އެމްޑަބްލިޔުއެސްސީގައި ބޮޑު ވައްކަމެއް: މައްސަލަ ޕޮލިހަށް!
އެމްޑަބްލިޔުއެސްސީގައި ބޮޑު ވައްކަމެއް: މައްސަލަ ޕޮލިހަށް!

އެމްޑަބްލިއުއެސްސީގެ ގުދަނަކުން ބޮޑު ވައްކަމެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ ބަލައި ނިމެންދެން ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ބްރާސް މެޓީރިއަލް ލޮކަބްލްތަކެއް މަދުކަން ފާހަގަވެގެން ބެލިއިރު، ނަހަމަގޮތުގައި އެ އެއްޗެހި ބޭނުންކޮށްފައި ހުރިކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކުރަން މިދިޔަ މަހު ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން، އިންޓާނަލް އޮޑިޓެއް ވެސް ހަދާފައިވާ ކަމަށާއި އަދި އެ ރިޕޯޓަށް އަމަލުކުރަމުން އަންނަ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމެއް ސާފެއް ނުވެ އެވެ.

މި މައްސަލަ އަމިއްލަ ފަރާތަކުން ވަނީ އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ. އޭނާ ހުށަހަޅާފައިވާ ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި ވައްކަމުގެ ތުހުމަތުކުރެވޭ އެކަކު ވަނީ ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ގުދަނުން މާލޭގެ ގުދަނަށް ގެންގޮސް ބައެއް ތަކެތި އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށް، އަދި ވިއްކައި ހަދައިފަ އެވެ. އޭގެ އިތުރުން، ރިޒަވޭޝަން ހަދައިގެން ނަގާ ވޯކިން ކްލޯތުގެ އިޝޫ ނޯޓާއި ރިޒަވޭޝަނުގައިވާ އަދަދު އުނި އިތުރުކޮށްފައިވާއިރު، ސޭފްޓީ ބޫޓު އެއްޗެހި ވެސް އެ މުވައްޒަފު ވިއްކާފައިވާ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

"އެކި ގޮތްގޮތުން ބާ ވެެން ނަގާ މީޓަރު އަދި ފޯޑުވޭލު ގުދަންކޮށްފައި ހުންނަނީ މައި ގުދަނުގައި. އެ އެއްޗިއްސަކީ ނީލަމުގައި ވިއްކުމަށް ފަހު ކުންފުނީގެ އާމްދަނީގެ ތެރެއަށް ވައްދާ އެއްޗެއް. މިހާރު އެކަން ނުކުރާތާ ދެ އަހަރުވެއްޖެ. އެކަމަކު ގުދަނަށް މީޓަރާއި ފޯޑުވޭލް ގެނައި އަދަދަކަށް އެ އެއްޗިއްސެއް ނެތް،" އެ ލިޔުމުގައި ވެ އެވެ.

އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.