29 ނޮވެމްބަރ 2016 - 11:24

ލިވަޕޫލް (ނޮވެމްބަރު 29) - އަނިޔާގެ ސަބަބުން އަންނަ ޖެނުއަރީ މަހާ ހަމައަށް ކުޅުމާ ދުރުމާ ހުންނަން ޖެހިފައިވާ ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ކޯޓީނިއޯ އަކީ މި ސީޒަނުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަަނައިގައި ލިވަޕޫލް އޮތްއިރު، ޓީމު އެހިސާބަށް ގެންދިއުމުގައި ކޯޓީނިއޯގެ ދައުރު ބޮޑެވެ.
ކޯޓިނިއޯގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވީ ލީގުގައި އެންމެ ފަހުން ސަންޑަލެންޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. ކޯޓީނިއޯ ނުލައި ލިވަޕޫލުން އަށް ވަރަކަށް މެޗު ކުޅެން ޖެހޭއިރު، މިރޭ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.
"ކޯޓީނިއޯ އަކީ ދުނިޔޭގެ ކޮންމެ ޓީމަކަށް ދިޔަސް މުހިއްމު ވާނެ ކުޅުންތެރިޔެއް. އޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ފުޓްބޯޅަ އަކީ ފަސޭހަ ކުޅިވަރެއް ނޫން. އުނދަގޫ މެޗުތަކުން މޮޅުވެގެން ކާމިޔާބު ހޯދޭނީ،" ކްލޮޕް ބުންޏެވެ.
ލީޑްސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ކޯޓީނިއޯގެ އިތުރުން އެޑަމް ލަލާނާ އާއި ރޮބާޓޯ ފިރްމީނޯ އަދި ޑެނިއަލް ސްޓަރިޖް ވެސް ތިބީ އަނިޔާގަ އެވެ. މި ކުޅުންތެރިންގެ ބަދަލުގައި ލިވަޕޫލުން މިރޭގެ މެޗުގައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންކަމަށްވާ އުމުރުން 19 އަހަރުގެ އޮވީ އެޖާރިއާ އަދި 17 އަހަރުގެ ބެން ވުޑްބާން ހިމެނެ އެވެ.
"ޒުވާން ކުޅުންތެރިން ބޭނުން ކުރަން ޖެހުނަސް މިއީ މުސްތަގުބަލަށް ފައިދާކުރާނެ ކަމެއް. އެއީ މި ކުޅުންތެރިންނަށް ކުރިއެރުން އޮތީ ޕްރެޝަރު މެޗުތަކުގައި ބޭނުން ކޮށްގެން،" ކުރިން ޑޯޓްމަންޑާއި މައިންޒަށް ކޯޗުކޮށްދިން ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ލީޑްސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.