23 އޯގަސްޓް 2021 - 12:01

އަފްގާނިސްތާނުގެ ސަރަހައްދުތަކުގެ ތެރެއިން މިހާރު ތާލިބާނުންގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ޕަންޖްޝޭރް ވާދީ ހިފުމަށް، ތާލިބާނުންގެ އެތައް ސަތޭކަ ހަނގުރާމަވެރިން އެ ސަރަހައްދަށް ފޮނުވައިފި އެވެ.
ވެރިރަށް ކާބުލްގެ އުތުރުން 150 ކިލޯމީޓަރު ދުރުގައި އޮންނަ ޕަންޖްޝޭރް ވާދީއަކީ ތަޖިކް ދަރިކޮޅުގެ މީހުން އުޅޭ ސަރަހައްދެކެވެ. އެ ވާދީގައި ގާތްގަނޑަކަށް އެއް ލައްކަ މީހުން ވަޒަންވެރިވެ ދިރިއުޅެމުން ދެ އެވެ.
ޕަންޖްޝޭރް ވާދީއަކީ، ސޮވިއެޓް ޔޫނިއަންގެ އަޅުވެތިކަމާ ދެކޮޅަށް، މުޖާހިދުން ކުރި ހަނގުރާމައިގެ މަޝްހޫރު ކޮމާންޑަރެއް ކަމަށްވާ އަހްމަދު ޝާހް މަސްއޫދުގެ ނުފޫޒު އޮންނަ ސަރަހައްދެކެވެ. މިހާރު އެ ސަރަހައްދު އޮންނަނީ، ޝާހުގެ ދަރި އަހްމަދު މަސްއޫދުގެ ނުފޫޒުގެ ދަށުގަ އެވެ.
ތާލިބާނުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ސުލްހަވެރިކަމާ އެކު، އެ ސަރަހައްދު ތާލިބާނުންގެ ބާރުގެ ދަށަށް ދޫކޮށްލަން، ޕަންޖްޝޭރް ވާދީގެ އިސް ވެރިން ދެކޮޅު ހަދާތީ، އެ ސަރަހައްދު ހިފުމަށްޓަކައި އެތައް ސަތޭކަ ހަނގުރާމަވެރިން މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.
ތާލިބާނުން އެ ސަރަހައްދަށް މިސްރާބު ޖަހާފައިވާ އިރު، އަހްމަދު މަސްއޫދު ބުނެފައިވަނީ ތާލިބާނުން ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދު ހިފަން އުޅެފި ނަމަ، ބޮޑު ލޭއޮހޮރުވުމެއް ހިނގާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ، އެންމެ ފަހު މީހާއާ ޖެހެންދެން ވެސް، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރަން އެ ވާދީގެ ހަނގުރާމަވެރިން ނިންމައިގެން ތިބުމެވެ.
އެންމެ ފަހުން ތާލިބާނުން އަފްގާނިސްތާނުގެ އެކި ސަރަހައްދުތައް ހިފަމުން ދިޔަ ދުވަސްވަރު ވެސް، ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ވާގިވެރިވަމުން ދިޔައީ ސަރުކާރު ސިފައިންނަށެވެ.
މިދިޔަ ހަފުތާގައި އަހްމަދު މަސްއޫދު ވަނީ، ހުރިހާ ގަބީލާތަކެއް ގުޅިގެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލައިފަ އެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ބުނެފައިވަނީ، ތާލިބާނުންނާ އެކުގައި ސުލްހަވުމަށް އޮތް ހަމައެކަނި ޝަރުތަކީ ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރަން ތާލިބާނުން އެއްބަސްވުން ކަމަށެވެ. އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެކި ގަބީލާތަކުގެ މީހުންނަށް އިޖްތިމާއީ އަދުލުވެރިކަމާއި ހަމަހަމަ ހައްގުތަކާއި ފުރިހަމަ މިނިވަންކަން ކަށަވަރުވާނެ ނިޒާމަކީ އެއީ ކަމަށް ވެސް އޭނާ ބުންޏެވެ.
އަހްމަދު މަސްއޫދު އިއްޔެ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ތާލިބާނުންނާ އެކުގައި ސުލްހައިގެ ވާހަކަތައް ދެއްކުމަށް ޕަންޖްޝޭރް ވާދީގެ ހަނގުރާމަވެރިން ތިބީ ތައްޔާރަށެވެ. އަދި އެ ސަރަހައްދުގައި ހަނގުރާމައެއް ފަށަން ބޭނުންނުވާ ކަމަށާއި، ނަމަވެސް ގަދަބާރުން ކަންތައް ކުރަން އުޅެފި ނަމަ ނަތީޖާ ނުބައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.