23 އޯގަސްޓް 2021 - 14:24

އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މީހާ ރ. މީދޫން ދެންމެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އުމުރުން 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މީދޫ ކައުންސިލުން ބުނީ އޭނާ އަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ މާލޭގެ މީހެއް ކަމަށާއި ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓާ ކަމަށެވެ.
ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި މީގެ ދެ ދުވަހެއް ވަރު ކުރިން އެ މީހާ ބުނެފައި ވަނީ "[ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،" ކަމަށެވެ. އަބޫޖަހުލު ގަތުލުކޮށްލީ ބަދުރު ހަނގުރާމައިގަ އެވެ.
މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، އެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާ ވެސް ގުޅިފައި ވަނީ ހަރުކަށި ފިކުރުގެ އަމަލުތަކާ އެވެ.