އީރާނުން އަފްގާނިސްތާނަށް ތެޔޮ ފޮނުވަން ފަށައިފި
އީރާނުން އަފްގާނިސްތާނަށް ތެޔޮ ފޮނުވަން ފަށައިފި

މިމަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމަށް ތެޔޮ ފޮނުވައިދިނުން އީރާނުން މެދުކަނޑާލާފައި އޮތުމަށް ފަހު، އަނެއްކާ ވެސް އީރާނުން އަފްގާނިސްތާނަށް ތެޔޮ ފޮނުވަން ފަށައިފި އެވެ.

އީރާންގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އީރާނުން އަފްގާނިސްތާނަށް ތެޔޮ ފޮނުވަން ފެށީ، ތާލިބާނުން އެކަމަށް އެދުމުންނެވެ. ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، މައި ސަހަރުތައް ދޫކޮށް ގިނަ ބަޔަކު ރަށްފުށު ސަރަހައްދުތަކަށް ދަތުރުކުރަން ފެށުމުން، އަފްގާނިސްތާނުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އަފްގާނިސްތާނުގެ ބައެއް ނޫސްތައް ބުނާ ގޮތުން، މިހާރު އެ ގައުމުގައި ޕެޓްރޯލްގެ އަގު ހުރީ ޓަނެއް 900 ޑޮލަރުގެ ރޭޓުގަ އެވެ. ތެލުގެ އަގު ދަށްކުރުމުގެ ގޮތުން، ސަރަހައްދީ ދޮރޯށި ހުޅުވާލައި ތެލުގެ ވިޔަފާރި އަލުން ފެށުމަށް ތާލިބާނުން އީރާނުގައި އެދުނީ، މީގެ ދުވަސްކޮޅެއް ކުރިންނެވެ. ތާލިބާނުންގެ ހުށަހެޅުމާ އެއްގޮތަށް، އީރާނުން ވަނީ ސަރަހައްދީ ދޮރޯށި ހުޅުވާލައި، އަފްގާނިސްތާނަށް ތެޔޮ ފޮނުވައިދޭން ފަށައިފަ އެވެ.

އަފްގާނިސްތާނުގައި ތާލިބާނުންގެ ވެރިކަމެއް އުފެދުމަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންގެ ވިޔަފާރިއަށް އައިސްފައިވާ ހީނަރުކަން ފިލުވައިލުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރަކަށް ވާނެ އެވެ. ތާލިބާނުންނެކޭ އެއްގޮތަށް އީރާނަކީ ވެސް އެމެރިކާއާ ދުޝްމަން ގައުމަކަށް ވާއިރު، ތާލިބާނުންގެ ވެރިކަމެއްގައި، އީރާނާއި އަފްގާނިސްތާނާ ދެމެދު އެއްގަމު މަގުން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.

އީރާނުން އަފްގާނިސްތާނަށް ތެޔޮ ބޭރުކުރުން ހުއްޓައިލީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައި، ތާލިބާނުން އެ ގައުމުގެ މައި ސަހަރުތައް ހިފަން ފެށުމާ ގުޅިގެން، އޮގަސްޓް 6ގަ އެވެ. އެއީ ތާލިބާނުންގެ ބާރުގެ ދަށަށް ތެލުގެ ކޮންޓްރޯލް ހިނގައްޖެ ނަމަ، ވިޔަފާރީގެ އުސޫލުން ލިބިދާނެ ގެއްލުމަކަށް ބަލައިފަ އެވެ.

އީރާނުގެ ތެލާއި ގޭހުގެ ވިޔަފާރިއާއި އެކްސްޕޯޓާ ބެހޭ ޔޫނިއަންގެ ބޯޑު މެމްބަރު ހާމިދު ހުސައިނީ ވިދާޅުވި ގޮތުގައި، އަފްގާނިސްތާނު ހިފުމަށް ފަހު ތާލިބާނުންގެ ފަރާތުން ފެންނަމުން އަންނަ ސުލޫކުގެ ސަބަބުން، އީރާނުގެ ތެލުގެ ވިޔަފާރިއާ މެދު ކުރިން އޮތް ބިރުވެރިކަން މިހާރު ނެތް ކަމަށެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، އަވަށްޓެރި ގައުމުތަކުން އެ ގައުމަށް އެތެރެކުރާ ތެލާއި ގޭހުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނަގާ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަ ކޮށްފަ އެވެ. ތާލިބާނުންގެ ފަރާތުން އީރާނަށް ފޮނުވާފައިވާ ރަސްމީ ލިޔުމެއްގައިވާ ގޮތުން، ކަރާސީނާއި ޑީސަލާއި ޕެޓްރޯލްގެ އިތުރުން ކައްކާ ގޭހުން ނަގަމުން އައި ޑިއުޓީގެ 70 ޕަސެންޓް މައާފް ކުރުމަށް ތާލިބާނުން ވަނީ ނިންމައިފަ އެވެ.

އީރާނަކީ ދުނިޔޭގައި ތެލުގެ ރިޒާވް، ހަތަރު ވަނަ އަށް އެންމެ ބޮޑު ގައުމެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ ތެލުގެ އެކްސްޕޯޓަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

ނަމަވެސް އަފްގާނިސްތާނު ފަދަ، އެއްގަމު މަގުން އީރާނާ އިންވެގެން އޮތް ގައުމުތަކާ އެކު، އީރާނުން ތެލުގެ ވިޔަފާރި ހިންގަ އެވެ. ތާލިބާނުންގެ ވެރިކަމެއް ފެށުމުން، އަފްގާނިސްތާނާ އެކުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރާނެ އެވެ.