24 އޯގަސްޓް 2021 - 19:54

ތާލިބާނުން އަފްގާނިސްތާނުގައި އުފައްދާ ސަރުކާރަކާ އެކު މުއާމަލާތުކުރުމުގައި ދަމައިލެވޭ ރަތް ރޮނގަކަށް ވާނީ، ތާލިބާންގެ ސަރުކާރުން އެ ގައުމުގެ އަންހެނުންގެ ހައްގުތަކާ މެދު އަމަލުކުރާ ގޮތް ކަމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ރައީސް މިޝޭލް ބަޱެލޭ މިއަދު ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން، މިއަދު ބޭއްވި އެ މަޖިލީހުގެ ހާއްސަ ބައްދަލުވުމުގައި މިޝޭލް ވިދާޅުވި ގޮތުގައި ތާލިބާންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް އަފްގާނިސްތާނު ދިޔުމަށް ފަހު ކަންތައް ވަމުންދާ ގޮތާ މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން، އަންހެނުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމަށް ވެފައިވާ ވައުދު ފުރިހަމަ އަށް ފުއްދުމަށް، އޭނާ ތާލިބާން ޖަމާއަތަށް ގޮވައިލެއްވި އެވެ.
"އެންމެ އަސާސީ ރަތް ރޮނގަކަށް ވާނީ، އަންހެނުންނާއި އަންހެން ކުދިންނާ މެދު ތާލިބާނުން މުއާމަލާތު ކުރާ ގޮތާއި، މިނިވަންކަމާއެކު ދިރިއުޅުމަށާއި، މިނިވަންކަމާއެކު ދަތުރުފަތުރުކުރުމަށާއި، އިލްމު އުނގެނުމަށާއި އަމިއްލަ ހިޔާލު ފާޅުކުރުމަށާއި ވަޒީފާ އަދާކުރުމަށް، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ހަމަތަކުގެ މަތިން ލިބިދޭ ހައްގުތަކަށް ތާލިބާނުން ހުރުމަތްތެރިކޮށް ހިތާ މިންވަރު،" މިޝޭލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތާލިބާނުން އެ ގައުމު ހިފައިގެން މިވީ 10 ދުވަހުގެ ތެރޭގައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ހިލާފުވުމާއި އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތައް، ތާލިބާނުން ހިންގާ ކަމުގެ ކިތަންމެ ޝަކުވާއެއް އޭނާގެ އޮފީހަށް ލިބިއްޖެ އެވެ. އޭނާގެ އޮފީހަށް ލިބުނު ޝަކުވާތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި އަފްގާނިސްތާނު ސިފައިންގެ ބައެއް މީހުން މަރާފައިވާ ކަމުގެ ޝަކުވާތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އަންހެނުންގެ އެތައް ހައްގުތަކަކަށް ތާލިބާނުން ހުރަސްއަޅާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި މިނިވަންކަމާއެކު ރަށު ތެރޭގައި ހަރަކާތްތެރިވެ އުޅުމުގެ ހައްގަށާއި ކިޔަވަން ދިއުމުގެ ހައްގަށް ތާލިބާނުން ހުރަސް އެޅުމުގެ އިތުރުން، ކުޑަކުދިން ހަނގުރާމައިގެ މައިދާނަށް ނެރެން މަސައްކަތް ކުރުން ހިމެނެ އެވެ.
މިޝޭލް ވިދާޅުވި ގޮތުގައި އަފްގާނިސްތާނު ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ބިރަކީ، ކުރީގެ ސަރުކާރުގައި މަސައްކަތް ކުރި މީހުންނާއި، ބިދޭސީ ސިފައިންނާ އެކުގައި އެކި މަސައްކަތްތަކުގައި އުޅުނު މީހުންގެ ފަރާތުން ބަދަލުހިފާފާނެ ކަމުގެ ބިރެވެ. އޭގެ އިތުރުން، ދިރިއުޅުމުގެ އާދަތަކަށް ބަލާއިރު، ތާލިބާނުން ގަބޫލުކުރާ ހަމަތަކާ ހިލާފަށް އުޅޭ މީހުންނަށް ހަރުކަށި އަދަބު ދީފާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.
ތާލިބާނުންގެ ވެރިކަން ހިނގައި ގަތުމުން އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމަށް ބެލެވޭ މީހުންނަކީ، މިޝޭލް ވިދާޅުވި ގޮތުގައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ބިދޭސީންނާ އެކުގައި މަސައްކަތްކުރި އަފްގާނު ރައްޔިތުންނަށެވެ.
ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު މިހާރު ވެސް ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެފައި އެބަ ތިއްބެވެ. އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންނާއި ސިފައިން އަދި، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކަށް ގެންދަން ހަމަޖެހިފައިވާ އަފްގާނު ރައްޔިތުން، އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް، އެމެރިކާ އާއި ނޭޓޯ ސިފައިން ކޮންމެ ދުވަހަކު 24 ގަޑިއިރު ކުރަމުން އަންނަތާ މިހާރު 10 ދުވަސް ވީ އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ބާލައި ނިންމުމަށް ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން، މިމަހުގެ 31ގެ ނިޔަލަށް ބިދޭސީ ސިފައިން އަފްގާނިސްތާނުން ފައިބަން ޖެހޭނެ އެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވިދާޅުވަމުން ގެންދަވަނީ، އޮގަސްޓް 31ގެ ފަހުން އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ބައިތިއްބަން ގަސްދު ނުކުރައްވާ ކަމަށެވެ.