ކުލި ދެއްކޭނެ ގާބިލްކަން ނެތް ނަމަ ސަރުކާރުން ސަބްސިޑައިޒް ކުރާނެ: މަބްރޫކް
ކުލި ދެއްކޭނެ ގާބިލްކަން ނެތް ނަމަ ސަރުކާރުން ސަބްސިޑައިޒް ކުރާނެ: މަބްރޫކް

ސަރުކާރުން އިމާރާތް ކުރާ ފްލެޓްތަކަށް ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންނަށް ސަރުކާރުން ސަބްސިޑައިޒް ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އެހެން ވިދާޅުވިއިރު، ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންގެ ކުލި ސަރުކާރުން ދައްކައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މަބުރޫކް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީގައި ހިމެނޭ ހައުސިން ޔުނިޓުތައް، ވަކި އަދަދަަކަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުން ކަމަށެވެ. އޭގެ ތެރެއިން ވެސް ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންނަށް މަދުވާ ފައިސާގެ އަދަދު ނުވަތަ ކުލި އެކީ ކަނޑައިލުމަށް ފަހު ސަރުކާރުން އެ ބައިގައި ހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން މަބްރޫކް ދެއްކެވީ ސަރުކާރުން އެޕޯލޯ ހޯލްޑިންސް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއެވެ. ސަރުކާރުން ނިންމާފައި ވަނީ ކައުންސިލް ހައުސިންގެ ކެޓަގަރީން އެ މަޝްރޫއުގެ 60 ފްލެޓު 5،500ރ. އަށް ކުއްޔަށް ދިނުމަށެވެ.

"ކުލި ދެއްކޭނެ ގާބިލުކަން ނެތް ފަރާތްކަށް ސަރުކާރުން ސަބްސިޑައިޒް ކޮށްދީގެން 5،500ރ. އިން ކުލި ކުޑަ ކޮށްދިނުން ނުވަތަ ކުލި އެކީ ކަނޑާލުން،" ސަރުކާރުގެ ވިސްނުން ހާމަކޮށްދެއްވަމުން މަބްރޫކް ވިދާޅުވި އެވެ.

އެޕޯލޯގެ އިތުރުން އިންޑިއާގެ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ޖުމުލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.