23 އޯގަސްޓް 2021 - 11:45

ރ. ދުވާފަރު ސްކޫލްގެ ތިޖޫރިއާ ހަވާލުވެ ހުރި އެ ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލަކު ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ އަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުން ލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ދުވާފަރު ސްކޫލް ތިޖޫރިން 496،355.23ރ. ގެއްލުނު މައްސަލާގައި އެ ތިޖޫރީއާ ހަވާލުވެ ހުރި އަހްމަދު މުހައްމަދު ފުޅުގެ މައްޗަށް ދައުލަތުން ކުރީ، ސަރުކާރުގެ ފައިސާ ބެލެހެއްޓުމާ ހަވާލުވެ ހުރެ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ދައުވާ އެވެ. އަދި ގެއްލުނު ފައިސާ އޭނާގެ އަތުން ހޯދަން ދައުވާގައި ދައުލަތުން އެދުނެވެ.
އަހްމަދު ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވިޔަސް ޝަރީއަތުގެ މަޖިލީހުގައި ކުރީ އިންކާރެވެ. އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި އޭނާގެ އިއުތިރާފް ބަޔާނުގެ އިތުރުން ފަސް މީހަކު ހެކިވެރިންގެ ގޮތުގައި ހުށަހެޅި އެވެ. އަހުމަދުގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށައެއް ނާޅަ އެވެ.
ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި ސްކޫލުގެ އޭރުގެ ޕްރިންސިޕަލް ބުނެފައި ވަނީ އެ ފައިސާ ގެއަށް ގެންގޮސްގެން އުޅެނިކޮށް ގެއްލުނީ ކަމަށް އަހުމަދު ބުނި ކަމަށެވެ. އަދި އޭރު އެކަމާ ހެދި އޭނާގެ މުސާރައިން ކޮންމެ މަހަކު 2000ރ. އެޑިއުކޭޝަން މިނިސްޓްރީން ކަނޑަމުން ދިޔަ ކަމަށް އެހެން ހެކިވެރިއަކު ބުނެފައިވެ އެވެ.
މި މައްސަލައިގައި އިއްޔެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ތިޖޫރީގެ ތަޅުދަނޑި ގެއްލުނުކަން އަހުމަދު ރިޕޯޓުކޮށްފައި ނެތުމަކީ ވެސް އޭނާގެ ނުބައި ނިޔަތެއް އޮތް ކަމުގެ ދަލީލެއް ކަމަށެވެ. ތިޖޫރީގެ ތަޅުދަނޑި ގެއްލުނުކަން ވެސް އެނގުނީ ފައިސާގެ ކަމެއް ދިމާވެގެން އަހުމަދާ ސުވާލު ކުރުމުންނެވެ.
އޭނާގެ މައްޗަށް ލުއި އަދަބެއް އައީ ދައުވާކުރި އިރު އަމަލުކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގައި އޮތް އަދަބަށް ވުރެ މިހާރު އޮތް އަދަބު ލުއިވާތީ، ލުއި އަދަބެއް ކަނޑައަޅަން ދައުލަތުންނާއި ދައުވާ ލިބޭ ފަރާތުން ވެސް އެދިފައި ވާތީ އެވެ. މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގައި އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ދައުވާކުރި އިރު އޮތް ގާނޫނުގެ ދަށުން ހުކުމްކުރާ ނަމަ 44 އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުމުގެ އަދަބެއް އާދެ އެވެ.
ގާނޫނީ ހަމަޔަކީ ވެސް ކުށެއް ކުރި މީހާ އަށް ހުކުމްކުރުމާ ދެމެދު، ގާނޫނަކުން އަންނަ ބަދަލަކުން ލުޔެއް ލިބޭ ނަމަ އެ ލުޔެއް ދިނުމެވެ.
އަހްމަދު ކުށް ކުރިތާ މިހާރު އެތައް އަހަރެއް ވެފައި ވުމާއި އޭނާ އަކީ ކުރިން ކުށެއް ކޮށްފައިވާ މީހަކަށް ވެސް ނުވާތީ ޖަލަށް ލުމުގެ ބަދަލުގައި ހުކުމްކުރީ 115،200ރ. އިން ޖޫރިމަނާކުރުމަށެވެ. އެއީ ހުކުމުގައިވާ ގޮތުން ނަމަ މުޖުތަމައުން އެކަހެރިކުރުމުގެ ބަދަލުގައި މުޖުތަމައު އަށް ފައިދާކުރުވަނިވި މީހަކަށް ވުމުގެ ފުރުސަތު ލިބޭ ހުކުމެއް ކުރުމީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ފެންނާތީ އެވެ.
ޚިޔާނާތްތެރިވި ފައިސާ އަނބުރާ ދައްކަން މި ހުކުމުގައި ކަނޑައެއް ނާޅަ އެވެ. އެއީ ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު އެ ބުނާ އަދަދު ކަށަވަރު ނުވާތީ އެވެ. ނަމަވެސް އެ ފައިސާ އަނބުރާ ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.