ރަނގަޅަށް ކުޅެ ނާކާމިޔާބުވުމުން ހިތްވަރު ހޯދަން އުނދަގޫ: ރިސްޓޯ
ރަނގަޅަށް ކުޅެ ނާކާމިޔާބުވުމުން ހިތްވަރު ހޯދަން އުނދަގޫ: ރިސްޓޯ

އޭއެފްސީ ކަޕުގައި މާޒިޔާ އިން ކުޅުނު ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެ ނާކާމިޔާބުވުމުން ހިތްވަރު ހޯދަން އުނދަގޫ ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި މާދަމާ ރޭ ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ކުރިން ކުޅުނު ދެ މެޗުގައި، ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވެ އެ ޓީމު ވަނީ ކަޓައިފަ އެވެ. އެ ދެ މެޗުގައި މާޒިޔާ ބަލިވި ނަމަވެސް ރަނގަޅަށް ކުޅުނުކަން ރިސްޓޯ ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ފިޔަވައި މި މުބާރާތުގައި މިހާތަނަށް މާޒިޔާ ކުޅުނު ދެ ހާފުގައި ވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

"ކުޅުންތެރިން ވަނީ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެފައި. އަހަންނަށް ހީވަނީ މޯހަން ބަގާންއާ ދެކޮޅަށް ވެސް އަހަރެމެން ބޯލް ޕޮސެޝަން ކޮންޓްރޯލް ކޮށްގެން އެ ޓީމަށް ވުރެ މާ ރަނގަޅަށް ކުޅުނިން ހެން،" ރިސްޓޯ ބުންޏެވެ.

"ޑިފެންސްގައި އަހަރެމެންނަށް ބައެއް ގޯސްތައް ހެދުނު. ހާއްސަކޮށް އަހަރެމެން ކޮޅަށް ވަން ފުރަތަމަ ގޯލްގައި. ގޯލް ޖެހި ކުޅުންތެރިޔާ ރަނގަޅަށް ކަވަރު ނުކުރެވި ހުރީ. ނަތީޖާ ހަމަހަމަ ކުރީ ވެސް ހީކުރި ވަރަށް ވުރެ މާ އަވަހަށް. އެއީ ވެސް ކުޅުންތެރިންނަށް ލިބުނު ޝޮކެއް. އެ ހާލަތުގައި ވަރަށް އުނދަގޫ ކަމެއް އެކަމުން ރިކަވާވެގެން ކުޅުން. އެކަމަކު އަހަރެމެން އެ ހާލަތުން ރިކާވާވެ ވަރަށް ރަނގަޅަށް ކުޅުނިން. އަހަރެން ފަހުރުވެރިވޭ ކުޅުންތެރިން ކުރި މަސައްކަތް ފެނިފައި."

އޭނާ ބުނީ ކުޅުންތެރިން އެވަަރަށް މަސައްކަތް ކުރިއިރު ވެސް ކާމިޔާބު ނުވުމުން މާދަމާ ރޭ އާ ޖޯޝެއް ނެރެގެން ކުޅެން އުނދަގޫ ކަމަށެވެ.

"މޯޓިވޭޝަން ހޯދަން ވަރަށް އުނދަގޫ ކަމަކަށް ވަނީ. ވަރަށް ރަނގަޅު ގޭމެއް ކުޅެފައި މެޗުން ބަލިވީމަ ކަމަށް ވެދާނެ،" ރިސްޓޯ ބުންޏެވެ.

މާދަމާ ރޭގެ މެޗުގައި ކުޅުންތެރިންގެ 100 ޕަސެންޓް ނެރޭނެ ސަބަބުތަކެއް ހޯދަން މާޒިޔާ އަށް މުހިންމުކަން ފާހަގަކޮށް ރިސްޓޯ ބުނީ ކްލަބުގެ ޝަރަފަށްޓަކައި ކުޅެންޖެހޭނެ ކަމަށެވެ. އަދި ގުރޫޕްގެ ފުލުން ސަލާމަތް ވުމަށްޓަކައި މެޗު ކާމިޔާބު ކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރި އެވެ.

"އަސްލު ހާސިލު ކުރަން އައި ކަންކަން މިހާރު ހާސިލުވާން ނެތީމަ މޯޓިވޭޓް ކުރުމަކީ އުނދަގޫ ކަމެއް،" ރިސްޓޯ ބުންޏެވެ. "އަހަންނަށް އެނގޭ ކުޅުންތެރިން. ހާއްސަކޮށް އެއް ބަބުލްއެއްގައި އެއް ހޮޓަލެއްގައި އެއް މަސް ދުވަސްވަންދެން ތިބެފައި އައީމާ، އެންމެން ވެސް ތިބީ އާއިލާ ދެކެން ބޭނުންވެފައި. އެކަމަކު އަހަރެމެން ކުރަން ޖެހޭ ކަމެއް އަހަރެން ކުރަން ޖެހޭނެ. އަހަރެމެން ޖެހޭނެ ޕްރޮފެޝަނަލް ވާން. މި މެޗުގައި ވެސް އެންމެ މަތީ ފެންވަރު ނެރެންޖެހޭނެ."

ރިސްޓޯ ބުނީ މެޗުގައި ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ. އެއީ އަންނަ އަހަރަށް ޓީމު ތައްޔާރު ކުރުމަށެވެ. އަދި އެ ލެވެލްގައި ޕާފޯމް ކުރެވޭނެތޯ ބަލަން ބައެއް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަންނަ އަހަރަށް ޓީމު ތައްޔާރު ކުރާއިރު އޭނާ މާޒިޔާގައި މަޑު ކުރާނަންތޯ ސުވާލު ކުރުމުން ސާބިއާ އަށް ނިސްބަތްވާ ކޯޗު ބުނީ އޭނާ އަށް އަދި ހުށަހެޅުމެއް ނާންނަ ކަމަށެވެ.

"އަހަންނަށް އެއްވެސް އޮފާއެއް ނުލިބޭ. އެހެންވީމަ އަހަންނަކަށް ނޭނގެ ތިކަމާ ބުނާނެ އެއްޗެއް،" ކޮންޓްރެކްޓާ ބެހޭގޮތުން ސުވާލު ކުރުމުން ރިސްޓޯ ބުންޏެވެ.

ބެންގަލޫރު އެފްސީ އާއި މާޒިޔާ އަކީ އޭއެފްސީ ކަޕުގައި ގިނަ މެޗުތަކެއްގައި ބައްދަލު ކުރި ދެ ޓީމެވެ. މިިދޔަ އަހަރު އޭއެފްސީ ކަޕު ގުރޫޕް ސްޓޭޖަށް ބެންގަލޫރަށް ނުވަދެވުނީ މާޒިޔާ އަތުން ބަލިވުމުންނެވެ. މިދިޔަ އަހަރު މާޒިޔާ އަތުން ބެންގަލޫރު ބަލިވިޔަސް އެ ޓީމުން ނުކުންނާނީ ބަދަލު ހިފުމުގެ ރޫހުގައި ނޫން ކަމަށް ރިސްޓޯ ބުންޏެވެ.

އަންނަ އަހަރު ވެސް އޭއެފްސީ ކަޕުގައި މާޒިޔާ ވާދަ ކުރާނެ އެވެ. އަދި މިފަހަރު ވެސް މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް ވެސް ވާދަ ކުރާނެ އެވެ. އަދި އިންޑިއާގެ ގޮކުލަމް ކެރެލާ އެފްސީ ވެސް ވާދަކުރާނެ އެވެ.