ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ބީއެމްއެލް އިން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ބީއެމްއެލް އިން ހުޅުވާލައިފި

މި އަހަރުގެ ތިން ވަނަ ފިޔަވަހީގައި ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ބީއެމްއެލް އިން މި ފަހަރު އަމާޒުކޮށްފައި ވަނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށެވެ. ޕްރޮޕޯސަލް ހުށަހަޅައިގެން ހޮވޭ ފަސް ފަރާތަކަށް 50،000ރ. ދިނުމަށް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފަ އެވެ.

މި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި އަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމް[email protected]އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. އަދި ބީއެމްއެލް އިން ވަނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 50 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އަދި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.