24 އޯގަސްޓް 2021 - 13:56

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތޮއްޖެހުން ބޮޑުވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ބަލައި ދިއުން ލަސްވާތީ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "މިހާރު" އަށް ވިދާޅުވީ ޓޫރިސްޓުން ބަލައި ދާން ޖެހޭ މީހުން ޒިންމާ އަދާކޮށް، ގަޑިއަށް ދިއުން މުހިންމު ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެ އަށް ގިނަ ޓޫރިސްޓުންތަކެއް އަންނައިރު އެއާޕޯޓުގައި ތޮއްޖެހުން ބޮޑުވާ ނަމަ ހިދުމަތްތައް ދިނުމުގައި ދަތިތަކާ ދިމާވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނައިން މި ތިބެނީ އެ މީހުންނާ ހަވާލުވެގެން ތިބޭ މީހުން ނައިސްގެން އެއާޕޯޓު ތެރޭގައި މަޑުކޮށްގެން. އެހެން ތިބޭތީ ތޮއްޖެހެނީ. އަޅުގަނޑުމެން އިލްތިމާސް ކުރަނީ ވީހާ ވެސް އަވަހަށް އެހެން އަންނަ މީހުން އެއާޕޯޓުން ގެންދާށޭ. މި ގޮތަށް ފްލަޑް ކުރަންޏާ އެއާޕޯޓުގެ ކެޕޭސިޓީއަށް ވެސް ބުރޫ އަރާނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ފުރަންދާ މީހުންނާއި އަންނަ މީހުންގެ ކިޔޫ ވެސް ކުރިއަށް ވުރެ ބޮޑުކަން މިހާރު ފާހަގަކުރެވެ އެވެ. ކޮވިޑް-19 އާ ގުޅިގެން އިތުރު ލިޔެކިޔުންތައް އެއާޕޯޓަށް ހުށަހަޅަން ޖެހޭއިރު ފަސިންޖަރުން އެއްވެސް ވަރަކަށް ތައްޔާރު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭނުންވާ ޑޮކިއުމަންޓުތައް ނަގަނީ އެ ދައްކަންވީމާ. ޑޮކިއުމަންޓުތައް ހޯދަން އެހާ ގިނައިރުވޭ. މިހެން ހެދީމާ ކިޔޫއަށް ބާރު ބޮޑުވޭ. ފަސިންޖަރުން ވެސް ތައްޔާރު ވެގެން އަންނަ ނަމަ އެގޮތަށް ބާރު ބޮޑު ނުވާނެ،" ހަސަން ވިދާޅުވި އެވެ.
މި ދުވަސްވަރު ރާއްޖެ އަށް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނައިރު، ރާއްޖޭގެ މައި އެއާޕޯޓު ބައެއް ގަޑިގަޑީގައި ފުރި ދެ ޓާމިނަލުން ހިދުމަތް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ވަނީ ކުރިއަށް ވުރެ އިތުރުވެފަ އެވެ.