އޭއެފްސީގެ މިހާރުގެ ފޯމެޓުން ވާދަވެރިކަން މާބޮޑު: އޮސްކާ
އޭއެފްސީގެ މިހާރުގެ ފޯމެޓުން ވާދަވެރިކަން މާބޮޑު: އޮސްކާ

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖު މިހާރު އޮންނަ ގޮތުން މާ ބޮޑު ވާދަވެރި ކަމެއް ކްލަބުތަކުގެ މެދުގައި އުފެދޭ ކަމަށް، ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފި އެވެ.

އޭއެފްސީން 2017 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން ދަނީ، އޭޝިއާގެ ކޮންމެ ސަރަހައްދެއް ވަކި ކޮށްލުމަށް ފަހު އެ ސަރަހައްދެއްގެ ކްލަބުތައް އެއް ގުރޫޕެއްގައި ވާދަކުރާ ގޮތަށެވެ. ދެކުނު އޭޝިއާ ސަރަހައްދުން އަނެއް ބުރަށް ނުވަތަ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރު ކުރާނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ވެސް ކުރިން އިރުޝާދު ދިން ކޯޗު ބުނީ، މިހާރުގެ ފޯމެޓްގެ ސަބަބުން ކޮންމެ މެޗެއް ވެސް ވަނީ ފައިނަކަށް ކަމަށެވެ.

"މިއީ ގުރޫޕް ސްޓޭޖު ވިއަސް އެކަމަކު އަހަންނަށް މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފައިނަލެއް. އެންމެ ފުރަތަމަ ދެ މެޗުން ބަލިވާ ދެ ޓީމު މުބާރާތުން ކަޓައިގެން ދަނީ. އަހަރެމެން މިއަށް ކިޔަނީ އޭއެފްސީ ގުރޫޕް ސްޓޭޖް. އެކަމަކު މިއީ އެންމެ ފަހު ދެ ޓީމެއްގެ ދެމެދުގައި އުފެދޭ ބޮޑު ވާދަވެރި ކަމެއް،" އޮސްކާ ސިފަކުރި އެވެ.

"ފުރަތަމަ ދެ މެޗުން ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ފަހު މެޗުން ކޮލިފައި ވަނީ. އަހަރެމެން މިހާރު މިތިބީ ފައިނަލް ސްޓޭޖުގައި. މިއީ އަހަރެން ގްރޫޕް ސްޓޭޖާ މެދު ދެކޭ ގޮތް. އަހަރެމެން މޮޅު ވެއްޖެ ނަމަ އަހަރެމެން ފައިނަލް ސްޓޭޖަށް ދިޔައީ. ބަލިވެއްޖެނަމަ ކެޓީ. ދެ ޓީމު ދާނަމަ ކުރިން ޕްރިޑިކްޓް ކޮށްލެވިދާނެ ގުރޫޕް ސްޓޭޖަށް ދާނީ ކޮން ދެ ޓީމެއް ކަން. އެކަމަކު މި ފޯމެޓްގައި މޮޅުވުން ނޫން ކަމެއް ނޯންނާނެ."

އޮސްކާގެ ޓީމު މިއަދު ނުކުންނާނީ ގުރޫޕުގެ މިހާރުގެ އެއް ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ. ބަގާން އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެހެންވެ މެޗު އެއްވަރުކޮށްލިޔަސް އެ ޓީމު އަނެއް ބުރަށް ދާނެ އެވެ. ކިންގްސް އަށް ޖެހޭނީ މެޗުން މޮޅުވާށެވެ. ކުޑަ އެޑްވާންޓޭޖެއް މޯހަން ބަގާން އަށް އޮތަސް އޮސްކާ ދެކެނީ ދެ ޓީމަށް ވެސް އޮތް ފުރުސަތު ހަމަހަމަ ކަމުގަ އެވެ.

"ދެ ޓީމަށް ވެސް އޮތީ ހަމަހަމަ އެޑްވާންޓޭޖެއް. އަދި 90 މިނެޓް ކުޅެން އެބައޮތް،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ، ބަށުންދަރާ އާ ކުޅެން ޖެހޭނެ އެންމެ އުނދަގޫ ޓީމަކަށް ވާނީ މޯހަން ބަގާންކަން އޭނާ އަށް ކުރިން ވެސް އެނގޭ ކަމަށެވެ.

"އެ ޓީމުގައި އޮތް ދިގު ތާރީހް އެކަންޏެއް ނޫން. އަބަދު ވެސް ވަކި މޮޑެލްއަކަށް ގޭމް ކުޅޭ ޓީމެއް. ނަތީޖާ އެ ޓީމު ކޮޅުގައި ހިފަހައްޓަން ބޭނުން ނަމަ އަބަދުވެސް ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅޭ ޓީމެއް. ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ނަތީޖާ ހިފެހެއްޓި ޓީމަކީ އަހަރެމެން. އެކަމަކު މިއަދު ތާފަތު ވާނެ. އަހަރެމެން ޖެހޭނެ ކުރިއަށް ޖެހިގެން ކުޅެން."

ބެނގަލޫރު އެފްސީ އަތުން މޯހަން ބަގާން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އޮސްކާ ބުނީ އެޑްވާންޓޭޖް މޯހަން ބަގާނަށް އޮތް ނަމަވެސް ބަށުންދަރާ ކިންގްސް ޓީމަށް އޮތް ހިތްހަމަޖެހުން ބޮޑު ކަމަށެވެ.

"މި އުނދަގޫ މުބާރާތުގައި ވެސް އަހަރެމެން ކޮޅަށް ލަނޑު ވަން އެއްވެސް މެޗެއް ނެތް. އަދި އަހަރެމެން މި މުބާރާތުގައި ބަލިވެފައެއް ނެތް،" އޮސްކާ ބުންޏެވެ. "އަހަރެމެންގެ ޓީމުގެ ޑިފެންސް ފެންނަނީ ވަރަށް ސޮލިޑްކޮށް. އެހެންވީމަ ބަލާ އަހަރެމެންގެ ކޮންފިޑެންސް ލެވަލް ހުންނާނެ ފެންވަރު.

މޯހަން ބަގާން އާއި ބަށުންދަރާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. ގުރޫޕްގެ ފަހު މެޗުގައި މިރޭ 9 ޖަހާއިރު މާޒިޔާ އާއި ބެންގަލޫރު އެފްސީ ނުކުންނާނެ އެވެ.