23 އޯގަސްޓް 2021 - 12:06

އައްޑޫގައި ކަރަންޓީނުގައި ހުރި އުމުރުން 92 އަހަރުގެ އަންހެނަކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސެއިން ވިދާޅުވީ އެމީހާއަކީ ކޮވިޑް ޖެހުނު މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެގެން ހިތަދޫގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.
އެކަމަކު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ އަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސާފީ ވިދާޅުވި ގޮތުގައި އެ މީހާގެ މަރަކީ ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޭނާ މަރުވި ފަހުން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ އެވެ.
މިއީ އައްޑޫން ކޮވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ. މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 224 އަށް އެރީ އެވެ.
އައްޑޫގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އިތުރުވަމުން އަންނައިރު އެ ރަށުގައި އޮތީ އެއްވެސް ފިޔަވަޅެއް ނާޅައި ދޫދީފަ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަށް މޮނިޓަރިން އިން ނެގި ނަމަވެސް ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެކަމަކު އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރަށުގެ ޓާސްކް ފޯހުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.