24 އޯގަސްޓް 2021 - 11:28

ލިވަޕޫލް (އޮގަސްޓް 24) - އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ގައުމީ ޓީމުތަކަށް ކުޅުންތެރިން ފޮނުވެން ނެތް ކަމަށް އިނގިރޭސި ކްލަބުތަކުން އަންގައިފި އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިސްރު އަދި ބްރެޒިލް ކުޅޭ މެޗުތަކަށް އެ ދެ ގައުމުގެ ކުޅުންތެރިން ފޮނުވަން ލިވަޕޫލުން ވަނީ ދެކޮޅު ހަދައިފަ އެވެ. ބްރެޒިލް އާއި މިސްރު ވެސް އޮތީ ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ސަރުކާރުން އެކުލަވާލާފައިވާ ރެޑް ލިސްޓްގަ އެވެ.
އެ ގައުމުތަކަށް ދަތުރުކުރާ ނަމަ ކުޅުންތެރިންނަށް އިނގިރޭސި ވިލާތުން އަޅައިފައިވާ ކަރަންޓީންގެ ހަރުކަށި ފިޔަވަޅުގެ ތެރެއަށް ވަންނަން ޖެހޭނެ އެވެ. ރެޑް ލިސްޓުގެ ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ކަރަންޓީން ވާން ޖެހޭނީ އިނގިރޭސި ސަރުކާރުން ކަނޑައަޅަފާއިވާ ކަރަންޓީން މަރުކަޒުތަކުގަ އެވެ. އަދި އެ މަރުކަޒުތަކުގައި ކަރަންޓީން ވާނަމަ ފައިސާ ވެސް ދައްކަން ޖެހޭނެ އެވެ.
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް މިސްރުގެ ގައުމީ ޓީމަށް ފޮނުވައިގެން ކަރަންޓީން ވާން ޖެހޭ ނަމަ ލިވަޕޫލާ އެކު އޭނާ ކުޅެންޖެހޭ މުހިންމު މެޗުތަކެއް ގެއްލޭނެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ ހަފުތާގައި މިސްރުން ގާހިރާގައި އެންގޯލާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި އޭގެ ފަހުން ގޭބޮންއާ ދެކޮޅަށް އެ ގައުމުގައި ވެސް ކުޅޭނެ އެވެ. ގެބޮންއަކީ ވެސް ޔޫކޭގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމެކެވެ.
މިސްރުގެ އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަލާހް ގައުމީ ޓީމަށް ދޫކޮށްދޭން އެދުނު ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ލިވަޕޫލުން އަންގާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމަން ޖެހުނު ކަމަށްޓަކައި މިސްރުގެ އެފްއޭގެ ކިބައިން ލިވަޕޫލުން ވަނީ މާފަށް އެދިފަ އެވެ.
ލިވަޕޫލްގެ ބްރެޒިލް ތިން ކުޅުންތެރިން ކަމަށްވާ ކީޕަރު އެލިސަން އަދި ރޮބާޓޯ ފިރްމީނޯ އަދި ފަބިއޯނޯ ދޫކުރަން ބްރެޒިލުން އެދިފައި ވަނީ އެ ޓީމު ކުޅެން ހަމަޖެހިފައިވާ ތިން މެޗަށެވެ. އިންޓަނޭޝަނަލް ބްރޭކުގައި ދެކުނު އެމެރިކާގެ ޓީމުތައް ތިން މެޗު ކުޅެން ފީފާ އިން ހުއްދަ ދިނުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ އެކަމާ ނުތަނަވަސްވާ ކަމަށް ބުނެފަ އެވެ.
ޔޫކޭގެ އެހެން ކްލަބުތަކުން ވެސް ދަނީ ރެޑް ލިސްޓުގައިވާ ގައުމުތަކަށް ކުޅުންތެރިން ފޮނުވެން ނެތް ކަމަށް އަންގަމުންނެވެ.