ހަރުފަ ވިހަލާފައިވާ މަންމަގެ ގާތުން ބުއި ކުއްޖަކު ވިހަވެ މަރުވެއްޖެ
ހަރުފަ ވިހަލާފައިވާ މަންމަގެ ގާތުން ބުއި ކުއްޖަކު ވިހަވެ މަރުވެއްޖެ

ހަރުފައެއް ދަތްއެޅުމުގެ ސަބަބުން ވިހަވެފައިވާ މައިމީހާގެ ގާތުން ކިރު ބޮވިގެން ދޮޅު އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ އިންޑިއާގެ އަނަންތުޕޫރްގެ ގޫޓީ މަންޑަލް ހިސާބުގައި އޮންނަ ލަޓްޗަންޕަލީ ކިޔާ އަވަށެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިންޑިއާ ޓުޑޭގައިވާ ޚަބަރެއްގައިވާ ގޮތުން ޗަންދުރަލޭކާ ކިޔާ އަންހެންމީހާ އާއި އޭނާގެ ފިރިމީހާ ލިންގަންނާ ތިބީ އެމީހުންގެ ގޭގައި ދޮޅު އަހަރުގެ ދަރިފުޅު ގޮވައިގެން ނިދާފަ އެވެ.

ޗަންދުރަލޭކާއަށް ދަންވަރު ހޭލެވުނީ އޭނާގެ ފައިގައި އެއްޗެއް ކަށިޖަހައިގެން ދިލަ ނަގަން ފެށުމުންނެވެ. މަދިރިއެއް ނުވަތަ ހިންޏެއް ފަދަ އެއްޗެއް ދަތްއެޅީ ކަމަށް ހިތާ އެ އަންހެންމީހާ އަނެއްކާވެސް އޭނާގެ ދަރިފުޅު ކައިރީގައި އޮށޯވެ ނިދީ އެވެ. އިރުކޮޅެއް ފަހުން ދަރިފުޅު ބަނޑުހައިވެގެން އުޅެން ފެށުމުން އެ އަންހެންމީހާ ދަރިފުޅަށް ކިރު ޖެއްސީ އެވެ.އަނެއް ދުވަހު ހެނދުނު ޗަންދުރަކޭލާގެ ފިރިމީހާ ލިންގަންނާ ހޭލި އިރު ޗަންދުރަކޭލާ އާއި ދަރިފުޅުގެ އަނގައިން އޮތީ ފޮނުތަކެއް ނުކުމެފަ އެވެ.

ގޫޓީ ގަވަންމަންޓް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޗަންދުރަލޭކާ ވަނީ މަރުވެފަ އެވެ. ކުޑަ ކުއްޖާ ވެސް އޭގެ ފަހުން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. ޝައްކު ކުރެވެނީ ޗަންދުރަލޭކާގެ ފައިގައި ހަރުފަ ދަތްއެޅުމަށް ފަހު އޭނާގެ މުޅި ހަށިގަނޑަށް ވިހަތައް ފެތުރި އޭނާގެ ކައިރިއަށް އަރާފައިވާ ކިރަށް ވެސް ވިހައިގެ އަސަރު ކުރީ ކަމަށެވެ. އަދި ކުޑަ ކުއްޖާއަށް އެ ކިރު ބޮވިގެން އެ ކުއްޖާ ވެސް ވިހަވީ ކަމަށެވެ.

އިންޑިއާގެ އަވަށްތަކުގައި ހަރުފަ ވިހަ ލައިގެން މީހުން މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް ކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ. މި ދެމައިންގެ މަރުގެ ސަބަބުން، އެމީހުން ދިރިއުޅުނު ކުޑަކުޑަ ފަގީރު އަވަށުގެ މީހުން ވަނީ ވަރަށް ބޮޑަށް ބިރުގެންފަ އެވެ.

އަންދްރަޕްރަދޭޝްގެ މި ސަރަހައްދުގައިވާ އަވަށްތަކުގައި ހަރުފަ ވިހަވުމުން ޖަހާ އިންޖެކްޝަން ސްޓޮކްކޮށްފައި ނުހުންނަ ކަމަށްވެ އެވެ. މިހިސާބުގަނޑުގެ ގިނަ މީހުންގެ ގަޔަށް ހަރުފަ ވިހަލުމުން ހޮސްޕިޓަލާ ހަމައަށް ގެންދެވޭއިރު ވެސް އޮންނަނީ މަރުވެފަ އެވެ.