23 އޯގަސްޓް 2021 - 15:28

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅުވާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހި މި އަހަރު ނިމޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ފެރީ ނިޒާމުގެ މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި އަހަރުގެ ނޮވެމްބަރަށް އެ ފިޔަވަހީގެ މަސައްކަތް ނިންމައި، ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. މި ފިޔަވަހީގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށެވެ.
އާޒިމް "މިހާރު" އަށް ވިދާޅުވީ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮވިޑް-19އާ ހެދި ދަތިތަކާ ދިމާވި ކަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މަސައްކަތް ލަސްވި ނަމަވެސް ފުރަތަމަ ފެރީ އަންނަ މަހު ޓެސްޓުކުރާނެ ކަމަށެވެ.
"ޕެންޑެމިކާ ގުޅިގެން ބައެއް ސާމާނު ގެނައުމުގައާއި އެޕްރޫވަލްސް ހޯދުމުގައި ދަތިތަކާ ދިމާވި. އެކަމަކު މިހާރު މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް. އަންނަ މަހު ޓެސްޓު ފެރީ ބޭލެވޭނެ،" އާޒިމް ވިދާޅުވި އެވެ.
ފެރީ ނެޓްވޯކުގެ ދަށުން ހައި ސްޕީޑް ފެރީ ބަންނަން ހަވާލު ކޮށްފައިވަނީ ގަލްފް ކްރާފްޓާ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް 14 ލޯންޗު ބޭނުންކުރާނެ އެވެ.
މި ހިދުމަތް ދިނުމަށް ބޭނުންކުރާ ލޯންޗުތައް ފަރުމާކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށެވެ. ކޮންމެ ލޯންޗެއްގައި 40-50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުއްޓާއި އިހަވަންދޫ އަދި ދިއްދޫގައި މިހާރު އަންނަނީ ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ފެރީ ނެޓްވޯކުން ހަ ރީޖަންގެ ހުރިހާ ރަށެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަނާ ވެސް ގުޅުވާލާނެ އެވެ.
ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލުމަށް ތިން ގޮތެއް ވަނީ ކަނޑައަޅައިފަ އެވެ. މީގެ ތެރެއިން "ކޮމިއުޓް ލިންކް"، އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދީ އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ކޮށްފައިވާއިރު "ނަން-ކޮމިއުޓް" ލިންކް ހާއްސަކޮށްފައި ވަނީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށެވެ. އަދި "ހައިވޭ ލިންކް" އަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބަކާ ގުޅުވައިދޭނެ ހިދުމަތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.