23 އޯގަސްޓް 2021 - 11:02

ގައުމީ ޓީމުން ފުރުސަތު ލިބޭ ނަމަ ރިޓަޔާމެންޓް އުވާލާފައި އަލުން ކުޅެން ތައްޔާރު ކަމަށް ތަޖުރިބާކާރު މިިޑްފީލްޑަރު އަސްހަދު އަލީ (އަޑޭ) ބުނެފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި، އަޑޭ ގައުމީ ޓީމުން ރިޓަޔާ ކުރީ މާޗް 2018 ގަ އެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ އޭރުގެ ކޯޗް ޕީޓާ ޝެގަޓްގެ ކުއްލިި ނިންމުމަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު މެޗުގައި އެ އަހަރު ބޫޓާންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޭރުގެ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން ބޭރު ކުރުމަށް ޝެގަޓް ނިންމި އެވެ. ޓީމުގެ ވައިސް ކެޕްޓަނެއްގެ ހައިސިއްޔަތުން ގައުމީ ޓީމު މެޗުތަކުގައި އެންމެ ގިނައިން ކެޕްޓަން ބޭންޑް އަޅާފައިވާ ކުޅުންތެރިޔަކީ އަސްހަދެވެ. ދަގަނޑޭ ނެތި ކުޅެން ޖެހުނު ގިނަ މެޗުތަކުގައި ކެޕްޓަން ބޭންޑް އެޅި ކުޅުންތެރިޔަކީ ވެސް އަސްހަދެވެ. އަޝްފާގު ޓީމުން ވަކި ކުރުމަށް ފަހު ޝެގަޓް ނިންމީ އަސްހަދު އަތުން ކެޕްޓަން ބޭންޑު ނެގުމަށެވެ. އެކަމާ ހިތްހަމަ ނުޖެހި އޭރު ބޫޓާންއާ ދެކޮޅަށް ކުޅެން އޮތް ދުވަހު އަސްހަދު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
އަޝްފާގު އާއި އަސްހަދު ނެތި ގައުމީ ޓީމުން އެރޭ ވަނީ ބޫޓާން ކޮޅަށް ހަތް ލަނޑު ޖަހައިފަ އެވެ. އެއީ ރާއްޖެ އިން މިހާތަނަށް ބޫޓާންއާ ދެކޮޅަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
އަސްހަދު "މިހާރު" އަށް ބުނީ، އޭނާ ގައުމީ ޓީމަށް ނެގުމާއި ނުނެގުން އޮތީ ކޯޗު އަތްމަތީގައި ކަމަށެވެ. ގައުމީ ޓީމަށް އޭނާ ނަގަން ކޯޗު ނިންމައިފި ނަމަ އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރު ކަމަށެވެ.
އަސްހަދު މިދިޔަ ސީޒަންގައި ކުޅުނީ ކްލަބު އީގަލްސް އަށެވެ. އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އޭނާ ކުޅެން ނުކުތީ ސީޒަންގެ އެންމެ ފަހު ކޮޅުގަ އެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ބޫޓާންގެ ތިމްޕޫ ސިޓީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އެންމެ ފަހުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ގައުމީ ޓީމުގެ ގިނަ މެޗުތަކުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ އަސްހަދެވެ. ބަންގްލަދޭޝްގައި 2016 ގައި ބޭއްވި ބަންގުބަންދު އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ އޭނާ އެވެ. އެ މުބާރާތަށް ރާއްޖެ ދިޔައީ އޭރުގެ ސީނިއާ ގިނަ ކުޅުންތެރިން ނުހިމަނަ އެވެ.
ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި ގައުމީ ޓީމަށް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ކްލަބު ލެވަލްގައިި ގިނަ މެޗުތަކެއްގައި އަސްހަދަށް އިރުޝާދު ދިން އަލީ ސުޒޭން އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.