ޝޭވަރެއް ވަގަށް ނެގި މީހަކަށް 8،600ރ. ގެ ޖޫރިމަނާއެއް
ޝޭވަރެއް ވަގަށް ނެގި މީހަކަށް 8،600ރ. ގެ ޖޫރިމަނާއެއް

ޝޭވަރެއް ވަގަށް ނެގި ކަމަށް އިއުތިރާފުވި މީހަކު 8،600ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޝޭވަރެއް ވަގަށް ނެގުމުން ހުކުމްކުރީ ސެޕްޓެމްބަރު 8، 2018 ގައި އިހްސާން ފިހާރަ އަށް ވަދެ ފިޔާތޮށި ކުލައިގެ، ކެމީ ބްރޭންޑްގެ ޝޭވަރެއް ވަގަށް ނެގި އަހްމަދު ޒަމީރު ކިޔާ މީހަކަށެވެ.

އުމުރުން 37 އަހަރުގެ ޒަމީރު ވަނީ ޝަރީއަތުގައި ކުށަށް އަމިއްލަ އަށް އިއުތިރާފްވެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޒަމީރު ބުނެފައި ވަނީ އޭނާ އަކީ އާއިލާގެ އެންމެ ދޮށީ މީހާއަށް ވެފައި މުސްކުޅި މަންމަ ވެސް ބަލަހައްޓަންޖެހޭނީ އޭނާ އަށް ކަމަށެވެ. އެހެންވެ ޖަލު ހުކުމެއް ޖޫރިމަނާގެ އަދަބަކަށް ކަނޑައަޅައިދޭން އެދުނެވެ.

ވައްކަމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ކުށަށް ޝަރީއަތުގައި އިއުތިރާފުވެއްޖެ ނަމަ އަދަބު އެއް މަހާއި 24 ދުވަހަށް ކުޑަވެ އެވެ.

އޭނާ އަކީ ދުވާލަކު 600ރ. ލިބޭ މަސައްކަތެއް ކުރާ މީހެއް ކަމަށާއި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިފި ނަމަ ފައިސާ ދެއްކޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މަސައްކަތް ކުރެވޭނީ ވެސް ޖޫރިމަނާގެ އަދަބެއް ދިނުމުން ކަމަށް ބުނެފައިވެ އެވެ.

އޭނާ އެދުނު ގޮތަށް ގާޒީ މުހައްމަދު މިސްބާހު ނިންމެވީ، އަދަބު ބަދަލު ކުރަން ގާޒީއަށް ލިބޭ އިހްތިޔާރުގެ ދަށުން އޭނާގެ އަދަބު 8،600ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްދޭށެވެ.

މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ، އަދި މިފަދަ މައްސަލައެއްގައި މީހަކު ޖަލަށްލުމުން ދައުލަތުގެ މައްޗަށް އަންނާނެ މާލީ އަދި އިދާރީ ބުރައަށާއި، ދައުވާ ލިބޭ ފަރާތަށް ކުށުގެ ވެށިން ދުރުވާން ބާރު އެޅޭ މިންވަރަށް ބަލާއިރު ޖަލުގެ އަދަބެއް ކަނޑައެޅުމަށް ވުރެ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު ބޮޑު ކަމަށް ހުކުމުގައިވެ އެވެ.