29 ނޮވެމްބަރ 2016 - 11:19

މެންޗެސްޓާ (ނޮވެމްބަރު 29) - މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލިފައިވަނީ ނަސީބު ދެރަވުމުން ކަމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މިއީ ލީގުގައި ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ހަތަރު މެޗުން އެއްވަރުވި ފުރަތަމަ ފަހަރެވެ. ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ޔުނައިޓެޑް މޮޅުވީ ފަސް މެޗުންނެވެ. އަނެއް އަށް މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވިއިރު، ދެން ކުޅުނު ތިން މެޗުންވީ ބައްޔެވެ.
"ގިނަ މެޗުތައް ޔުނައިޓެޑުން ޑޮމިނޭޓްކުރޭ. ގިނަ ފުރުސަތުތައް ތަނަވަސްކުރޭ. އެކަމަކު ހަމައެކަނި ދިމާވަނީ ނަސީބުގެ މައްސަލަ. މެޗުތަކުން މޮޅުވުމުގައި ނަސީބުގެ އެހީވެސް ބޭނުންވޭ. މި ވަގުތު ޔުނައިޓެޑަށް ދިމާވެފައި މިއޮތީ އޭގެ މައްސަލައެއް،" ދުނިޔޭގެ ރެކޯޑް އަގަކަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ ބުންޏެވެ.
ޕޮގްބާ ބުނީ ޕްރިމިއާ ލީގަކީ އުނދަގޫ ލީގެއް ކަމަށާއި މި ލީގަށް ހޭނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"ޕްރިމިއާ ލީގުގައި އިިދިކޮޅަށް ނުކުންނަ ޓީމަކީ ދަށް ޓީމެއް ކަމަށް ދެކިގެން ނުކުތުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް. މި ލީގަކީ ފަސޭހަ ލީގެއް ނޫން. ކޮންމެ ޓީމެއްގައި ވެސް ދުނިޔޭގެ އެކި ލެވެލްތަކުގައި ކުޅެފައިތިބި ކުޅުންތެރިން މިތިބީ. ކޮންމެ ކުޅުންތެރިޔަކު އާ ޓީމަކާ ގުޅިގެން ފުރަތަމަ މެޗުތަކުގައި މި ލީގަށް އައިސް މޮޅު ކުޅުން ދައްކަން އުނދަގޫވާނެ،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގައި ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބެމުން އަންނަ ކަމަށާއި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް މިއީ ކާމިޔާބު އަހަރަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.