އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން މަތީގައި، ފިޔަވަޅެއް ނާޅާ!
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން މަތީގައި، ފިޔަވަޅެއް ނާޅާ!

އައްޑޫގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.

ކޮޮވިޑް ފެނިގެން ބަންދުކޮށްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވައިލީ މިދިޔަ ޖުލައި 19 ގަ އެވެ. އޭރު ވެސް އައްޑޫގެ އެކި ރަށްރަށުން މަދުމަދުން ކޭސްތައް ފެންނަމުންދިޔަ އެވެ.

އެކަމަކު މިހާރު އައްޑޫގައި ކޮވިޑް ބަލި ޖެހިފައިވާ 146 މީހަކު އެބަ ތިއްބެވެ. އެއީ ހިތަދޫން 12 މީހަކާއި މަރަދޫންް 81 މީހެއްގެ އިތުރުން މަރަދޫ ފޭދޫން 39 މީހަކާއި ފޭދޫން 14 މީހެކެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސެއިން ވިދާޅުވީ، ފޭދޫން ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކާއި ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ހިމެނޭ ކަމަށެވެ.

ކޮވިޑް ކޭސްތައް ފެންނަމުން ދިޔަ ނަމަވެސް މި ވަގުތު މޮނިޓަރިން އަށް ނުލައި އޮތް އައްޑޫގައި މި ފަހުން ކޮންމެ ދުވަހަކު ވެސް ކޮވިޑްްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެކަމަކު ކޮވިޑުން ރައްކާތެރިވުމަށް މިވަގުތު އައްޑޫގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާއިރު މުޅި ރަށް އޮތީ ދޫކޮށްލައިފަ އެވެ.

ނަމަވެސް ސާފީ ވިދާޅުވިގޮތުގައި، އައްޑޫގެ ޓާސްކް ފޯހުން ދަނީ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންނެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން ހިމެނޭ އައްޑޫން މިހާތަނަށް 748 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އެ ސިޓީން ބަލީގައި ދެ މީހަކު މަރުވެފައިވާއިރު، ކޮވިޑް ފެސިލިޓީގައި މި ވަގުތު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ. އެއީ ކޮވިޑް ޖެހިގެން ފުވައްމުލަކުން އައްޑު އަށް ގެންދިޔަ މީހެކެވެ.