކަމެވެ.

ނަޝީދު އިސްވެ ހުންނަވައި، މިހާރު ފަށާފައިވާ ބަރުލަމާނީ ޕެޓިޝަންގެ ހަރަކާތަކީ އެމްޑީޕީގެ ތެރޭގައި އިސް ލީޑަރާއި ޕާޓީ ރައީސާ ދޭތެރޭގައި ސީދާކޮށް ދަމާލެވޭ ފާރެކެވެ. މެމްބަރުން ނިންމަންވީ އޭގެ ތެރެއިން ފުންމާލާނެ ފަޅިއަކެވެ! އޭގެ ފަހުން، އެ ފާރުގެ މަތީގައި "ކަށިނަރު" ޖެހުން ވެސް އެކަށީގެން ވެ އެވެ!

ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ނިންމަވާ ނިންމުންތަކާ ގުޅިގެން އާންމު ގޮތެއްގައި ހިތްހަމަނުޖެހުން ފާޅު ކުރައްވައި، އަދި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި ވާކާލާތު ކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް "މިހާރު"އާ ވާހަކަ ދައްކަވަމުން ކުރެއްވި އެއް ސުވާލަކީ އެ ނިޒާމް ގެންނަން އުޅެނީ ގައުމުގެ ކޮން މައްސަލައެއް ހައްލު ނުވެގެންތޯ އެވެ؟
އެ ނިޒާމް ގެންނަން މަސައްކަތް ކުރުމުގެ ފަހަތުގައި އޮތް ނިޔަތާ މެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމާއި އޭގެ ސަބަބުން ގައުމަށް ވާނެ ގޮތެއް ވެސް ބަލައިލަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ގައުމު މިއޮތީ އިގްތިސާދީ ކްރައިސިސްއެއްގައި. އަނެއްކާވެސް އެތައް މިލިއަން ރުފިޔާ ހަރަދު ކޮށްގެން ބޮޑު އިންތިހާބެއް ބާއްވައި ނިޒާމް ބަދަލު ކޮށްގެން ރައްޔިތުންނަށް ހާސިލް ވަނީ ކޮން ކަމެއްތޯ؟ ގައުމަށް އަދި ރައްޔިތުންނަށް ހުރި ފައިދާ އަކީ މީގެން ކޮބައިތޯ؟" ޝަރީފް އެއްސެވި އެވެ.
ދުނިޔޭގައި ބަރުލަމާނީ ނިޒާމް އާންމު ގޮތެއްގައި އޮންނަނީ ރަސްކަމެއް އޮންނަ ނުވަތަ ކުރިން ރަސްކަން ދެމިއޮތް ގައުމުތަކުގަ އެވެ. އިނގިރޭސިވިލާތާއި އިންޑިޔާ އަދި މެލޭޝިއާގައި ވެސް އެ ނިޒާމަށް އަމަލު ކުރަނީ އެހެންވެ ކަމަށާއި އެ ނިޒާމް ފުރިހަމަކަމާ އެކު ހިންގަނީ ޕާލަމެންޓަށް 500 އަށް ވުރެ ގިނަ މެންބަރުން ލައިގެން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި "ބަސްމޮށުންތެރި ސިޔާސީ ކުޅަދާނަ ލީޑަރުން" ގައުމުގެ ކުރީ ސަފުގައި ތިބެ މޮޅަށް މާކެޓުކޮށް ރައްޔިތުން "ބޯ ކާލެވިދާނެ" އެވެ. އެ ބޭފުޅުން ބޭނުންވާ ގޮތަށް ބޭނުން ވާހަކައެއް ދައްކައިގެން ރައްޔިތުން އަނބުރާލެވިދާނެ އެވެ. ނަމަވެސް ގައުމުގެ އެންމެ މަތީ މަސްލަހަތަކީ ކޮބައިކަމާ މެދު ސިޔާސީ ލީޑަރުން ވިސްނަން ވެއްޖެ ކަމަށާއި އެހެން ނޫނިއްޔާ ފުނޑުފުނޑުވެ ސުންނާފަތިވާ ގައުމުތަކަށް ވީގޮތް ރާއްޖެ އަށް ވެސް ވެގެން ހިނގައިދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝަރީފް ވިދާޅުވި ގޮތުގައި "ގައުމުގެ މަހާނަމަތީ" ސިޔާސީ ކުރިއެރުމެއް ހޯދަން އޭނާ ބޭނުމެއް ނުވެ އެވެ. އަދި ބޭނުން ވަނީ މި ހާލަތުގައި ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބަރުލަމާނީ ކެމްޕެއިނެއްގެ ސިފައިގައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅުއްވާ އަދި ނަޝީދާ ވަރަށް އަރިސްކޮށް ރައްޔިތުންގެ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި މިއީ ނަޝީދުގެ ވެސް ސިޔާސީ ވިސްނުންފުޅު ހުރި ގޮތް ކަމަށް ވާތީ، އެ ހިޔާލު ފެންމަތިކުރުވީ ރައްޔިތުންނެވެ.
ބޮޑެތި ބާރުތަކެއް އެމްޑީޕީ އަށް ދީގެން މަޖިލީހުން މުހިންމު ބިލުތައް ފާސް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން އެކަންކަން ތަންފީޒު ނުކުރުމާއި ސަރުކާރުގެ ތެރޭ ދިމާވާ ކަންކަމާ ހެދި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ޕްރެޝަރު ކުރަމުން އައުމަކީ އޭގެ އެއް ހެކި ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ތަންފީޒު ނުކުރެވޭ ކަމުގެ ބޮޑު އަނެއް ހެއްކަކީ ނަޝީދަށް ދިން ހަމަލާ ކަމަށާއި 241 ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި ވެސް، މައްސަލައަކީ ސަރުކާރުން ތަންފީޒު ނުކުރުންކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
"މިއީ [ބަރުލަމާނީ ނިޒާމެއް ގެނައުމަކީ] ސީދާ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތް ކަމެއް. ރައްޔިތުންގެ ޝަކުވާތައް މަޖިލީހަށް އޮހެނީ މި މައްސަލަތަކުގައި. އެ ވައުދު ނުފުއްދާ ވާހަކަ އާއި ނިޒާމުގައި ހުރި ލަސްތަކުގެ ވާހަކަތައް އަދި ޖަވާބުދާރީ ކުރުވުމާއި ތަންފީޒު ކުރަން ތިއްބަވާ ފަރާތްތައް ލަސްކަމުން ކަންބޮޑުވުން އޮވޭ، އެހެންވެ މާތް މަގްސަދެއްގައި މިކަން މި ކުރަނީ،" ބޮންޑޭ ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމް ގެނައުމަކީ ސަރުކާރުގެ ވައުދެއް ނޫން ކަމަށް ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވުމަކީ "ތާކުންތާކު ނުޖެހޭ ވާހަކައެއް" ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ވެރިކަމަށް ވަޑައިގަތީ އެ މެނިފެސްޓޯ ވިއްކައިގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު އަމަލު ކުރަން ވެސް ޖެހިވަޑައިގަންނަވާނީ އެ މެނިފެސްޓޯ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެޓިޝަންގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެމްބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބޮންޑޭ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕެޓިޝަނާ ދެކޮޅު ހަދަން "ސަރުކާރުގެ މެންބަރުން"ނެއް ނުތިބޭނެ އެވެ. އެހެން ބުނާ ހިސާބުން މެންބަރުން ކޮށްފައިވާ ހުވައާ ހިލާފުވެވުނީ އެވެ. މަޖިލިސް މެންބަރުން ތިބެން ޖެހޭނީ އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި އުފެދިފައި އޮތް ދެ ފެކްޝަނާއި ބަރުލަމާނީ ނިޒާމްގެ ވާހަކައަކީ، އެ ޕާޓީގެ ފުރަތަމަ ރައީސް އަދި މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއިލް (އިބްރާ) ދެކިވަޑައިގަންނަވާ ގޮތުގައި ވެރިކަން ހިންގުމުގެ ތެރެއަށް ނަޝީދަށް ވަދެވަޑައިގަނެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީ އެމަނިކުފާނު ކުރައްވާ ކަމެކެވެ.
އެ ވަގުތެއްގައި ނަޝީދު ހުންނަވާ ތަނަކީ އެއީ އެންމެ ބާރުގަދަ ތަނަށް ހަދަން އެމަނިކުފާނު އަބަދުވަސް ބޭނުންވެވަޑައިގަންނަވާނެ ކަމަށް އިބްރާ ވިދާޅުވި އެވެ. އެކަމުގެ ހެއްކަކީ 2008 ވަނަ އަހަރު ރައީސްގެ މަގާމުގައި ހުންނެވިއިރު ރައްޔިތުންގެ މަޖިލިސް މާ ބާރު ގަދަ ކަމާއި ރައިސުލްޖުމްހޫރިއްޔާ އަށް އިތުރަށް ބާރުތައް ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ދެއްކެވި ވާހަކަތަކެެވެ.
ބަރުލަމާނީ ނިޒާމަކީ އެމްޑީޕީގެ ތެރެއިން އައި ހިޔާލަކަށް ވާނަމަ އެކަމާ މެދު ބަހުސްކޮށް ގޮތެއް ނިންމަން ޖެހޭނީ އެމްޑީޕީގެ މެންބަރުންގެ ފުރިހަމަ ބާރު އޮތް ރައްޔިތުންގެ މަޖިލިސް ނުވަތަ ޕާޓީގެ ގައުމީ މަޖިލީސް ތެރޭގައި ކަމަށް އިބްރާ ވިދާޅުވި އެވެ. ނަމަވެސް އެގޮތް ނުހަދާ، ސީދާ ރައްޔިތުން ކައިރިއަށް ޕެޓިޝަން ހިފައިގެން ހިނގުމުން ވެސް އެއީ ޕާޓީގެ މައްސަލައެއް ނޫން ކަމަށާއި ނަޝީދު އަމިއްލަފުޅަށް ބޭނުންވާ ކަމެއް ކަން ސާބިތުވާ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"އާންމުންގެ ތެރޭގައި ސަކަރާތް ނުޖަހާ މަޖިލިސް ތެރޭގައި ތިބި މެންބަރުންނަށް ހުށަހަޅައިގެން ބަލަންވީ ނޫންތޯ މިއީ އެމްޑީޕީން ބޭނުންވާ ސިޔާސަތުތޯ. އެމްޑީޕީ ގަބޫލު ކުރަންޏާ ފާސްކޮށްލަންވީ. އެކަމަކު މިހާރު އެނގެނީ މިއީ އެމްޑީޕީގެ ވިސްނުމެއް ވެސް ނޫން ކަން،" އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން 2018 ގައި ރައިސުލްޖުމްހޫރިއްޔާ އަށް ހަވާލު ކޮށްފައިވާ ބާރެއް ރައީސް ބޭނުންފުޅު ވިޔަސް ގާނޫނު ހަދާ މަޖިލީހާ ހަވާލު ކުރުމަކީ އެމަނިކުފާނުގެ ވެސް އިހުތިޔާރުގައި އޮތް ކަމެއް ނޫނެވެ.
އެއީ ގާނޫނުއަސާސީގައި އެގޮތަށް ބަޔާން ކުރުމާއި ރައީސަށް ވޯޓު ދިނީ އެމްޑީޕީގެ މެންބަރުން އެކަންޏެއް ނޫން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން ޕާޓީތަކާއި ވަކި ޕާޓީއެއްގެ ފިކުރު ނުހުންނަ އެތައް ރައްޔިތުންތަކެއް ވެސް އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި އޮތް ގޮތަށް ނުކުރެވެންޏާ [ރައީސް] އިސްތިއުފާ ދެއްވާނީ. އެ މަސްއޫލިއްޔަތުތައް އެހެން ތަނަަކަށް ބަދަލެއް ނުކުރެވޭނެ. ބާރުތައް މަޖިލީހުގެ ރައީސަކަށް ނުދެވޭނެ،" އިބްރާ ވިދާޅުވި އެވެ.
އެމްޑީޕީ އުފައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވި އިބްރާ ވިދާޅުވި ގޮތުގައި ޕާޓީ ތެރޭގައި ދެ ފެކްޝަން އުފެދުނު ނަމަވެސް މުސްތަގުބަލުގައި އެމްޑީޕީ އޮންނާނީ ރަނގަޅަށެވެ. އަދި ޕާޓީގެ އަސްލު އަމާޒުތަކަށް ވާސިލުވުމަށް ހުރި ހުރަސްތައް ނެތިގެން ދާނެ އެވެ.
އެމްޑީޕީން ފެށިގެން އައިސް މިއަދާ ހަމައަށް ވެސް ކުރަމުން އަންނަ މަސައްކަތަކީ އަދުލު އިންސާފު ގާއިމް ކުރުމެވެ. އިބްރާ ވިދާޅުވި ގޮތުގައި އެކަންތަކަށް ހުރަސް އެޅިގެން އުޅޭ އެއް ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަ ކަންކަން ހުއްޓުވާފައި އޮތުމެވެ. އަދި ނަޝީދު ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެޓިޝަންގެ ނަތީޖާ ހަގީގަތުގައި ވެސް ވަރަށް މުހިންމެވެ. ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ދެ ފެކްޝަނުގެ މެދުގައި ކުރި ހޯއްދެވި ބޭފުޅަކު މި ޕެޓިޝަނާ އެކު ފެނިގެން ދާނެ އެވެ. ބައެއް ބޭފުޅުން މިހާރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، ޕެޓިޝަންގައި މިހާރު ސޮއި އެ ކުރާ ހަމަ ގިނަ މީހުންނަކީ ނަޝީދަށް ތާއީދުކުރާ މީހުންނެވެ. އަނެއްކޮޅުން ސޮއިނުކޮށް ތިބޭ އެމްޑީޕީގެ ގިނަ މެމްބަރުންނަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ވަފާތެރި މީހުން ކަމަށް ވެސް ބެލެވިދާނެ އެވެ. ހަގީގަތަކީ، މިއީ އެ ދެ ބޭފުޅުންގެ ދެމެދު ދަމާލެވޭ ނަރުދާގަނޑެއް ކަމަށް ވާއިރު މި ޕެޓިޝަންގެ އަސްލު ވާދަވެރިކަން ގުޅިފައި އޮތީ ވެސް ކޮންމެހެން ނިޒާމު ބަދަލު ކުރުމުގެ މައުލޫއާ ނޫން ކަމެވެ.