އަންނަ އަހަރަށް ލަފާކުރަނީ އާމްދަނީއަށް 23.7 ބިލިއަން ލިބި 33.8 ބިލިއަން ހަރަދުވާނެ ކަމަށް
އަންނަ އަހަރަށް ލަފާކުރަނީ އާމްދަނީއަށް 23.7 ބިލިއަން ލިބި 33.8 ބިލިއަން ހަރަދުވާނެ ކަމަށް

އަންނަ އަހަރު ދައުލަތަށް 23.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު މެދު ރާސްތާ ފިސްކަލް ރިޕޯޓުގައި ބުނެފައިވާގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ މިއަހަރަށްވުރެ ރަނގަޅުވާނެ އެވެ. އެގޮތުން، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުންނާއި ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު އާމްދަނީ އިތުރު ކުރުމަށް ކުރާ އާ ކަންކަތައްތަކުން 1.39 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

އާމްދަނީ ހޯދަން ކުރާ އާ ކަންތައްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ރިސޯޓު ތަރައްގީ ކުރަން ރަށްތައް ދޫކުރުމާއި ޕާކިން ފީ އާއި ބިން ވިއްކުމާއި ބިދޭސީންގެ ކޯޓާ ފީ އަދި ރެޒިޑެންޓް ޕާމިޓް ފީ ނެގުން ހިމެނެ އެވެ.

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި 2023އާ ހަމައަށް ކޮންމެ އަހަރަކު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ފައިސާގެ އެހީގެ ގޮތުގައި ލިބޭނެ އެވެ. އަދި ޕްރޮޖެކްޓުތަކާއި އެހެނިހެން އެހީގެ ގޮތުގައި 596.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސްގެ ރިޕޯޓު ދައްކާގޮތުގައި އަންނަ އަހަރު ދައުލަތުގެ ހަރަދު ހުންނާނީ 33.8 ބިލިއަން ރުފިޔާގަ އެވެ. އެގޮތުން، ރިކަރަންޓު ހަރަދުގެ ގޮތުގައި 21 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ދޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ބަޖެޓުން ހަރަދު ވާނެ ކަމަށް ވެސް ފިނޭންސުން ވަނީ ލަފާ ކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ނިންމައި މި މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގެ ޖުމްލަ އަކީ 34.9 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް އާމްދަނީގެ ގޮތުގައި 20.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. އަދި 32.3 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.