ތިން އަހަރު ފަހުން އަޑޭ ގައުމީ ޓީމަށް
ތިން އަހަރު ފަހުން އަޑޭ ގައުމީ ޓީމަށް

ގައުމީ ޓީމުން 2018 ގައި ރިޓަޔާ ކުރި އަސްހަދު އަލީ (އަޑޭ) ރިޓަޔާމެންޓް އުވާލުމަށް ފަހު އަލުން ގައުމީ ސްކޮޑުގައި ހިމަނައިފި އެވެ.

އަސްހަދު އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައި ވަނީ މާޗް 23، 2018 ގައި ސިންގަޕޫރުގެ ގައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކުރީ އޭރުގެ ކޯޗް ޕީޓާ ޝެގަޓްގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން އެންމެ ފަހު މެޗުގައި ބޫޓާންއާ ދެކޮޅަށް މެޗު ކުޅެން އޮތް ދުވަހު އަޑޭ ރިޓަޔާ ކުރީ އޭނާ އަތުން މަގުބޫލު ސަބަބެއް ނެތި ކެޕްޓަން ބޭންޑު ނެގުމުންނެވެ.

އަލުން ގައުމީ ޓީމަށް އަންނަނީ، ކްލަބު ލެވަލްގައި އޭނާ ގިނަ ކާމިޔާބުތަކެއް ހޯދި ކޯޗު، އަލީ ސުޒޭންއާ އެކު އެވެ. އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރިން ވެސް ގައުމީ ޓީމު އެސިސްޓެންތެއްގެ ގޮތުގައި މަސައްކަތް ކުރި އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރައިމަރީ ސްކޮޑާއެކު އަލުން ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިޔަކީ ދަ ގްރާންޑޭގެ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. އޭނާ ވެސް ގައުމީ ޓީމަށް އަންނަނީ ތިން އަހަރަށް ފަހު އެވެ. މާޗް 2018 ގައި ސިންގަޕޫރާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގައި އޭނާ ކުޅުނެވެ. އަދި ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ވެސް އޭނާ ހިމެނުނެވެ.

ކުރީގެ ކޯޗް މާޓިން ކޫޕްމަން އެކުލަވާލި ސްކޮޑުގައި ބައިވެރި ނުވި ނާއިޒު ހަސަން (ދާދު) ވެސް ވަނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފަ އެވެ. އަދި އޭރު ސްކޮޑަށް ނެގި ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ބައިވެރި ނުވެވުނު އިސްމާއީލް އީސާ އަދި އާއިލީ ކަމެއްގައި އުޅެން ޖެހި ޓީމާ އެކު ނުދެވުނު މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމަނައިފަ އެވެ. އީސަ އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނިފައި ވަނީ ސެޕްޓެމްބަރު 2017 ގަ އެވެ.

ސްކޮޑުން ޖާގަ ދީފައިވާ ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިޔަކީ ޓީސީގެ މުހައްމަދު އަޖުފާން އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް 2019 ގައި ނެގި ސްކޮޑުގައި އަޖުފާންގެ ނަން ޖެހި އެވެ. ނަމަވެސް އޭރު އާއިލީ ކަމެއް ދިމާވުމުން ޓީމުގައި ބައިވެރި ވެވެން ނެތް ކަމަށް އޭނާ އެންގި އެެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު ނިމުމުން ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް އެފްއޭއެމުން ވަނީ ތާވަލުކޮށްފަ އެވެ. އެހެންނަމަވެސް އޭއެފްސީ ކަޕުގައި މާދަމާ ފަހު މެޗު ކުޅޭ މާޒިޔާގެ ޓީމު ކުޅުންތެރިންނަށް އަރާމު ކުރަން އިތުރު ވަގުތު ދޭނެ އެވެ. އެ ޓީމުން 11 ކުޅުންތެރިން ވަނީ ޕްރިލިމިނަރީ ސްކޮޑްގައި ހިމަނައިފަ އެވެ. އޭއެފްސީ ކަޕު ކޮލިފިކޭޝަންގައި ވާދަކުރި އީގަލްސްއިން ހަ ކުޅުންތެރިން ހިމެނުނެވެ.

ރަނގަޅަށް ކުޅުނު ނަމަވެސް ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިއަކީ މާޒިޔާގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ.

މާޒިޔާ: ކީޕަރު ހުސައިން ޝަރީފް، މޫސާ ޔާމީން (ޔާންބެ)، އިބްރާހިމް އައިސަމް (ޓޯނީ)، އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)، މުހައްމަދު އިރުފާން (އިރޭ) ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމައިރު، އަސަދުﷲ އަބްދުﷲ، (އަސޯ)، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕް) އަދި ނާއިޒް ހަސަން (ދާދު)

ކްލަބު އީގަލްސް: އިމްރާން ނަޝީދު، އަހްމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކްރޯ)، މުހައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑީ) އަދި އަސްހަދު އަލީ (އަޑޭ)

ވެލެންސިއާ: ކީޕަރު މުހައްމަދު ޝަފީއު (ޗެކް)، ކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގް (ދަގަނޑޭ) އަދި އަކުރަމް އަބްދުލް ގަނީ

ޔުނައިޓެޑް ވިކްޓަރީ: ކީޕަރު އަލީ ނާޖިހް، މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއީލް އީސާ

ގްރީން ސްޓްރީޓް: މުހައްމަދު ސާއިފް އަދި ހަސަން ނަޒީމް (ޗޯޓް)

ޓީސީ: މުހައްމަދު އަޖުފާން އަދި އަލީ ޝާމިސް (ތޮއްޕެ)

ދަ ގްރާންޑޭ: ޔަޝްފާދު ހަބީބު (މުލަކޭ)