ދީނަށް ފުރައްސާރަކުރުމުގެ ކުށް ތަފްސީލުކުރާ ބިލު ކޮމިޓީއަށް
ދީނަށް ފުރައްސާރަކުރުމުގެ ކުށް ތަފްސީލުކުރާ ބިލު ކޮމިޓީއަށް

ގާނޫނުލްއުގޫބާތުގައި، ދީނަށް ފުރައްސާރަކުރުން ކުށަކަށް ހަދާފައިވާ މާއްދާ އިތުރަށް ތަފްސީލުކޮށް ބަޔާންކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑު ކިޔައި، ދީނީ ތަގުރީރު ކުރުމަކީ ކުށެކެވެ.

ހިސާން ވަނީ ހުށަހެޅި އިސްލާހުގައި ވަނީ އިސްލާމް ދީނަށް ތައުހީން ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުން އެ މާއްދާއަށް އިތުރު ކޮށްފަ އެވެ.

އެ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ހުރިހާ މެންބަރުން ވަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އިސްލާމް ދީން ހިމާޔަތް ކުރުމުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރީ އެމްޑީޕީން ކަމަށާއި އެގޮތުގައި ދެމި ތިބޭނެ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ފަރާތުން ކުރިން ހުށަހެޅި ނަފްރަތު ބިލުގެ ސަބަބުން އަމާޒުވި ފާޑު ކިޔުންތައް ފިނި ކުރުމުގެ ގޮތުން ހުށަހެޅި އިސްލާހެކެވެ.

ދީނަށް ފުރައްސާރަ ކުރުމުގެ ބިލުގެ އިތުރުން ފަޅުރަށްރަށާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ގެނައުމުގެ ބިލު ވެސް ވަނީ ފާސްކޮށް، ކޮމިޓީއަށް ފޮނުވައިފަ އެވެ.